ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ އަސާސީ ސިފަ އަކީ ރައްޔިތުންގެ ކަންކަމުގައި ރައްޔިތުން ގޮތް ނިންމުމެވެ. ޑިމޮކްރަޓިކް އުސޫލުތަކަށް އަމަލު ކުރުމަކީ ދުނިޔޭގެ އެކި ފަރާތްތަކުން ޑިމޮކްރަޓިކް އުސޫލުތައް ކަމަށް ގަބޫލުކޮށްފައިވާ އުސޫލުތަކަށް އަމަލު ކުރުމެވެ. ޑިމޮކްރަޓިކް އުސޫލުތަކާއި އެއްގޮތައް އެކުލަވާލެވިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކަށް ކިޔަމަންތެރިކަމާއި އެކު ބޯލެނބުމެވެ.

ރާއްޖޭގެ ޤާނޫނީ ނިޒާމާއި ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވައިދުތައް އޮތީ ޑިމޮކްރަސީ އެންމެ ބޮޑަށް ފުރާ ފުރިހަމަވެފައި އޮތް ގައުމުތަކުގައި ވެސް އޮންނަ ގޮތަށެވެ. ނަމަވެސް ލިޔެވިފައި ހުރި އުސޫލުތަކާއި ޑިމޮކްރަޓިކް ހަމަތައް ކަމަށް އެންމެން ގަބޫލު ކުރާ އުސޫލުތަކަށް އަމަލު ކުރެވޭ މަންޒަރު ރާއްޖެ އަކުން ނުފެނެއެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ވެދުމަށް އެރުވި ގޮތުންނާއި، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ވެދުމަށް އެރުވުމަށް ކުރަމުން ގެންދާ މަސައްކަތައް ބަލާލުމުން ދެޕާޓީ އިން ވެސް ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވާން ބޭނުން ނުވާކަން އެބައެނގެއެވެ.

ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 69 ވަނަ މާއްދާގެ (އ) ގައި ބުނެފައި އޮންނަނީ "ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މެންބަރަކު، ޤާނޫނު އަސާސީއާ އެއްގޮތަށް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭނަމަ، އެމެންބަރަކަށް ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ޕާޓީގެ ޓިކެޓު ދެވިދާނެއެވެ. ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓު ހޯދުމަށް އިތުރު މެންބަރަކު ނުވަތަ މެންބަރުންތަކެއް ޝައުޤުވެރިކަން ފާޅުކޮށްފައިވާނަމަ، އެމެންބަރަކު ނުވަތަ މެންބަރުންނަށް ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓު ހޯދުމުގެ ފުރުޞަތު ދޭން ފެނޭތޯ، އެރިޔާސީ އިންތިޚާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ޤައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަންވާނެއެވެ. އަދި، އެގޮތަށް މެންބަރުންނަށް ފެންނަ ނަމަ، ޕްރައިމަރީއެއް ބާއްވަންޖެހޭނެއެވެ."

ޕީޕީއެމްގެ އަސާސީ ޤަވައިދުގައި އިސްވެ ދެންނެވި ގޮތައް ބަޔާންކޮށްފައި އޮތް ނަމަވެސް އެޕާޓީގެ ކައުންސިލުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވީ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އިތުރު މެންބަރަކު ހުރިތޯ ބަލާލަން އިއުލާން ވެސް ކުރުމެއް ނެތިއެވެ.

ޕީޕީއެމް އާއި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބެލުމުން ރައީސް ޔާމީނާއި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުކުރެވޭނެކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން ޑިމޮކްރަޓިކް އުސޫލަށް ތަބާވެ، ޕީޕީއެމްގެ އަސާސީ ޤަވައިދަށް އަމަލުކޮށް، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކުރިއަށް ދިއުމަށް ޕީޕީއެމްގެ ކައުންސިލް މެންބަރުން ފަސްޖެހެން ޖެހޭ ސަބަބެއް ނުވިސްނެއެވެ.

ދެން އޮތީ އެމްޑީޕީ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ޕާޓީކަމަށް ވަކާލާތު ކުރާ ޕާޓީއެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ގޮތަކަށް އިބާރާތް ކުރައްވައިގެން އެމަނިކުފާނު ހުށަހެޅުއްވި ޤަރާރު އެމަނިކުފާނު ބޭނުންފުޅުވި ގޮތައް އެވަނީ ފާސްކުރައްވާފައެވެ.

ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރުން ލާޒިމްވާ ސިފަތައް ހުރި ބޭފުޅަކަށް ވާން ޖެހޭނެކަމީ ބުއްދީގެ ހަމަތަކަށް ބެލި ނަމަވެސް އެއްބަސްވެވޭ ކަމެކެވެ. ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވުމުން، އެމަނިކުފާނުގެ މައްޗަށް އޮތް ޖަލު ޙުކުމް އެމްޑީޕީގެ ގައުމީ މަޖިލީހުން ހަނދާން ނައްތާލައިފިއެވެ.

ރައީސް ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން އެމްޑީޕީގެ ސަރުކާރެއް ގާއިމު ނުކުރެވި މިހާރު ވެސް ހައަހަރު ދުވަސް ފާއިތުވެގެން ދިޔައީއެވެ. ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނެ މަގު ތަނަވަސްވެފައި ނެތީސް އެމަނިކުފާނުގެ ނަން އިއުލާން ކޮށްގެން އެމްޑީޕީ އިން ރިޔާސީ އިންތިޚާބަށް އިންތިޒާރު ކުރުމަކީ ގަސްދުގައި ރައީސް ނަޝީދު އެމްޑީޕީ މެންބަރުންނަށް ދެއްވާ އަނިޔާއެކެވެ. ރައީސް ނަޝީދު އަމަލު އެކުރައްވާ ގޮތުން ވެރިކަން ހޯދަން އަނެއްވެސް އެމްޑީޕީ އިން އިތުރު ފަސް އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ކުރަން ޖެހޭނެއެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގެ 77 ވަނަ މާއްދާގައި ރިޔާސީ ކެންޑިޑޭޓެއްގެ ވާހަކަ ވަރަށް ކުރުކޮށް ބަޔާންކޮށްފައި އޮތުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން، ރައީސް ނަޝީދު އެމަނިކުފާނަށް ލިބިފައިވާ ބާރުގެ ބޭނުންކުރައްވައިގެން ހަޤީޤަތުގައި އެކުރައްވާ ކަމަކީ އެމްޑީޕީގެ އެތެރެއިން ޑިމޮކްރަޓިކް ހަމަތައް ފޮހެލުމުގެ މަސައްކަތެވެ.

ހަޤީޤަކީ ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ވެގެން ފާއިތުވެގެން މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ޑިމޮކްރަސީގެ ވާހަކަތައް ލިޔެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވައިދުގައި އެކަންޏެވެ. ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމުގެ ފުރުސަތު ލިބުން ފިޔަވައި ޑިމޮކްރަސީގެ ސަބަބުން ދިވެހިންނަށް ލިބުނު އުފަލެއް ވެސް ހިތްހަމަޖެހުމެއް ވެސް ނެތެވެ.

އެކަން އެހެން ދިމާވާން މެދުވެރިވާ ހަޤީޤީ ސަބަބަކީ ސިޔާސީ ލީޑަރުންގެ ކިބައިގައި އިހްލާސްތެރިކަން ނެތުމެވެ. ޑިމޮކްރަސީ އަކީ ކޮންމެ ލީޑަރަކު ވެސް އެބޭފުޅަކު ބޭނުންފުޅު ގޮތަކަށް ތަރުޖަމާ ކުރައްވާ އެއްޗަކަށް ވުމެވެ. ތިމާ ހިތް ނުރުހޭ ކޮންމެކަމަކީ ޑިމޮކްރަސީގެ ސިފައެއް ނޫންކަމަށް ނިންމާ ތިމާ ހިތް ރުހޭ ކޮންމެ ސިފަ އަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށް ލީޑަރުން އެދަނީ ނިޔާ ކަނޑައަޅުއްވަމުންނެވެ.

ޑިމޮކްރަސީގެ ހަޤީޤީ ފޮނިމީރުކަން ލިބޭނީ ކަޅާއި ހުދުން ދިވެހިން ލިޔެފައި ހުރި ޑިމޮކްރަސީގެ ސިފަތައް އަމަލީ މައިދާނުގައި އަމަލުކުރަން ފެށި ދުވަހަކުންނެވެ. ނަމަވެސް ފެނުނު މަންޒަރުންނާއި ފެންނާނެ ކަމަށް ލަފާކުރެވޭ މަންޒަރަށް ބަލާއިރު އެދުވަހެއް އަވަސް މުސްތަގުބަލެއްގައި އަޅުގަނޑުމެންނާއި ބައްދަލެއް ނުކުރާނެއެވެ.

އެހެންކަމުން ޑިމޮކްރަސީ ހޯދަން ދިވެހިން ފެށި ދަތުރު ކާމިޔާބު ކަމާއި އެކު ނިންމާލަން އަދިވެސް ވަރަށް ދުރަން ހިނގަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއްޖެ

    ޔޫއެސް ގަ ވެސް ރަނިން ޕްރެސިޑެންޓަށް ދެވަނަ ޓާމް ދޭ ޕްރައިމަރީއާ ނުލައި އޭރުގަ ވެރިކަން ކުރާ ޕާޓީން.

  2. ރައިޓަރ

    ލިޔުންތެރިޔާއަށް ހަމަ ސާބަސް. ކިހިނަކުންތޯއޭ ކަނަކަށް އިރުވާހުދު ކިޔާދޭނީ. ބަލަ ޑިމޮކްރަސީ އަހަރެމްން ދަސްކުރަނީ އޭގައި އެލިގެން ތިބި އެ އުފެއްދި މީހުން ކައިރިން. ދެން އެމީހުން އެޔަށް އަމަލް ކުރާގޮތް ވައްކަޅިން ބާލާލަމާ ދޯ. އަލިފްދާލް ގެ ވީޓޯކުރުމުގެ ބާރު ލިބިފައި ތިބި ގައުމުތަކުން ޖަހާސަކަރާތް އޯކޭދޯ؟ އެމެރިކާ އެކަނި އެއްކޮޅު އަނެއް ހުރިހާ ގައުމެއް އެއްކޮޅު އެކަމް އެމެރިކާ ވިންކޮށް އެމީހުން ބޭނުން ގޮތެއް؟ ޢެކަމް ދިމޮކްރޭޒީ އޯ.

  3. މާމިގިލީ މީހާ

    ޖޭޕީ އިން ޑިމޮކްރަސީ ފެންނާނީ 3ޑީ އައިނެއް އެޅީމާ. އެޕާޓީންދޭ. އެއީ 2013ގައި ގާސިމް މާމިގިލީގައި އެޅި ހޮސްޕިޓާވެސް ފެންނަނީ 3ޑީ އެއައިނު އެޅީމަ. 2013ގައި ގާސިމް މާމިގިލީގެ މަގުތަކުގައި އެޅި ތާރުވެސް އަދި ނުހިކޭ. މަގުތަކު ނުހިގޭ ފައިވާން ތައިލަވާ ވަރުން.. މިއީ ތަރައްގީ ގައިމު ވީމާ ވާގޮތް

  4. ޏަމްނަމް

    ކަލޯ މީ ޔޫއެސް ތަ.

  5. ނުރަބޯ

    ޑިމޮކްރެޓިކް ނިޒާމަކީ މަތިން ބާވާލެއްވި ނިޒާމެއްނޫނެވެ. އިންސާނުން އަމިއްލައަށް ހަދާފައިވާ އިސްލާމްދީނާ ބީރަށްޓެހި ނިޒާމެކެވެ. އަދި އެ ނިޒާމު ހިންގޭނީވެސް އެކި ގައުމުތަކުގައި އެކިވަރަށެވެ. އެގޮތުން މިގައުމުގައި އެނިޒާމުގެ ދަށުން އުފައްދާފައިވާ ކޯޕަރޭޝަން ތަކާ ކަމިޝަން ތަކަކީ މިގައުމުގެ އިގްތިޞޯދަށް ކުޅަދާނަނުވާ ވަރުގެ މުވައްސަސާ ތަކެކެވެ. އަދި ދީނީ ގޮތުންވެސް އިސްލާމީ ގައުމެއް ގައި ގާއިމް ނުކުރެވޭނޭ ކަންކަން އެ ނިޒާމުގައި ވެއެވެ. އަދި އެނިޒާމުގެ ބޭނުންކޮށްގެން ތަންދޮރު ނުދަންނަ ޖާހިލުން ގައުމުތަކަށް ވެރިވެ އެ ގައުމުތައް ބަނގުރޫޓު ކޮށްލުމުގެ ފުރުސަތުވެސް އޮވެއެވެ. މީގެ ދަލީލަކީ ތިޔަބުނާ މޮޅު ނިޒާމުގެ ދަށުން މިގައުމުގައި 2008 ން 2012 ފެބް 7 އަށް ކުރެވުނު ފަނާ ކުރަނިވިވެރިކަމެވެ. ކޮންމެ ސަރުކާރެއްގެވެސް ޒިއްމާއަކީ މާތްވެގެންވާ އިސްލާމްދީނަށް އެއްވެސް ގޮންޖެހުމެއް ނާންނާނެ ގޮތުން ގައުމު ތަރައްގީކޮށް ރައްޔިތުން ނަށް ލުއިފަސޭހަ ގޮތް ތަކެއް ހޯދައިދިނުމެވެ. އެގޮތުން މިހާރު މިގައުމުގައި އޮތް ސަރުކާރަކީ ގައުމަށާ ރައްޔިތުންނަށް ކޮޅެއް ނެތްހާ ލާބަ އާއި ފައިދާތައް ހޯދައި ދެމުންދާ ސަރުކާރެކެވެ. ރައްޔިތުންނަށް ބޭނުން ވަނީ މިގޮތެވެ. އެހެންކަމުން ތިޔަބުނާ ނިޒާމުގެ ދަށުން ހުރިހާކަމެއް މިގައުމުގައި ކުރެވޭނެ ކަމަށް ލިޔުންތެރިޔާ ހީކުރާނަމަ އަދި އެ ބޭނުމަށް ދަތުރުކުރާނަމަ ޢުމުރު ހުސްވިޔަސް ތިޔަ ދަތުރެއް ނުނިމޭނެ އެވެ.

  6. ޢަލީ މުޙައްމަދު

    ށައުޤުވެރިވާ ފަރާތެއް ވޭތޯ ނޫންތޯ ބަލަން އިޢުލާން ކުރާން ޖެހޭނީ އެކަން ނޭނގިގެން އުޅޭނަމަތާ. ޕީޕީއެމް ގައި ނޫޅޭ ރައީސް ޔާމީންގެ ޚިދުމަތްތައް އިތުރު 5 އަހަރަށް ބޭނުން ނުވާ މީހަކު. އަނެއް ކޮޅުން ރައީސް ޔާމީން ނޫނީ މުޅި ޕާޓީއަށް ގުޑުން އެރި ވަރުގަދަ ޕްރައިމަރީއަކުން ކާމިޔާޞު ހޔޯއްދަވައިގެން ވެރިަކަމަށް ވަޑައިގަތް އެއްވެސް ވެރިޔަކު ތާރީޚުން ފެންނާކަށް ނެތް. ދެން ފައިސާ ޚަރަދުކުރުމާއި ފަސާދަ އުފައްދާން ޕްރައިމަރީއޭ ކިޔައިގެން ކަންތައްތަކެއް ހަމަ ކުރާން ޖެހޭތޯ؟ އެމްޑީޕީ އިން ވެސް ނަޝީދު ނޫން މީހަކު ކުރިމަތި ނުލައްވައި އަދި ފެނޭތޯ ބަލަން ވޯޓުލައްވަނީ ނަސޯރާއިންގެ ފައިސާ ގަނޑު އޮތީމާ. އެހެން ނޫނީ ދެން ކޮން ބޭކާރު ޚަރަދެއް؟