ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ފަހަކަށް މަދުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުން ހަ މެންބަރުން އިސްތިއުފާ ދެއްވި ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ. އެ މެމްބަރުންނަކީ ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ގައްސާން މައުމޫންއެވެ. މިއީ ހުސް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިއަދާ ހަމައަށް ތިއްބެވި ބޭފުޅުންނެވެ.

އޭގެއިތުރުން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އާދަމް ޝަރީފް ލޯކަލް ގަވަނަންސްގެ މިނިސްޓަރަކަށް އައްޔަން ކުރެއްވި އިރު، ސައީދު އައްޔަން ކުރެއްވީ އިކޮނޮމިކް މިނިސްޓަރަކަށެވެ.

މީގެ އިތުރުން އަސްލަމް ވަނީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްތިއުފާ ދެއްވި ކަން ވެސް އިއުލާން ކުރައްވައިފައެވެ.

މަޖިލީހުގައި ބާކީ ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ޕީއެންސީގައި ތިއްބެވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އެކަންޏެވެ.

މަޖިލިހުގެ މެޖޯރިޓީ އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައެވެ. މައިނޯރިޓީ ޕާޓީއަކީ ދަ ޑިމޮކްރެޓްސްއެވެ.