އެމްޑީޕީ ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް އއ. އުކުޅަހުގައި ފަށައިފިއެވެ.

އެ ބައްދަލުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަނީ އުކުޅަހަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާއި ރައްޔިތުން މަޖިލީހުގެ ރައީސް އަސްލަމާއި ޕީޖީ ލީޑަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ވަޑައިގެންފައެވެ.

އޭގެ އިތުރުން ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް އަދާކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ ވަޑައިގެންފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުން ފަށާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ. އަދި އެ ބައްދަލުވުން 15:15 އާއި ހަމައަށް ކުރިއަށްދާނެއެވެ. އެއަށް ފަހު ދެން ބައްދަލުވުން އޮތީ 3:30 ގައެވެ. އަދި މިރޭ 8:30 ގައި ވެސް ގައުމީ މަޖިލިސްގެ ބައްދަލުވުމެއް އެބައޮތެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން "ވަގުތަށް" ވިދާޅުވީ މިހާރު އުކުޅަހުގައި ކުރިއަށްދާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސްގެ ގިނަ މެންބަރުންތަކާއި އެކު މިއަދު ކުރިއަށްދާ ބައްދަލުވުމުގައި ކުރީގެ ރައީސް ސޯލިހް ބައިވެރި ވަޑައިނުގަންނަވައެވެ. ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ރައީސް ސޯލިހް މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

މިއަދު ފެށި ބައްދަލުވުން ނިންމާލުމަށް ފަހު މާދަމާ ހެނދުނު 9:30 ގައި އެމްޑީޕީގެ މެންބަރުން އުކުޅަހުން ފުރާވަޑައިގަންނަވާނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމަށް ފަހު އެމްޑީޕީ ރުކުރުވާލުމުގެ މަސައްކަތް އެ ޕާޓީން މިހާރު ވަނީ ފަށައިފައެވެ. އެމްޑީޕީގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމާއިއެކު އެމްޑީޕީ ވަރަށް ބޮޑަށް ރޫޅިގެން ދިޔައެވެ. އެ ޕާޓީގެ ރައީސް ކަމާއި ގައުމީ މަޖިލީހުގެ ގިނަ މަގާމުތަކެއް ވަނީ ހުސްވެފައެވެ. އެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން ޕާޓީގެ އެތެރޭގެ ގުޅުން ވަރުގަދަކޮށް ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުުރުމަށް ވެސް އެމްޑީޕީން ކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ގަބޫލްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަފެން

    2018 ގެ އެމްޑީޕީ ޓިކެޓް ސޯލިހަށް ދިނީ މިރަށުގަ ކަމަަށްވާތީ، 2028 ގައި ވެސް ސޯލިހަށް ކާމިޔާބު ހޯދުމަށް ސިހުރު ހަދަން އެރަށުގަ ބައްދަލު ކުރަނީބާ.