ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކަށް އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 10:00 ގައެވެ.

މަޖިލިހުގެ ޖަލްސާ އެޖެންޑާގައި ހަމައެކަނި އޮތީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް އިންތިހާބު ކުރުމުގެ މައްސަލައެވެ.

މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ މަޖިލިހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނެވި އިރު، މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އެ ޕާޓީން ގެންދަނީ މަޖިލިހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާ އެންމެހާ އަމަލުތައް ހިންގަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ގަރާރު ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް ކުރިއަށް ނުގެންދެވުނީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ.

އޭރު މަޖިލީހުގެ އިދާރާއިން ނިންމާފައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އެކަމާ ދެކޮޅު ހަދައި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ މަޖިލިހުގެ ނައިބު ރައީސް ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅުއްވައިފައެވެ. ނަމަވެސް ވަކި ހިސާބަކުން ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަހަސަންއަލީ

    ނަސީދުގެ ނަމުގެ ކުރިޔަށް އިސްތިއުފާދޭ ރައީސް ނަސީދު ކިޔުން ރަގަޅު އެއީ ސަރަފުވެރި ލަގަބެއް

  2. މުޖާހިދުﷲ

    އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް މި ދިވެހިރާއްޖޭގައި ހުރެއްްޖެނަމަ ދިވެހި ރައްޔިތުން ގައުމަށް ދޭ ގެއްލުންވެސް ބޮޑުވާނެ އޭ ކިޔާފަ ރާއްޖެވެސް ދޫކޮށްލަބަލަ. ބޮޑު މުޞީބާތަކަށްވެއްޖެ މިހާރު.

    5
    1