ޕޯސްޓްމޯޓަމް ހެދުމަށް ހދ.ނޮޅިވަރަން ޝާހިދާ އަލީގެ ހަށިގަނޑު އިންޑިޔާއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، ފުލުހުން ތަޙްޤީޤް ކުރަމުންދާ މަރުގެ މައްސަލައަކާ ގުޅިގެން ހދ.ނޮޅިވަރަން، ކިނާރާގޭ ޝާހިދާ އަލީގެ ހަށުގަނޑު ޕޯސްޓް މޯޓާމް ހެދުމަށް އިންޑިޔާއަށް މިރޭ ގެންގޮސްފައިވާކަމަށެވެ.

ޝާހިދާގެ މަރާއި މެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ. މީގެ ކުރިން ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން އޭނާގެ މަރާމެދު ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ދަން ޖެހިފައި ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.