ހުއްދަ ނުހޯދަި ކަލާފާނު ސްކޫލަށް ވަދެ އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ ކޮޓަރިއަށް ވަތް މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި ޖަލަށްލާފައި ވަނީ ސ. ހިތަދޫ، ދެކުލައަރާގޭ މުހައްމަދު އަސްލަމެވެ.

އަސްލަމަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އެގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) ފަޅާލައި އެތަނުން 25ރ. ވަގަށް ނެގި މައްސަލަ ސާބިތުވުމުން އޭނާ އަށް ވަނީ ޖަލު ހުކުމެއް ކޮށްފައެވެ. އެއީ ތިން މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ވަނީ މި ފަހުން މިނިވަން ވެފައެވެ.

ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އަސްލަމް ހުއްދަ ނުހޯދައި ކަލާފާނު ސްކޫލުގެ ލީޑިން ޓިޗަރުގެ ރޫމަށް ވަދެފައިވާ ކަމަށެވެ. މި ކުށަށް އަސްލަމް އިއުތިރާފްވެފައިވެއެވެ. އެހެން ކަމުން އޭނާގެ އަދަބު ލުއިކޮށްފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ އަދަބު ލުއި ކުރުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބެއެވެ. މި މައްސަލައިގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް ކުށަށް އިއުތިރާފުވުމުން އަދަބު ވަނީ ދެ މަހާއި 12 ދުވަހަށް ލުއިކޮށްދީފައެވެ.

ހުކުމުގައިވާ ގޮތުން، އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް މިދިޔަ ޖެނުއަރީ މަހުގެ 10ގައިވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އޭނާގެ މައްޗަށް ކަނޑައަޅަން ޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ މަތިކުރަން ޖެހޭނެއެވެ.

ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައި ވުމުން އަދަބު ލުއިވެއެވެ. އަދި އޭނާ ޝަރީއަތަށް ދިން އެއްބާރުލުމަށް ބަލައި، ކޯޓާއި ދައުލަތުގެ ވަގުތުތަކެއް ސަލާމަތްވެފައިވާތީ ފަނޑިޔާރުންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކުރުމަށް މައްސަލަ ބެއްލެވި ގާޒީ ޢާއިޝަތު ނުޒުހާ ނިންމެވީއެވެ.

އަސްލަމް މީގެ ކުރިން ކުރި ކުށެއްގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ ކުށްކުރެވެނީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމަލު

    މީރާ ފަޅާލުން ވައްކަމަކަށް ނޫވަނީތަ އެކަލޭގެ ދޫވީ

  2. އެލެންކީ

    ކުއްކުރެވެނީ މަސްތުވާތަކެއްޗައް ދެވި ހިފީމާ ކަން މިގައުމު އެންމެން ވެސް ގަބޫލު ކުރޭ. ސުވާލަކީ ކީއްވެހޭ ކުއްވެރިން ރިހިބިލިޓޭޓް ކުރެވޭނެ ރަގަޅު ނިޒާމެއް މިގައުމުގައި ނެތީ. މަސްތުވާތަކެތީގެ ވިޔަފާރި ދަށް ވެދާނެތީ ސިޔާސީ މީހުން ބިރުގަނޭ! ގިނަ ހަކުރު ވިޔަފާރިތައް ގުޅިފާ އޮތީ ސިޔާސީ މީހުންގެ ޖީބަށް

  3. ހުސޭނުބޭ

    ދެން ޖަލު ފަޅާލީމާ ހަދާނީ ކިހިނެއްތަ؟

  4. ޢަހްމަދު މަނިކް

    މީ މުޖުތަމައު އަށްް ނުރައްކާތެރި މީހުން. ޢެކަމަކު ކޯޓުން އެދަނީ ދޫކުރަމުން. ބަންދުގަ ތިބެން ޖެހޭނީ މިވަރު ގޮތެއްފޮތެއް ނެތިގެން އުޅެންޏާ