ސިނަމާލެ ބްރިޖު ހަޤީގަތަކަށް ހެދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން ފަހުރުވެރިވާ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ އެހެން ވިދާޅުވެފައިވެ ސަރުކާރަށް ތައުރީފްކޮށްފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އަދި ޓްވީޓްގައި އެކަމަނާ ވަނީ ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ސަބަބުން މަންފާ ކުރާނެ ކަމެއް ކަމުގައި ވިދާޅުވެފައެވެ. ހުޅުމާލެ ހަގީގަތަކަށް ހެއްދެވި ރައީސް މައުމޫންގެ ހަދާން އާކުރަން ޖެހޭ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ފޮރިން މިނިސްޓަރ ކަމާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަން ވެސް ކުރެއްވާފައިވާ ދުންޔާ މައުމޫން ސަރުކާރުގެ ވަޒީފާތަކުން އިސްތިއުފާދެއްވާފައިވަނީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ހިނގާދިޔަ ކަންތަށްތަކުގައި އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ކުރެއްވު ތާއީދު އަބުރާ ގެންދިޔުމާއި އެކު އެމަހުގެ 27 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ސަރުކާރާއި އެކުވެސް އަދި އިދިކޮޅު ހަރަކާތްތަކުގައިވެސް ދުންޔާ ހަރަކާތްތެރިވެފައެއް ނުވެއެވެ. އިސްތިއުފާ ދެއްވަމުން ދުންޔާ ވިދާޅުވީ އެކަމަނާ ހުންނެވީ ބައްޕާފުޅާއި އެކުގައި ސާބިތުކަން މަތީގައި ކަމަށެވެ.