ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ދެ މެމްބަރެއްގެ ނަން މިރޭ ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ފަރާތުން އެ މަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އެމަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަމެވެ.

އަސްލަމްގެ ނަން މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީއެވެ. އަސްލަމް މަޖިލިހުގެ ރައީސް ކަމަށް ގެންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމާފައިވެއެވެ.

އާޒިމްގެ ނަން މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަހުމަދު ޒާހިރެވެ.

މަޖިލިހުގެ ރައީސަކު ހޮވުމަށް ކުޑައިރުކޮޅެއްގެ ތެރޭގައި ސިއްރު ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައިވާ އިރު، ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ ނަގައިފައެވެ.

އެ ކޮމިޓީގައި ތިއްބަވާ މެމްބަރުންނަކީ:

1- އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް
2- މައްޗަންގޯޅި އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު މުހައްމަދު ރަޝީދު
3- ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
4- ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން
5- ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް

މި ކޮމިޓީ ފާސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވީ ކޮމިޓީ އަށް ރުހުން ދޭން ފެންނަ ކަމަށެވެ. އަދި މި ކޮމިޓީއާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 10 މެމްބަރުންނެވެ.

މަޖިލިހުގެ ރައީސަކު އިންތިހާބު މި ކުރަނީ، އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހައްމަދޫ

    އެފޮޓޯގަނޑުދޯ