ދިވެހި ދައުލަތަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންއައި އެމްއޭސީއެލް އިން މާލޭގެ މައި ވައިގެ ބަނދަރު ހިންގަމުންދަނިކޮށް، އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމަކީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ނިސްބަތްވާ އެމްޑީޕީގެ މުޙައްމަދު ނަޝީދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ މާލޭގައި "ބުރިޖި ސަޅި" ގެ ނަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓް ވިއްކާލިއިރު އެމްއޭސީއެލް އަކީ އަހަރަކު 150-200 މިލިއަން ރުފިޔާގެ ފައިދާވަމުންދިޔަ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި، އެއާޕޯޓް ވިއްކާލަން ނުވަތަ ކުއްޔަށްދޭންވެސް ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މާލީގޮތުން ބަލާނަމަ އެއާޕޯޓް ކުއްޔަށް ދޭނަމަ، ބޮޑެތި އަދަދުގެ ފައިސާ ސަރުކާރަށް ލިބެންޖެހޭނެ ކަމަށާއި، ނަމަވެސް ޖީއެމްއާރަށް އެއާޕޯޓް ނުހިންގުނުއިރު، ދައުލަތަށް ދޭންވާ ފައިސާ އަދި އެމްއޭސީއެލް އަށް ދޭންވާ ފައިސާ ޥެސް ނުދެވުނު ކަމަށެވެ.

"ބުރިޖު ސަޅި" ޕީޕީއެމްގެ ކެމްޕޭން ޖަލްސާގެ ތެރެއިން - ފޮޓޯ: ޢަލީ ވިސާމް

ރައީސް ޔާމީން ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޖޭގައި ހުރި ހަރު މުދާ ނުވިއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ބިލު ތަސްދީޤު ކުރުމަށް ރައީސް އަށް ފޮނުއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެ ޑިމޮކްރަޓިކް ރައީސް ރައްޔިތުންގެ ވިންދާއި ޝުއޫރު އެއްފަރާތަށް ޖައްސާލާފައި ބިލު ތަސްދީޤު ނުކޮށް، އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުން އެކަން ނުނިމުނީމަ ޑިރެކްޓަރުންގެ ބޯޑުވެސް ބަދަލުކުރުމަށްފަހު، އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމުގެ ޖަރީމާ ހިންގުމަށްފަހު ބިލު ތަސްދީޤު ކުރައްވާފައިވާ ކަމަށެވެ.

"އެއާޕޯޓް ނުދެވޭގޮތަށް މަޖިލީހުން އޮންނާނީ ބިލެއްވެސް ފާސްކޮށްފައި. އެހެންނަމަވެސް އެކަން ޤާނޫނަކަށް ވަނީ ރައީސް ތަސްދީޤު ކުރެއްވީމަ، ހަމަ ކަނޑައެޅިގެން މަކަރާއި ހީލަތުގެ ތެރެއިން ތަސްދީގު ކުރަން ބިލު ފޮނުވާފައި އޮއްވާ ތަސްދީޤު ނުކޮށް އެއާޕޯޓުގެ ބޯޑު ބަދަލުކޮށްފައި މިކަން ނިންމާފައި ދެން އޭގެ ފަހުން ބިލް ތަސްދީގުކުރީ. މިއަށްވުރެ ބޮޑު ޚިޔާނާތެއް ރައްޔިތުންނަށް ވާނީ ކިހިނެތްތޯ؟ މިއީ ބޮޑު ޚިޔާނާތެއް. މީ ޚިޔާނާތަކަށް ނުވަންޏާ މީ ރައްޔިތުން ހަވާލުކުރި އަމާނާތަކަށް ފުރަގަސް ނުދިނުން ކަމަށްވަންޏާ މީ ވާނީ ކޯއްޗަކަށްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޖީއެމްއާރު އެގްރީމެންޓާއެކު މުޅި އެއާޕޯޓާއި، އެތަނުގައި ޤާއިމުކޮށްފައިވާ ހުރިހާ ވަސީލަތެއް އެމީހުންގެ އަތްދަށުވެ، ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި، ދިވެހި ދައުލަތަށް ކުޑަ ނަމަވެސް މަންފާއެއް ކުރިނަމަ މިކަމާ ދޭތެރޭގައި ކޮންމެވެސް ގޮތަކަށް ހަމްދަރުދީއެއް އޮވެދާނެ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބްރިޖު ސަޅި ޕީޕީއެމް ޖަލްސާގެ ތެރެއިން ވަގުތު އިމޭޖެސް – އަހްމަދު އަލީ

"މި އެއާޕޯޓު އެމީހުނަށް ލިބުމާއެކީ އެއާޕޯޓުގައި ހިނގަމުންދިޔަ އިޤްތިޞާދީ ހުރިހާ ހަރަކާތެއް، ވިޔަފާރީގެ ހުރިހާ ހަރަކާތެއް، އެމްއޭސީއެލްއިން ގެންދިޔަ ހުރިހާ ހަރަކާތެއް ޖީއެމްއާރަށް ދޭން މަޖުބޫރުވި. ގްރައުންޑް ހޭންޑްލިންގ ދިނީ، ތެޔޮ އަޅައިދިނުން ދިނީ، ޑިޕަރޗަރ ލައުންޖްތައް ދިނީ، ޑިއުޓީ ފްރީގެ ހުރިހާ ފިހާރަތައް އެމީހުން ބޭނުން ބަޔަކަށް ބޭނުން އަގެއްގައި ކުއްޔަށް ދޭން ދިނީ، ރާއްޖޭގެ އެހެން ވިޔަފާރި ކުންފުނިތަކުން މަސައްކަތް ކުރަމުން އެގެންދާ ބިމުން ނަގާނެ އަގެއް ނަގާނެ ވަރަކަށް ނަގަން އެމީހުނަށް ޖާގަ ދޫކުރީ، ތެލުގެ އަގަށް ޖައްސާނެ ފައިދާއެއް ޖައްސައިގެން، ލާނެ ފައިދާއެއް ލައިގެން ވިއްކަން ހުއްދަ ދިނީ." ކަން ވެގެންދިޔަގޮތް ރައީސް ތަފްސީލު ކޮށްދެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޖީއެމްއާރުން ކުރި އެންމެ ފުރަތަމަވެސް މަތިންދާ ބޯޓަށް އަޅާ ޖެޓް ފިއުލްގެ އަގު 46 އިންސައްތަ ބޮޑުކުރުމައެކު ސަރަހައްދުގައި އޮތް އެންމެ ތެޔޮ އަގުބޮޑު ޤައުމަށް ރާއްޖެ ވެގެންދިޔަ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި އިޤްތިޞާދަށާއި ޒުވާނުންނަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަމަށެވެ.

"ތަފާސްހިސާބު ދައްކާގޮތުންވިއްޔާ ހަމައެކަނި ޔޫރަޕުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު 2010 ވަނަ އަހަރު ހުރީ 517000 (ފަސްލައްކަ ސަތާރަ ހާސް) ގައި. ކުރިއަށް އައި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 2012 ވަނަ އަހަރު މި އަދަދު ވެއްޓިގެން ދިޔައީ 380000 (ތިންލައްކަ އަށްޑިހަ ހާސް) އަށް. 25.5 އިންސައްތައިގެ ވެއްޓުމެއް. ދުރުން އަންނަ މަތިންދާ ބޯޓުތަކުގެ ޝީޓް އޮކިއުޕެންސީ 25.5 އިންސައްތަ ދަށަށް ދިޔައީ." ރައީސް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޖަލްސާ – ވަގުތު އިމޭޖްސް: އަހްމަދު އަލީ
ޕީޕީއެމްގެ ޖަލްސާ – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ރައީސް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ދުރު ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެ، އެ ފަތުރުވެރިންގެ އަތުން ލިބެންވާ ޓެކްސް އާއި، ފަތުރުވެރިން ރިސޯޓްތަކުގައި ތިބީމަ އެތަންތަނުގައި ތިބި ދިވެހި މުވައްޒަފުންނަށް ލިބެންވާ ފައިދާއާއި އާމްދަނީން ވަނީ މަހުރޫމްވެފައި ކަމަށެވެ. އަދި އެއީ ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

"ޖީއެމްއާރު މިތަން ހަވާލުވުމާއެކީ 2012 ވަނަ އަހަރު އެމްއޭސީއެލްގެ ފައިދާއަކީ އެންމެ 15 މިލިއަން ރުފިޔާ، އެންމެ 15 މިލިއަން ރުފިޔާ. ސަރުކާރަށް ވާން އޮތް ފައިދާއެއް މިއޮތީ ހަޤީގަތުގައި އެމްއޭސީއެލް އަށް ދޭ އެއްޗެއް. ހަޤީގަތުގައި މުޅި ވިޔަފާރި ބަންދުކުރާ ހިސާބަށްގޮސް ނިމިގެންދިޔައިރު ވިޔަފާރިން ސަރުކާރަށް ލިބުނީ ގެއްލުން. ބޮޑު ގެއްލުން. އަދި ކޮންޓްރެކްޓް ނިންމި ދުވަހުވެސް ގާތްގަނޑަކަށް 4 މިލިއަން ޑޮލަރުގެ ހަދިޔާއެއް ސަރުކާރުން ޖީއެމްއާރަށް ދިން." ޖީއެމްއާރުގެ ސަބަބުން ދިވެހިންނަށް ލިބުނު ބޮޑު ގެއްލުމުގެ ވާހަކަ ރައީސް ޔާމީން ހާމަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލީ ދިވެހި ރައްޔިތުންގެ ހައްޤުގައި ކަމަށާއި، އެއީ ޖުމްހޫރީ ޕާޓީ ނުވަތަ އަދާލަތު ޕާޓީގެ ވިސްނުން ނޫން ކަމަށާއި، އެއީ ހަމަ ސީދާ ޕީޕީއެމްގެ ވިސްނުން ކަމަށެވެ.

ގިނަ ދުވަސްތަކަށްފަހު ޕީޕީއެމް އިން މާލޭގައި ބޮޑު ކެމްޕޭން ޖަލްސާއެއް ބޭއްވިއިރު، މުޅި ކާނިވާ ސަރަހައްދު ފުރެންދެން އެތައް ހާސް ބަޔަކު ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ. އަދި ވިޔަފާރި ތަރައްޤީކުރަން 1000 ޒުވާނުންނަށް ގެޓްސެޓް ލޯނު ދެއްވުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ދަގަނޑު ޖަނގިޔާ ލައިގެން ކަނޑުފައްތާ ފޯރން މޫވީ ކުޅެން ދޮން އާލާތުންނާއި އެކު ސަކް ޖައްސަން ވެގެން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ ޖީއެމްއާރު އަތުން ކަޓް ކާލައިގެން އުޅުން މިއޮތީ ފަޅާއަރާފައި ނޫންތޭ ތަމެން ނަކީ ތިޔާއީ ބޮޑެތި ވަގުން ކަމާއި އަދި ތިޔާއީ ވަގުންގެ ދަރިން ކަން މިދަނީ އެނގި ފާޅުވަމުން ނޫންތޭ.

  2. Anonymous

    އާދެ! ދެންވެސް ދޭނަން!! މާދަމާ ވެރިކަން ލިބުނަސް!! ލިބޭނެ ދޭނަން!

  3. ނުރަބޯ

    މިހިރީ ރީނދޫ ބައިގަނޑުގެ ވެރިކަމު ގައި ކެރަފާނަޝީދު ކޮށްފައިވާ ބޮޑެތި ވައްކަމުގެ ތެރެއިން ޒައްރެއްގެ މިންވަރެވެ. ރައީސްގެ ބަޔާނަށް ކަމެއް އިތުރުކޮށްލާނަމެވެ:- ޖީއެމް އާރުގެ އެގްރިމެންޓް ގައިވާގޮތުން އެއަރޕޯޓްގައި ވިއްކާ ތެލުގެ ފައިދާ އިން 15% ދިވެހިދައުލަތައް ދައްކަން ޖެހެއެވެ. އެހެންނަމަވެސް އިންޑިއާ އާއިއެކު ކެރަފާނަޝީދު ޑީލްހަދާފަ އެ 15%، 1% އަށް ބަދަލުކުރިއެވެ. އެހެންވީއިރު އަނެއް 14% ކޮބައި ހެއްޔެވެ؟ މިހިރި “ އިންސާފުގެ މަގަށޭކިޔައިގެން އަނެއްކާވެސް ވެރި ކަމަށް އަތްގަދަކުރަން އުޅޭ މީހުންގެ ޙާލެވެ. މިއީ ވައްކަމެއް ނޫންހެއްޔެވެ؟ ޚިޔާނާތެއްނޫން ހެއްޔެވެ؟ ޣަދަރުވެރި ވުމެއްނޫން ހެއްޔެވެ؟ ފޭރިގަތުމެއް ނޫން ހެއްޔެވެ؟ ދިވެހިރައްޔިތުން ވިސްނާށެވެ....!!!

  4. ބޭބެ

    ރަގަނޅު ވާހަކައެއް!! ބޮޑުވެގެންވާ ޚިޔާނާތެއް!! އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި އެއްވެސް ގައުމީ ވަންތަކަމެއް އޮތް ފިކުރެއްނޫން!! އަބަދަކު ހަމައިގާ ތިމެންވެސް ބޭނުންނުވާ ބައެއްތީ!! ލާދީނީ ފިކުރަށް ފާޅުކަންބޮޑު ގޮތެއްގައި ޖާގަދޭން މަސައްކަތްކުރާ ބައެއްތީ!! މާޒީން އެކަން ފެނިގެންގޮސްފައިވަނީ!! ޔާމީނުގެ ސިޔާސަތަކީ ގައުމު ބިނާކުރާ ގައުމަށް ހެޔޮއެދޭ ވަރަށް ގައުމީ ވަންތަ އަދި އިސްލާމްދީނަށް ލޯބިކުރާ ސިޔާސަތެއް!! މިކަންވެސް މިފާއިތުވެ މިދާ ފަސް އަހަރުން ފެނި ތަޖުރިބާ ކުރެވިއްޖެ!!

  5. އަލީ އަހުމަދު

    ރަޢީސް ތިވާހަކަ ނުދައްކާ އެމީހުން ކޯފާވެދާނެ .......

  6. އަސޭލާ

    އެމްއެމްޕީއާރްސީ ގެ ލާރި ގަނޑު ބަޑު އެޅުން އެއީ ކޮންކަހަލަ ކަމެއްތަ؟ އެކަމުން ސަލާމަތެއް ނުވާނެ.

  7. އަބޯ

    ޖީއެމްއާރަށް އެއާޕޯޓް ދިނުވަކީ ވަރށް ބޮޑު ހިޔާނާތެއް. އެއީ ގާނޫނުއަސާސީގެ 97 ވަނަ މާއްދާއާ 250 ވަނަ މާއްދާގަ ބުނާ ގާނޫނު ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް އަރިހަށް ފޮނުވާފަ ވަނިކޮށް އެގާނޫނު ތަސްދީގު ނުކޮށް އެއާޕޯޓް އެގްރީމެންޓްގާ ސޮއިކުރުން ..މިިއީ ގާނޫނުނަންބަރު 1/68ޖ ގަ ވާފަދައިން ނަސީދު ޒިމްމާ އުފަުލަންޖެހޭ މައްސަލައެއް . އަދި އެއާޕޯޓް އަކީ އޭރުވެސް 5 އެއާޕޯޓާ އެއާލައިނެއް ހިންގުމަށްފަހުނނެޓްފްރޮފިޓްގެ ގޮތުގާ 25 މިލިއަން ޑޮލަރުގެ ފައިދާ ލިބޭ ތަނެއް އަދި އެއާޕޯޓް ރަނިންގ ކަނޑިސަނުގާ ބޭއްވުމަށްގެނެއްސާހުރި ގިނައަދަދެއްގެ މުދާ އެއާޕޯޓް ގާހުރި މިތަކެތީގެ އަގުވެސް 100 މިލިއންޑޮލަރާ ގާތްކުރާނެ .މިފަދަ ތަނެއް ނުއަގުގާ ދިނުމުގާ ފޮރުވިފައިވާކަންތައްތަހުރިކަމަށް ވާހަކަ ދެކެވުނު .މިމއްސަލާ ގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލަންނުޖެހުމަކީ ވެސް ދަވްލަތް ހިންގަން ހަވާލުވި ފަރާތްތަކުން ވެފައިވާ އިހުމާލެއް ނުވަތަ ހިޔާނާތެއް. 271 މިލިއަން ޑޮލަރުގެ ޒިންމާ ނަސީދު އުފުލަންޖެހޭނެ ކަމަށް ދެކެން.