ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ތިން އަހަރު ދުވަހު ނަޝީދު ފެނުނީ އިންޑިއާގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ނަޝީދުގެ ވެރިކަމުގައި ހަމައެކަނި އިންޑިއާ އަށް ރާއްޖޭގެ މައި އެއާޕޯޓް ދިނީއެއް ނޫނެވެ. ނުއަގުގައި އެތައް މަޝްރޫޢުތަކެއް ވެސް އިންޑިއާގެ ކުންފުނިތަކާއި ނަޝީދު ހަވާލުކުރިއެވެ. ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ނަޝީދުގެ ވެރިކަމުގައި އިންޑިއާ އަށް ބިންތައް ދިނެވެ. މީޑިއާ އަށް މާބޮޑަށް ތިލަނުވާ ކިތަންމެ "ހަދިޔާއެއް" ނަޝީދު އިންޑިއާ އަށް ދެއްވިއެވެ.

އެހެންކަމުން ނަޝީދުގެ ވެރިކަން ވެއްޓުމުން އެންމެ ބޮޑަށް ހިތާމަ ކުރި ގައުމަކީ ވެސް އިންޑިއާ އެވެ. ރައީސް ވަހީދުގެ ސަރުކާރާއި ހަމައިން ގޯސްވެފައި އޮތް ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ނާޖާއިޒް ފައިދާ ނަގައިގެން ވެރިކަމަށް އައުމުގެ މަގު ކުރުކޮށްލަން ނަޝީދު ލައްކަ މަސައްކަތް ކުރެއްވެވިއެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައަށް އައިއިރު ވެސް އިންޑިއާ އިން ނަޝީދަށް ވެދިން މާބޮޑު އެހީތެރިކަމެއް ނެތެވެ.

އޭގެ ފަހުން އަނެއްކާވެސް އިންޑިއާ އާއި ނަޝީދުގެ ގުޅުން "ބަދަހިވިއެވެ." ނަޝީދު ބޭނުންވާ ކުލައެއް ޖައްސައިގެން އިންޑިއާގެ މަސްއޫލުވެރި ބޭފުޅުން މީޑިއާގައި ވާހަކަފުޅުތައް ދެއްކެވިއެވެ. އިންޑިއާ ސަރުކާރުގެ ރަަސްމީ ބަޔާންތައް ނަޝީދު ހިތްރުހޭ ގޮތައް އިބާރާތް ކުރެވިގެން ނެރެމުން ދިޔައެވެ. މިހުރިހާ ކަންތަކެއްގެ ބަދަލު ނަޝީދު ވެސް ދިޔައީ އިންޑިއާ އަށް ދެމުންނެވެ.

ލިބޭ ކޮންމެ ފުރުސަތެއްގައި ޗައިނާ އާއި ދެކޮޅަށް ވާހަކަދައްކާ، އިންޑިއާގެ އަށް ދެމުން ގެންދިޔަ އުފާވެރި އުއްމީދުތަކުގެ ސަބަބުން އިންޑިއާ ވެސް އޮތީ ނަޝީދުގެ ވެރިކަމެއް ވަރަށް ދެކޭ ހިތުންކަން އެނގެއެވެ. ނަޝީދު އިންޑިއާ އާއި ބެހޭ ގޮތުން ދައްކަމުން އައި ވާހަކަތައް ފަހަރަކަށް ވުރެ ފަހަރަކު މަތިވަމުން ގޮސް އެންމެ ފަހުން ރާއްޖެ އަށް އިންޑިއާ ސިފައިން ވެސް އަންނަން ގޮވާލިއެވެ. އެގޮވާލުންތަކުގެ ސަބަބުން އިންޑިއާ އިން ތައްޔާރީތަކެއް ވެސް ވިއެވެ.

ނަމަވެސް ދެން ފެނުނީ މަންޒަރު ބަދަލުވިތަނެވެ. މިއަދު ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް ހަދަން އިންޑިއާ އިން މަސައްކަތް ކުރާ މަންޒަރެއް ނުފެނެއެވެ. ނަޝީދު ދިފާޢުކޮށް ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަ ކަމަށް އިންޑިއާ އިން ބުނާ މަންޒަރެއް ނުފެނެއެވެ. ނަޝީދު ވެރިކަމަށް ގެންނަން މަގުކޮށަން އިންޑިއާ އިން ނިކުމެ އުޅޭ މަންޒަރެއް ވެސް ނުފެނެއެވެ.

ނަޝީދުގެ ހަރަކާތްތަކަށް މިހާރު ބަލާލުމުންނާއި ނަޝީދު ދައްކަވާ ވާހަކަފުޅަށް ބެލުމުން ވެސް ފެންނަނީ ނަޝީދާއި އިންޑިއާގެ ގުޅުން "ބީރައްޓެހިވެފައިވާ މަންޒަރެވެ." ހުއްޓުމެއްނެތި އިންޑިއާ އިން ނަޝީދަށް ދެމުން އައި "ލޯބި" މިއަދު ހީނާރުވެއްޖެއެވެ. އިންޑިއާ އިން ނަޝީދު ދޫކޮށްލައިފިއެވެ.

ނަޝީދު 2008 ވަނަ އަހަރު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ބައިނަލްއަޤުވާާމީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެންނެވެ. އަދި 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދިނުމަށް ފަހު "އިސްތިއުފާ ދިނީ ބޮލުގައި ބަޑިޖައްސައިގެން" ކަމަށް ވިދާޅުވެ ނަޝީދު ކުޅުނު ޑްރާމާ އަށް ވެސް ބައިނަލްއަޤުވާމީ ބޮޑު ސަމާލުކަމެއް ލިބުނެވެ.

ނަޝީދުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ފާއިތުވި ދެއަހަރެއްހާ ދުވަހާއި ހަމައަށް އޮތީ އިނގިރޭސިވިލާތެވެ. ނަމަވެސް 2016 ވަނަ އަހަރު ޑޭވިޑް ކެމަރަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުންނާއި، ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އިނގިރޭސިވިލާތުން ވެސް ނަޝީދު ބޭނުންވި ލަވަ ކިޔުން ހުއްޓާލައިފިއެވެ. މިއަދު ނަޝީދު ޖަހާ ބެރަކަށް އިނގިރޭސި ސަރުކާރުން ނުނަށެވެ.

ބޭރު ދުނިޔޭގައި އަޅާނެ ގޮޅިތައް ނަޝީދަށް މަދުވަމުން ދާތީ އެންމެ ފަހުން ކެރަފާ ނަސީމް އެމެރިކާ އަށް ފޮނުވައިގެން ވެސް މަސައްކަތްތަކެއް ކޮށްފިއެވެ. ވެރިކަމަށް އާދެވެން އޮތް "ފަންޑިތައެއް" ދޮން މީހުން ކައިރިން ވެސް ދަސްވެތޯ ނަޝީދު ލައްކަ މަސައްކަތް ކޮށްފިއެވެ. ނަމަވެސް ލިބުނު ކާމިޔާބެއް ނެތެވެ.

އެހެންކަމުން މިއަދު ނަޝީދުގެ މިސްރާބު ބަދަލުވެއްޖެއެވެ. ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދައިގެން ވެސް ވެރިކަމަށް އާދެވޭނެ ގޮތެއް ނެތް ކަން އެނގުމުން މިއަދު ނަޝީދުގެ މިސްރާބަކީ ވަކި ސަރުކާރެއް އުފައްދައިގެން ވެސް ތިމަންނަގެ ވެރިކަމެއް ކުރާނެކަން ދައްކުވައި ދީގެން ކޮންމެވެސް ބައެއްގެ ތާއިދު ހޯދުމެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ނަޝީދު ކުރިމަތިލުމަށް ހުރިހާ ޖަގަހައަކާއި، ހުރިހާ ރަށެއްގައި ހިނގައިގެން އެއްކުރެވުނީ ހައެއްކަ ހާސް މީހުންގެ ސޮއި އެވެ. އެހެންކަމުން ފެންނަ މަންޒަރު ވަަރަށް ސާފެވެ. ބޭރާއި އެތެރެއިން ވެސް މިހާރު ނަޝީދަށް ތާއީދެއް ނެތެވެ.

މިއަދު ނަޝީދު ގޮތެއް ނިންމަން އެބަޖެހެއެވެ. އެއީ ބޮޑު ލަދެއްގައި ބެދިގެން އަނެއްކާވެސް ފަހަތައް ފިޔަވަޅެއް އަޅާނީތޯ ނުވަތަ ޑިމޮކްރަސީގެ އުސޫލަށް ތަބާވެ ރިޔާސީ ކެނޑިޑޭޓަކު ހޮވަން އެމްޑީޕީ އަށް ފުރުސަތު ދޭނީތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބްރާޙިމް ނުޢުމާން

    މި ލިޔުމަކީ ވަރަށް ބޮޑަށް ވަކި ފަޅިއަކަށްބުރަވެ، ނޫސްވެރިކަމުގެ ސުލޫކާ ހިލާފު ލިޔުމެކެވެ. ފަހަރުގައި މިލިޔުމުގައި ހުރި މަޢުލޫމާތު ރަނގަޅު ވެދާނެއެވެ. އެކަމަކު ލިޔުންތެރިޔާގެ ޕްރޮފެޝަނަލިޒަމްގެ ޛައްރެއްގެ މިންވަރުވެސް ނެތްކަން ލިޔުން އިބާރާތްކޮށްފައިވާ ގޮތުން އެނގެއެވެ. ދިވެހި ނޫސްވެރިން ޒިންމާދާރުވެ ހަރުދަނާވާންޖެހެއެވެ. މިފަދަ ލިޔުންތަކަކީ ނޫސްވެރިކަމަށް އޮތް ލަދުވެތިކަމެކެވެ.

    • ޙަމޭ

      ޢައްދެ އަންނި އައް ސަނާ ނުކުޔަިފިއްޔާ ނޫސްވެރިކަމުގެ މިންގަނޑުތަކުން ބޭރުވީތަ. ޙެހެ. ޢަންނި އަކީ ބޮޑު ހާއިނެއް ކަމެއް ނޭނގޭތަ.

  2. އޭނައޭ

    ކެނެރީގެ ނަޝީދަކީ ވަރަށް ޚުދު މުޚުތާރު އަދި އަމިއްލަ އެދުން ބޮޑު ވެރިކަމާއި ހެދި ހޭބަލިވެފައިވާ މީހެކެވެ.

  3. ހުސެން

    ގޮތް ދޫކޮށްފަ ބުޅަލެއް ލިޔަސް އޯކޭ ،މައުމޫނު ވެސް އެހުންނެވީ ފަހަތުގައި.ކަމޯން އޭރުން މިކަން ހައްލުވީ

  4. ރަށްދު

    ގައުމެއްގެލޯބިލިބޭނީ އަނބިމީހާގެ ލޯބިލިބިގެންނެއްނު

  5. އަހަރެން

    އެމަންޒަރު ވަގުތު ނޫސް ކުދިންނަށް ފެންނާން ޖެހޭތޭ؟؟؟؟

  6. ޕުއް

    ދެން ފިލިއްޓޭ އޮވޭ. ތިކަހަލަ މީހުންނަށް ވާނީ ތިވަރު. ދެން ލަލަލަލަ

  7. އަބުތި

    ނަޝީދަކަށް ތިކަން ގަބޫލު ނުކުރެވިގެން މިއުޅެނީ އެމްޑީޕީ އަށް އިންތިހާބުކާމިޔާބު ކުރެވިދާނެ ނަޝީދު ނޫން މީހަކު ނެރެގެން..

  8. އައްބޭބެ

    އަޅުގަނޑަކީވެސް އެމް ޑީ ޕީ އަށް ތާއީދު ކުރާ ޕާޓީގެ މެމްބަރަކީމެވެ. އަޅުގަނޑުމެންގެ އެދުމަކީ ގޮތް ދޫކޮށް ދެންއޮތް އެންމެ ފަހު ފުރުޞަތުވެސް ނުގެއްލެނީސް ޕާޓީގެ ހަރުދަނާ މެމްބަރަކަށް ފުރުޞަތު ދެއްވައިގެން ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ. މިހާރު މިކުރެވެނީ މޮޔަކަމެއް ކަމަށް ޕާޓީގެ ގިނަ ބަޔަކަށް މިހާރު ގަބޫލު ކުރެވެއެވެ.

  9. މަހާ

    ވ ބަރާބަރު ލިޔުމެއް!

  10. ރިޒާ

    މިކަހަލަ ލިޔުން ލިޔަންޖެހޭނެ ވަގުތު ނޫހުގައި ނަޝީދު ޚަބަރެއް ނެތިއްޔާ މަވެސް މިނޫސް ނަބަލާނަން ޝުކުރިއްޔާ ވަގުތު. ނަޝީދު އިސްތިހާރުކުރަން އެބަޖެހޭ ޕްރައިމރީގައި ކުރިމަތިލާގެން އުޅެނީ ހުރިހާކުދިންވެސް ނަޝިދުއަށް ވޯޓް އަޅާތި . އިލެކްޝަނުންވެސް ފަހުން ޤބޫލް ކުރާނެ ސާބަހޭ ވަގުތުނޫސް ނަސީދުގެ ޚަބަރު ލިޔަންވާނެ ރަނގަޅަވެސް ނުރަނގަޅަވެސް ވަގިތު ނޫހުން ބޭނުންވަނީ ނަޝީދު އިސްތިހާރު ކުރަން އެކަން އެބަކުރޭ ރަނގަޅަށް

    • Anonymous

      އެކުން ހޮޅިވާހަކަ ނުދައްކާ ކިއްލި ތަޅަން ދޭ