ކައިވެނި ނުކޮށް ތިބި ޒުވާނުންނަށްވެސް ގޯތިގެދޮރު ދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރޭ ޒުވާނުންނާއެކު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް އިވެންޓުގައި ޑރ.މުއިއްޒު ވިދާޅުވީ، ޒުވާނުންނަށް ގިނަ ކަންކަން ބޭނުންވާ ކަމަށާއި، ހުރިހާ ޒުވާނުންނަށްވެސް ހިޔާވަހިކަން ހޯދައިދިނުމާއި، ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަކޮށްދިނުމަކީ ކޮށްދޭން ޖެހޭ ކަންކަން ކަމަށެވެ.

"ފުދުންތެރި ދިރިއުޅުމެއް ލިބުން. ގޯތިގެދޮރު. ތަޢުލީމު. ރަނގަޅު މާޙައުލެއް. މިކަހަލަ ކިތަންމެ ކަމެއް ޒުވާނުންނަށް ބޭނުންވޭ. ވެރިކަމަށް އަންނަ ބަޔެއްގެ ފަރާތުން ޒުވާނުން އުންމީދުކުރާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑަށް އެނގޭ މާލޭގައި ވަރަށް ކުދިކުދި ޖާގައިގާ ވަރަށް ދަތީގައި އުޅޭ ޒުވާނުންވެސް އެބަ ތިބިކަން. އެފަދަ ހުރިހާ ޒުވާނުންނަށްވެސް ހިޔާވަހިކަން ހޯދައިދިނުން، ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަކޮށްދިނުން، މިއީ ކޮށްދޭން ޖެހޭ ކަންކަން.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އިންޓަނޭޝަނަލް އީސްޕޯޓްސް އެރީނާއެއް މާލޭގެ އިތުރުން، ރާއްޖޭގެ އުތުރާއި، ދެކުނުގެ ދެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުން މާލޭގައި އުޅޭ ދަތި ހާލު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެެވެ.

އެހެންކަމުން، 18 އަހަރު ފުރުމާ އެކު، އަމިއްލަ ހައުސިން އެއް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން އެފޯޑަބަލް ހައުސިންއެއް ޒުވާނުންނަށް ފޯރުކޮށްދީގެން ލައިފް އެއް ބިލްޑު ކުރަން ފުރުސަތު ދޭން" މުއިއްޒު ވިދާޅުވިއެވެ.

400 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި އިވެންޓުގައި ކުރިއަށް ދިޔަ އީ-ގޭމިން ބައެއް އިވެންޓުތަކުގައި ޑރ.މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

އިވެންޓަށް ޑރ. މުޢިއްޒާއި އޭނާގެ ރަނިންމޭޓް ވަޑައިގަތުމާއެކު "ވޯޓް ފޮރ މުޢިއްޒު" ގެ އަޑުން ޒުވާނުންގެ އަޑު ވަނީ އެ ހޯލުގައި ގުގުމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހޮޅި ވާހަކައެއް، ހަމަޔަގީން ތިޔަކަމެއް ،ނުވާނެ

    4
    3
  2. Anonymous

    ކާވެނި ނުކޮށް ތިބި ޒުވާނުން ކާވެނިކުރުވައި ޒިނޭކުރުމާއި އެހެނިހެން ފާފަތައް ކުރުމުން ސަލާމަތްކޮށްދެއްވާނީ ތިޔައިގެ ތެރެއިން ކޮން ބޭފުޅެއްބާ؟

    2
    1