ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދުގެ ދެގުނަ އިތުރަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޗައިނާ ފަތުރުވެރިން ގެންނާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްވަރާތައް ކުރެވި އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށެވެ.

"ޗައިނާއިން ޓޫރިސްޓުން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި ވަރަށް ގިނަ ކާމިޔާބީތައް ލިބިގެންދިޔަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން އިތުރުކުރުމާ ގުޅޭ ގޮތުން އެންމެ މަތީ ފަންތީގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރިޔަށް އޮތް ދެއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް އަދަދުގެ ދެގުނަ އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް ޗައިނާ ޓޫރިސްޓުން ގިނަވެގެން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ މިންވަރަށް މަސައްކަތްތައް ތަރުތީބުވެެގެންދިޔަ." ރައީސް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގެ އަލީގައި، ޗައިނާގެ ޝިންމިއަން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި ކުރިއަށް އޮތް ބަހާރު މޫސުން ފެށޭއިރަށް އެ އެއާލައިނުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ޑައިރެކްޓް ފްލައިޓްތައް އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވެލްގައި ކުރެވިގެންދިޔަ. މިދަތުރުގައި ޝިންމިއަން އެއާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް މި ސްޕްރިންގުގައި ފެށުމަށްޓަކައި އެފަރާތުން ވަނީ ކަނޑައަޅާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭންކިން ދާއިރާގައި ވެސް ޗައިނާ އެސްޓެބްލިޝްކުރުމުގެ ގޮތުން މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށެވެ.