މާލެ ސިޓީއަކީ "ސަޅި"، ހިތްގައިމު އަދި ރައްޔިތުން ދިރިއުޅެން ފަސޭހަ ތަނަކަށް ހައްދަވާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭނާއާ ހަވާލު ކުރި ކޮންމެ ތަނަކުން ވަކިވެވަޑައިގެންނެވި އިރު، އެ ތަނާ ހަވާލުވެވަޑައިގެންނެވި އިރަށް ވުރެ ތަން ރަނގަޅު ވާނެ ކަމަށެވެ. އެމްޓީސީސީ އާއި އެސްޓީއޯ އަދި އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރެއްވި އިރު، އެ ތަންތަނުން ހޯދި ކުރިއެރުން ފެންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އާޒިމް ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވެވަޑައިގެންނެވި އިރު، އެއަށް ވުރެ ރަނގަޅު ތަނެއްގެ ގޮތުގައި އެ ކުންފުނި ހަދާފައިވާނެ ކަމަށާއި އެކަން ރިކޯޑުތަކުން ފެންނަން ހުންނާނެ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީއާ ހަވާލުވެވަޑައިގެންނެވި އިރު، މާލޭގެ މަގުމަތިން ދިޔައީ "ނަޖިސް އަރަމުން"ނެވެ. އެކަމަކު، އެ ތަނުން ވަކިވެވަޑައިގެންނެވި އިރު މަގުމަތިން ނަޖިހެއް ނާރާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މޭޔަރުކަމުގެ ޓިކެޓު ހޯއްދެވުމަށް އާޒިމް އެމްޑީޕީ އަށް ފޯމު ހުށަހަޅުއްވައިފި

"އެމްޑަބްލިއުއެސްސީއަކީ ރައްޔިތުންގެ އިތުބާރު ލިބޭ ކުންފުންޏަކަށް ހަދައިދީފައި ވާނީ. އެކުވެރި އެމްޑަބްލިއުއެސްސީ އެއީ އަޅުގަނޑުމެން އެ ތަން ބަދަލު ކުރި ގޮތް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވެވި އާޒިމް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އެމްޓީސީސީގައި ހޭދަކުރެއްވި ތިން އަހަރަށް ވުރެ ގިނަ ދުވަހު، އޭނާ އާ ހަވާލު ކުރި ކަންކަން ފުރިހަމަކޮށްދިން ކަން ރައްޔިތުން ހެކިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެތަނަށް ވަޑައިގެންނެވި އިރު، އެމްޓީސީސީއަކީ އެއް ބިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ތަނެއް ކަމަށާއި މިއަދު އެ ތަނުގައި ތިން ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"ދެ ބިލިއަންގެ އެސެޓް ފަސް ބިލިއަނަށް ހަދާދީފައި ހުންނާނީ. އަދި 100 މިލިއަނެއްހާ ފައިދާ ނުވާ ކުންފުންޏެއް އެއީ. އަޅުގަނޑު ހުރި ތިން އަހަރުގައި އެ ތަނުގައި އިންނާނީ 200 މިލިއަނަށް ވުރެ މަތިން ފައިދާ ހޯދައި ދީފައި." އާޒިމް ވިދާޅުވިއެވެ.

އާޒިމް މިއަދު މީހަކާ ސަލާމް ކުރައްވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަން އޭނާއާ ހަވާލުކޮށްފި ނަމަ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ލިބިވަޑައިގަންނަވާ ދެ އަހަރާއި ބައިގެ ތެރޭގައި، މާލެއަކީ މިއަދު އޮތް މާލެއަށް ވުރެ މާ ހިތްފަސޭހަ، ސަޅި އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހަދާނެ ކަމަށެވެ. އަދި އެކަން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މިއީ ކުރާ މީހެއް ކަން، ކޮށްދޭ މީހެއް ކަން، އެންމެންނާ ގުޅިގެން މަސައްކަތް ކުރާ މީހެއް ކަމަށް އެންމެން ގަބޫލު ކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިގޮތުގައި ހަމަ ހުރެ މާލޭގެ ހުރިހާ ރައްޔިތުންނާ ގުޅިގެން ހުރިހާ މުއައްސަސާއަކާ ގުޅިގެން، ގުޅިގެން މަސައްކަތް ކުރާ ހުރިހާ އެންމެންނާ ގުޅިގެން މަސައްކަތްކޮށް ދިވެހި ރައްޔިތުންނަށް އުފާވެރި، ހިތްފަސޭހަ ދިރިއުޅޭ ހިތުން އުޅޭ މާލެއަކަށް ހަދާފައި އަޅުގަނޑު ހަވާލު ކުރާނީ،" އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ޔަގީނުންވެސް ކަލެޔަކައް ނުވާނެ

    6
    1
  2. ޙސހސ

    މޮޔަވޭ ބްރޯ. ދައުލަތުގެ ކުންފުންޏެއް ދަވާލާފައި އަނެއްކާ މާލެސިޓީ ތޯ. ހަނދާން ނައްތާލާ.

    7
    1
  3. ޓޮއްޓޮ

    ބޮޑު ވަގު ކޯޗެކޭ ކިޔާކަށް ގައުމު ޖީބަށް ކަހާފަގޮސް

    7
    1
  4. Anonymous

    ޥރބރބރ ބެސޓ

    1
    2
  5. ޒާ

    ކޮންމެ ގޮލައަކު ވޯޓަށް ވީމާ އުޑުން ތަރި ބާލާނެ. ހޮވުނީމާ ކުރިން އެއްކަމެއްވެސް ކުރަން ބުނި ކަމަށްވެސް ނުހަދާނެ. އެހާވެސް ޚިޔާނާތްތެރި. މިކަމުގެ ހެއްކަކަށް މިހާރު ހޮވިފައިހުރި ރައީސްމީހާ ޔާމީނު މިނިވަން ކުރާނެކަމަށް ވައުދުވެ އެއަށް ވީ ޚިޔާނާތް ފުދޭ. އެތައް ބައެއްގެ އިހްސާސްތައް އެވަނީ ވަޅުލާފައި.

  6. މަހޭ

    މަހުލޫފު ކޮބޭ

  7. އަލީ

    ﷲ އިރާދަކުރެއްވިއްޔާ އާޒިމްއަށް ތިކަން ވާނެ.

    2
    9
  8. މުޙައްމަދު އަރީފު

    ސަލި

    1
    2
  9. ެައަބްދޫ

    ހުސް ހޮޅި ސަރުކާރުން ކޮށްދިންކަމެއް ކުރެވޭނީ

    5
    2