މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު އަލަށް ލިބޭ އުމުރުން 18 އަހަރާ 23 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

400 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވުމާއެކު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ޒުވާނުންގެ ހާއްސަ އިވެންޓަށް ޑރ. މުއިއްޒުގެ ދެކަނބަލުންނާ، އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޒިޔާރަތްކުރައްވައިފައެވެ.

މި އިވެންޓުގައި ޒުވާނުންނާއެކު ގޭމް ކުޅުއްވުމުގައި ޑރ.މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިވެންޓުގައި ބެހެއްޓިފައި ހުރި ފޮޓޯ ބޫތުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންނާ، އީ-ގޭމް ކުޅެން ޝައުގުވެރި ގިނަ ޒުވާނުންނާއެކު އޭނާ ވަނީ ފޮޓޯ ނަންގަވައިފައެވެ.

މުއިއްޒު ފޯ އީ ސްޕޯރޓްސް އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އެއްވެ ތިބި ޒުވާނުންނާއި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވަނީ އީ-ސްޕޯޓްސް ގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

"ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ސްޕޯޓްސް 3 އެރީނާ އަޅުގަނޑު ޤާއިމް ކޮށްދޭނަން. އެއީ ރާއްޖޭގެ އުތުރާ ދެކުނާ އަދި މާލެ ސަރަޙައްދުގައި." އޭނާ ވިދާޅުވިއެވެ.

އަދި ޑރ. މުއިއްޒު ވަނީ ޒުވާނުންނަށް ރަނގަޅު ހިޔާވަހިކަމާ، ތައުލީމާ ވަޒީފާގެ ފުރުޞަތުވެސް ބޭނުންވާ ކަން ފާހަގަކުރައްވާފައެވެ.

"ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށްވެސް އެޕާޓްމަންޓް ލިބޭނެގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި ހަދާނަން. ވަރަށް އެކަށޭނަ ހެޔޮ އަގެއްގައި. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްވެސް ހިމެނޭ."

މުއިއްޒު ފޯ އީ ސްޕޯރޓްސް އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

ގެދޮރާއި ތަޢުލީމާއެކު ވަޒީފާގެ ފުރުޞަތުވެސް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ، "އެކުއްޖެއްގެ ހުނަރު ބޭނުންކޮށްގެން އިންޓަރނޭޝަނަލް މާރކެޓްގައި ސެލަރ އެކައުންޓް ހުޅުވައި އާމުދަނީ ހޯދޭނެ ގޮތަށް ޕޭމަންޓް ސިސްޓަމް ގާއިމްކޮށްދެއްވާނެ" ކަމަށެވެ. އަދި ޒުވާނުންނަށްޓަކައި އިތުރު ވަޒީފާވެސް އުފައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިރޭގެ މި އިވެންޓާއި ގުޅުވައިގެން ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިޔުނިޓީއިން، "މުޢިއްޒު ފޮރ އީ-ސްޕޯޓްސް" ގެ ނަމުގައި ޚާއްޞަ މުބާރާތެއް ބާއްވާފައިވެއެވެ.

ފީފާ23 އީ-ގޭމް ކުޅުމަށް ބޭއްވި މި މުބާރާތުގައި ރާއްޖޭގައި ތިބި އީ-ގޭމަށް އެންމެ ހުނަރުވެރި ޒުވާނުންގެ ތެރެއިން 32 ޒުވާނަކު ބައިވެރިވިއެވެ.

އަށް ގަޑިއިރަށް ދެމިގެންދިޔަ މި އީ-ގޭމް މުބާރާތުން 1 ވަނަ ހޯދީ ހާއިސް ޙުސައިން ޙިލްމީ އެވެ. މުބާރާތުގެ 1 ވަނައަށް ވަނީ 15000 ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ. މީގެ އިތުރުން، އަލަށް ވޯޓުލުމުގައި މިއަހަރު ބައިވެރިވާ ޒުވާނުންގެ މެދުގައިވެސް މުބާރާތްތަކެއް ބާއްވައި އިނާމު ދީފައިވެެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއް ވުމަށް އެކަލާނގެ އަންގަވައެވެ. ދެން އެކަމެއް ވެދެއެވެ. ދިވެހިރާއްޖޭއަކީ މުސްލިމުންގެ ރާއްޖެއެކެވެ. ލާދީނީ ކަންކަމަށް މިރާއްޖޭގެ މުސްލިމުން ތަރްޙީބެއް ނުދެއެވެ. މިރާއްޖޭގެ މުސްލިމުން ބޭނުންވަނީ މުސްލިމު ރައީސެކެވެ. އިސްލާމްދީނަށް ނަޞްރުދެއްވާނެ ރައީސެކެވެ. ލިވާޠުކުރާ މީހުންނާއި އިސްލާމްދީނަށް ހަޖޫކިޔާ މީހުންނަށް ނޫނެކޭ ވިދާޅުވާނެ ރައީސެކެވެ.