ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުގައި ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ލިސްޓުން މަޖިލިހުގެ ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު ހަސަން އަފީފް އުނިކޮށްފިއެވެ.

ނަވާރަ ވަނަ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަށް ރިޔާސަތުގައި ހަވާލުވެވަޑައިނުގެންނެވޭ ހާލަތުގައި މުޅިން ހެން ރިޔާސަތު ބަލަހައްޓަވާފައި ވަނީ އަފީފެވެ. އާންމުކޮށް އަފީފް ރިޔާސަތާ ހަވާލުވެވަޑައިގަންނަވަނީ މަޖިލިހުގެ ދެވަނަ ދަންފަޅި ފަށާ ގަޑި ކަމަށްވާ ހެނދުނު 11:00 ގައެވެ. މަޖިލީހުގެ ވެބްސައިޓުގައި މީގެ ކުރިން އާންމުކޮށްފައިވާ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ އެންމެ ކުރީގައި އިންނެވީ އޭނާގެ ނަމެވެ.

ނަމަވެސް މި ލިސްޓު އަލުން ތަރުތީބު ކުރިއިރު، އަފީފްގެ ނަމެއް ނެތެވެ.

އެގޮތުން، ރިޔާސަތު ބަލަހައްޓާ މިހާރުގެ މެމްބަރުންނަކީ:

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

ސިޔާމް ވަނީ މެދުނުކެނޑި 18 އަހަރު ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. ގާސިމާއި ދެން ތިއްބެވި މެމްބަރުން ވަނީ 14 އަހަރަށް ވުރެ ގިނަ ދުވަހު މެމްބަރުކަން ކުރައްވައިފައެވެ. އަފީފް އަކީ 1990 ވަނަ އަހަރުން ފެށިގެން މަޖިލީހަށް ހިދުމަތް ކުރައްވަން ފެއްޓެވި މެންބަރެކެވެ. ނަމަވެސް 2009 ގެ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 2014 ގެ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވެވަޑައިގެންފައެއް ނުވެއެވެ.

މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާ ބުނާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުވާތާ ދެ ހަފުތާ ތެރޭގައި ކަނޑައަޅަން ޖެހެއެވެ. އަދި، އެ މެންބަރުން ކަނޑައެޅުމަށް ފަހުގައި ތަޅުމަށް އިއުލާނު ކުރަން ޖެހެއެވެ.

އެ މާއްދާގެ ނ. ގައި ވާގޮތުން، މެންބަރުން ތަރުތީބު ކުރުމުގައި މެންބަރުކަން ކުރި މުއްދަތަށް އިސްކަން ދޭން ޖެހޭނެއެވެ. އަދި، ދެ މެންބަރަކު އެއް މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ހާލަތުގައި އުމުރުގެ ދޮށީ ކަމަށް އިސްކަން ދެން ވާނެ ކަމަށެވެ. އެހެންވެ އަފީފްގެ ދައުރު މެދު ކެނޑިފައިވާތީ އޭނާ އަކީ އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުގެ ގޮތުގައި މިފަހަރު ކަނޑައާޅާފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    މިއޮތްހާ ދުވަހު އަފީފް ރިޔާސަތު ބެލެހެއްޓި ޖަލްސާތަކަށް ވާނީ ކިހިނެއްތޯ! އޭނާ ހުރެގެން ފާސްކުރި ބިލްތަކަށް ވާނީ ކިހިނެއްތޯ!!!

    11
    • ވަނަވަރު

      އެއީ މާޒީ އެއްނު ތިޔަހެން ނަގަން ވެއްޖިއްޔާ ވެރިކަމާ ބެހެ ގޮތުންވެސް މައްސަލަ ނަގަންވިނު .
      މީގަ މިވަ ނަންތަކުގެ ތެރެއިން ސިޔާމާ ގާސިމަކި ޖަލްސާއަށް ހާޒިރުވަ ބެއެއްނޫން ކަމަށް ވަނީ.

    • އަންނި

      އޭނާ ހުރެގެން ބިލެއް ފާސްކުރިތަ

  2. އަލީ ދިއްދޫ

    އަފީފު ޝަރުތު ހަމަވޭ އެކމަކު ކުފޫހަމައެއް ނުވޭ

  3. ަސދަސދ

    ވަރަށް އޮޅުން ބޮޅުން ބޮޑުކޮށް ގެންދާކަމެއް.
    މަޖިލިހުން ކުރާކަމެއް ރައްޔިތުންނަކަށް ނެނގޭ. ސިއްރު
    ރައީސްގެ ނިންމުންތައް -- ސިއްރު