ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އަމާޒަކީ ހާރިޖީ ގުޅުންތައް ވަރުގަދަކޮށް ރާއްޖެ އަށް ތަރައްގީ ހޯދައި ދިނުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމް/ޕީއެންސީގެ ސެނެޓް މެމްބަރު ހުސެއިން ޝިފާޒް މިރޭ ވިދާޅުވެއްޖެއެވެ.

ޝިފާޒް އެގޮތަށް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިފައެވެ. ރައީސް މުއިއްޒު ތުރުކީ ވިލާތަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށެވެ.

ޕީޕީއެމް/ޕީއެންސީގެ ކެލާ ދާއިރާގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިފާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ގައުމުތަކާ އެކީގައި ހާރިޖީ ގުޅުންތައް ބަދަހިކޮށް، ރާއްޖެ އަށް ހަލުވި ތަރައްގީތަކެއް ގެނައުން ކަމަށެވެ.

ރާއްޖެ އޮތީ ދުނިޔޭގެ މައިދާނުގައި އާ އުސްމިންތަކަކަށް އަރައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަށް ވަކާލާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ކެތްމަދުވެފައި ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބު ކަމަށާއި މިއީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސް މުއިއްޒު ރޭގައި ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ތުރުކީގެ ރައީސް އާއި އެ ގައުމުގެ ސަރުކާރުގެ އިސް ވަރަށް ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހި ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެ ދަތުރުފުޅަށް ފަހު، ރައީސް މިހާރު ހުންނެވީ ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގައެވެ. ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށެވެ.

އެ ބައްދަލުވުމުގައި ރައީސް ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިކި ކިރު

    މިހާރު ތިޔަ ހުރި މީކަހަށް ހިއެއް ނުވޭ ތިކަން ކުރެވިދާނެ ހެނެއް! ވަރަށް ނިދި މަޑު ކޮއް ހުންނަނީ!