ހުޅުމާލެއަކީ މުޅި ރާއްޖޭގެ އުއްމީދާއި ގުޅިފައި އޮތް ޒުވާނުންގެ ސަހަރެކެވެ. ހާއްސަކޮށް ޒުވާނުން ހުޅުމާލެ އާއި މެދު ކުރާ އުއްމީދުތައް އަދި މާބޮޑެވެ. ހުޅުމާލޭގައި އޮތް ޒުވާން އާބާދީ އަށް ވަނީ ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކޮށް ހުޅުމާލެއަށް ބޭނުންވާ ކަންކަން ކުުރުމުގައި އިސް ނަގާނެ ލީޑަރަކަށް ބޭނުން ވެފައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ އެފަދަ ލީޑަރު ހޮވުމަށް ހުޅުމާލޭ ރައްޔިތުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ހުޅުމާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މުޅި ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރަނިވި ސިޔާސަތުތަކެއް އެކަށައެޅުމަށް ކުރިމަލައިގެން ހުރި އެއް ޒުވާނަކީ ހަސަން ޝަހީދު (ސަންޗޭޒް) އެވެ.

ކިތަންމެ ޒުވާން ނަމަވެސް ސަންޗޭޒް އަކީ ހުޅުމާލެއަށް އާބޭފުޅެއް ނޫނެވެ. އޭނާ އަކީ ހުޅުމާލެއަށް އަންނަމުން އައި ބަދަލުތަކާއި ހުޅުމާލެއަށް ދިމާވެފައިވާ މައްސަލަތައް އަމިއްލަ އަށް ތަޖުރިބާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެންނާއި ގުޅޭ ރަހުމަތްތެރި ބޭފުޅެކެވެ. ރައްޔިތުންގެ ޚިޔާލު ހޯދާ، އެންމެންނާއި ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ.

ސަންޗޭޒް (ވ-2) ޒުވާނުންތަކަކާއި އެކު
ސަންޗޭޒް (ވ-2) ޒުވާނުންތަކަކާއި އެކު

ސަންޗޭޒް ހުޅުމާލޭގައި ދިރިއުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އެންމެން އެކީގައި މިސްކިތައް ގޮސް އެންމެ އެކީގައި ކުޅެން ގޮސް އެންމެން އެކީގައި ސްކޫލަށް ދާން ފެރީގައި ކުރި ދަތުރުތަކުގެ ހަނދާންތަކަކީ ހުޅުމާލެ އާއި ގުޅިފައިވާ ސަންޗޭޒްގެ ފުރަތަމަ ހަނދާންތަކެވެ.

"އޭރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންނަށް ހާއްސަކޮށްގެން އެއްވެސް ކަމެއް ހުޅުމާލޭގައި ނެތުން. ހުރިހާ ޒުވާނުންގެ އަތުން ޗަންދާ ނަގައިގެން ފުޓްސަލް މުބާރާތްތައް ވެސް ބޭއްވީ. ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެހީއެއް ނުލިބޭ. ފުޓްސަލް ދަނޑު ކުރަހަން ކަޅު ތެޔޮ ހޯދީ ވެސް ސްޓެލްކޯ އަށް ގޮސް އާދޭސް ކޮށްގެން. އަމިއްލަ ސައިކަލްގައި ތެޔޮ އުފުލައިގެން އެމުބާރާތްތައް އިންތިޒާމް ކުރީ." ސަންޗޭޒް ވިދާޅުވިއެވެ.

ސަންޗޭޒްގެ ވައުދުތައް
ސަންޗޭޒްގެ ވައުދުތައް

ހުޅުމާލޭގައި ބާއްވާ އިވެންޓްތަކުގައި ސަންޗޭޒްގެ ދައުރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ހުޅުމާލެ ތަރައްޤީ ކުރާ އެޗްޑީސީއަށެވެ. އެހެންކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސަންޗޭޒް އަށް ވަޒީފާއެއް 2014 ވަނަ އަހަރު ހުށަހެޅިއެވެ. އޭރުއްސުރެ އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުޅުމާލޭގެ މުނިސިޕަލްގައި ރައްޔިތުންނާއި ގުޅުން ހުރި ކަންތައްތައް ކުރެއްވުމުގައެވެ. ނަމަވެސް ސަންޗޭޒް އެޗްޑީސީގައި ހޭދަކުރި ދުވަސްތަކަކީ ފަސޭހަ ދުވަސްތަކެއް ނޫނެވެ.

"އާއްމު ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތައް ކުރަން އުޅުމުން ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވި. ސިޔާސީ ފަރާތްތަކުން އަޅުގަނޑުގެ މަސައްކަތްތައް ހުއްޓުވި. މައްސަލަތަކުގެ ވާހަކަ ދައްކަން ފެށުމުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ވެސް ދިން." ސަންޗޭޒް ވިދާޅުވިއެވެ.

ނަމަވެސް ގޮތް ދޫނުކޮށް މަސައްކަތް ކުރެއްވުމުގެ ނަތީޖާ އަކީ މިއަދު މުނިސިޕަލް ޔުނިޓެއްގެ އެންމެ އިސް ބޭފުޅާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަންޗޭޒް އަށް ލިބިވަޑައިގެންނެވުމެވެ.

އެޗްޑީސީ އިން ބާއްވާމުން ދިޔަ ޔޫތު ފުޓްސަލް މުބާރާތުގެ ހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހުރީ އަދި ޤުރުއާން މުބާރާތެއް އެޗްޑީސީ އިން ހުޅުމާލޭގައި ބޭއްވުމަކީ މުހިންމު ކަމެއްކަން ދެކިގެން މިފަދަ ކިތަންމެ ކަމެއް ކުރަން އެންމެ އިސްކޮށް ހުރި ބޭފުޅަކީ ސަންޗޭޒް އެވެ.

ސަންޗޭޒް އިންޓަވިއުއެއް ދެނީ
ސަންޗޭޒް އިންޓަވިއުއެއް ދެނީ

ލިބެން ޖެހޭ ޙައްޤެއްގެ ވާހަކަ ދެއްކުމަކީ ސަންޗޭޒް މީގެ ކުރިން ވެސް ކުރައްވާފައިވާ ކަމެކެވެ. 2013 ވަނަ އަހަރު މީރާގައި މަސައްކަތް ކުރި އިރު އިތުރު ގަޑީގައި މަސައްކަތް ކުރަން މަޖުބޫރު ކުރުމުން ހުރިހާ މުވައްޒަފުންގެ ޙައްޤުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އެކަމުގެ ސަބަބުން ލިބުނު ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރުތަކަށް އޭނާ ފަހަތައް ޖެހިވަޑައެއް ނުގެންނެވިއެވެ.

މިއަދު ސަންޗޭޒް އަކީ ޔޫތު ސިޓީ ޑިވެލޮޕްމެންޓްގެ ރައީސް އެވެ. އަދި މޯލްޑިވްސް ޔޫތުގެ ވެސް ރައީސް އެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަންޗޭޒް ވާދަކުރައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ޒުވާނުން ބާރުވެރި ކުރުވުމެވެ. ޒުވާނުންނަށް ނުލިބި ހުރި ފުރުސަތުތައް ހޯދައި ދިނުމެވެ.

"ވަޒީފާގެ ކުރިއެރުމާއި އަދި ހުރިހާ ކަމެއްގައި ޒުވާނުންނަށް ކުރިއެރުން ނުދިނުމަށް ކުރެވެން ހުރިހާ ކަމެއް އިދާރާތަކުން ކުރޭ. އެކަންކަން ހައްލު ކުރެވޭނެ ސިޔާސަތުތަކެއް ގެންނަން ޖެހޭ. މީހުންގެ ޙައްޤުތަކަށް މަސައްކަތްކޮށް ރައްޔިތުންނަށްޓަކައި ކަމެއް ކުރަން އުޅޭ ކޮންމެ ފަހަރަކު ވެރިން އެކަން ކޮންމެވެސް ސިޔާސީ ކަމެއްގެ ތެރެއަށް ވައްދާ. އެހެން ޕްރޮޕެގެންޑައެއްގެ ތެރެއަށް އެފަދަ ކަންތައް ވައްދަން އުޅޭތީ އެންމެ ފަހުން ވިސްނީ މިކަންތައްތައް ކުރެވޭނީ ޤާނޫނީ ބާރު އޮތް މަގާމަކަށް އައިސްގެންނޭ. އެހެންވެ މަޖިލީހަށް ކުރިމަތިލާން ނިންމީ." ސަންޗޭޒް ވިދާޅުވިއެވެ.

ސަންޗޭޒް މީހަކާ ވާހަކަދައްކަނީ
ސަންޗޭޒް އާއްމު ރައްޔިތަކާއި ވާހަކަދައްކަނީ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޒިންމާ ކިތަންމެ ބޮޑު ނަމަވެސް ސަންޗޭޒް އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ޒުވާނުންގެ ވެސް ޝަކުވާ އަކީ މިހާތަނަށް ކޮންމެވެސް ވިޔަފާރިވެރިއެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ ނުފޫޒުން މެންބަރު ކަމަށް ވަޑައިގަތުމުން ރައްޔިތުންނަށް މެންބަރަކު ނުފެނުމެވެ. ރައްޔިތުންގެ ދިފާޢުގައި އެމެންބަރަކު އަޑު ނުއުފުލުމެވެ.

އެހެންކަމުން ސަންޗޭޒް މެންބަރު ކަމަށް ކުރިމަތި ލައްވަނީ މިނިވަން ބޭފުޅެއްގެ ގޮތުގައެވެ. އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ޒުވާނުންގެ އަޑު އަދި މުޅި ރައްޔިތުންގެ އަޑު ކަމާބެހޭ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުމަށް އޭނާ އަށް ހުރަހެއް ކުރިމަތި ކުރުވޭނެ، ނުފޫޒެއް ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް ސަންޗޭޒް ވިދާޅުވެއެވެ.

"ސިޓީއެއްގެ ދަރަޖަ ހުޅުމާލެއަށް ލިބިފައި އޮތް ނަމަވެސް ބަސް ދަތުރު ކުރާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެކަށީގެންވާ ގޮތައް ކަންކަން ތަރުތީބު ކުރެވިފައެއް ނެތް. އޭލެވެލް ކިޔަވައި ދޭނެ ތަނެއް ހުޅުމާލޭގައިނެތް. ޕީއެޗްޑީ ފެންވަރަށް ކިޔެވޭނެ ގޮތެއް ނެތް. ޔުނިވަސިޓީގެ ކެމްޕަހެއް ނެތް. ހުޅުމާލޭ ހޮސްޕިޓަލުން ރައްޔިތުން ބޭނުންވާ ޚިދުމަތްތަކާއި ގާތް ކުރާ މިންވަރަށް ވެސް ޚިދުމަތެއް ނުދެވޭ. ފްލެޓްތަކުގެ މެއިންޓަނަންސް ފީތައް ބޮޑުވެ އަތް ނުފޯރާ ފަށަން ފީތައް އަރައިފި. މިކަންކަން ހައްލުކޮށް ހުޅުމާލެއަކީ އުފާވެރި، ހިތްހަމަ ޖެހިގެން އުޅެވޭ، އާބާދީ އާއި އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދޭ ސިޓީއަކަށް ހެދުން އެއީ އެންމެ ބޮޑު އަމާޒު." ސަންޗޭޒް ވިދާޅުވިއެވެ.

ދުރުގައި ބަލަން ހުންނަ މީހަކަށް ނުފެނުނު ކިތަންމެ މަންޒަރެއް އަމިއްލަ އަށް ތަޖުރިބާ ކުރެވުމުން އަދި ޒުވާނުންގެ ތެރެއިން ހުރިހާ ވަގުތެއް ހޭދަކުރުމުގެ ފުރުސަތު ލިބިފައި ވުމުން މައްސަލަތައް ހައްލު ކުރެވެން ހުރި ގޮތައް މިހާރު ވެސް ސަންޗޭޒް އަށް އެނގިވަޑައިގަންނަވެއެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ ރައްޔިތުން ސަންޗޭޒް އަށް ވޯޓް ދެއްވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ.

އޭޕްރިލް މަހު އޮންނަ އިންތިޚާބަކީ ހުޅުމާލެއަށް ދިމާވެފައިވާ ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އާފެށުމަކުން ފަށަން ހުޅުމާލޭ ރައްޔިތުންނަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ. އެފުރުސަތުގެ ބޭނުން ހުޅުމާލޭ ރައްޔިތުން ކުރައްވާނެ ކަމާއި މެދު ސަންޗޭޒްގެ ޓީމުން ޝައްކެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިއެއްކުރަނީތޭ

    އަމިއްލަ ކިޑްނީ އެއް ނުވެސް ދަންނަ މީހަކަށް ހަދިޔާ ކުރުން އެއީ އިންސާނިއްޔަތަށް ޚިދްމަތް ކުރުމަކީ ކަން މިހެން ހުރުމުން މިކަން ދަނެގަންނަންވީ ސަރުކާރުގެ ސޯޝަލް ކައުންސިލުން ވެސް މިރާއްޖޭގެ ސްކޫލް ތައް އެބަނިންމާ ކޮންމެ އަހަރަކު 11 ހާސް ކުދިން ދުނިޔޭގެ ފެންވަރުގެ ވަނަ ތައް އެބަގެނޭ ދިވެހި ދަރިން އެކަމަކު ރިސޯރޓެއްގައި ޖީއެމް ކަން ކޮށްލާނެ ދިވެއްސަކު ނެތީ މީ ދެން މަލާމާތެއް ނޫންތޭ ސަރުކާރުން މިކުރަނީ ދިވެހިންނަށް ކޮބާތޭ ރައީސް އޮފީސް ކުރަނީ ކޮން ކަމެއްތޭ ރާއްޖެ ތަރައްގީ ކޮށް ރާއްޖެ އަކީ އެއީ ދިވެހިންގެ ތަނަކަށް ހެދުމަށް ޓަކައި..

  2. ދަންނަކަލޭފާނު

    ނަމުން މިނިވަން ކެންޑިޑޭޓެއް. ހަގީގަތަކީ އަދީބުގެ އެމްޓީޑީ މީހެއްކަން.
    ވަގުތަށް ކިހިނެއްވެގެންތަ މި ކޮމެންޓު ޖަހަން ނުކެރިގެން ތި އުޅެނީ؟