ކުރީގެ ރައީސް ނަޝީދަށް ދުވަހަކު ވެސް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ނަޝީދު ބޭނުން ވަގުތެއްގައި މި ގައުމު "ރޭޕް" ކޮށްފައިވެސް އެމަނިކުފާނު ބަލައިގަންނަންވީތޯ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ސުވާލު އުފައްދަވައިފިއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމްގެ ފަރާތުން "މަގޭ ދީނާ މަގޭ ގައުމާ" ގެ ނަމުގައި ބާއްވާމުންދާ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، މި ގައުމުން ކިތަންމެ ކުޑަޔަސް މި ގައުމުގެ މިނިވަންކަން ނަގާލާކަށް ވެލި ގޮއްޓެއްގެ މިންވަރުވެސް އެހެން ބަޔަކަށް ދޭން ބޭނުން ނުވާކަމަށެވެ.

ނިހާން ވިދާޅުވީ، ވޭތުވެ ދިޔަ 12 އަހަރުގެ ދިވެހި ރާއްޖޭގެ ތާރީހުގައި ސިޔާސީ ހަޔާތުގައި ރާއްޖެއަށް އެންމެ ގިނަ ގުނަ ގެއްލުންތަކެއް ދީފައި ވަނީ ރައީސް ނަޝީދު ކަމަށެވެ. އަދި ހުރިހާކަމެއްގެ އަޑީގައިވެސް އޮތީ އެމަނިކުފާނު ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"މުހައްމަދު ނަޝީދު އަޑީގައި ހުރެގެން އަދި ނުރައްކާތެރި ބަޣާވާތް ކުރަން އެރި ސްޕްރީމް ކޯޓުގެ އިސް އެ ދެ ފަނޑިޔާރުންނާއި އޭގެ ބައިވެރިވި ހުރިހާ ޚާއިނުންގެ މި ނުބައި ހިޔާނާތުގެ ފޮރުވިފައިވާ ފަސް މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ 6 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 11:14 ގައި މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާއެކު" ނިހާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެން އެމަނިކުފާނަށް ވަރަށް ބޮޑަށް ނިހާން ވަނީ ފާޑުވިދާޅުވެފައެވެ. ނިހާން ވިދާޅުވީ، އެ ޓްވީޓައި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް މާނަ ކުރަން ނޭނގުނު ޓްވީޓަކަށް ވެއްޖެ ކަމަށެވެެ. އިނގިރޭސި ބަހުން ކޮށްފައިވާ އެ ޓްވީޓްގައި ވަނީ، އިންޑިއާގެ އަސްކަރިއްޔާ ފޮނުވައިގެން ރާއްޖޭގައި ބަންދުކޮށްފައި ތިއްބެވި ފަނޑިޔާރުންނާއި، ސިޔާސީ ބޭފުޅުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މީގެއިތުރުން ރައީސް ނަޝީދު ވަނީ އެމެރިކާގެ ބޭންކްތައް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރާ މިސަރުކާރުގެ ވެރިންގެ މާލީ މުއާމަލާތްތައް ހުއްޓުވާލަދިނުމަށް އެމެރިކާ ސަރުކާރަށްވެސް ގޮވާލައްވާފައެވެ.

"އެ ޓްވީޓްގެ ބައި މިލިޓަރީއަކީ އަޅުގަނޑުމެން ނުދަންނަ ބަހަކަށް ވެއްޖެ. އަޅުގަނޑުމެން އެންމެ ދިވެހިން ކުރިމަތީ ތިއީ ގަމާރުންތޯއޭ މުހައްމަދު ނަޝީދު ބުނަނީ. އަޅުގަނޑުމެން ގުބޯއިންނަށްވެގެންތޯއޭ މިތިބީ. އޭނާ ހިތައް އެރި ވަގުތެއްގައި މި ދިވެހި ގައުމު ރޭޕް ކުރުމަށްފަހު އަޅުގަނޑުމެން އޭނާ ބަލައިގަންނަންވީތޯއޭ. މިގައުމުގެ ފަސްގަނޑުން އެއްވެސް ދުވަހެއްގައި ޖާގަ ނުދޭންވީ މީހެއް މުހައްމަދު ނަޝީދުއަކީ". ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވިގޮތުގައި، ޖީއެމްއާރަށް ރައީސް ނަޝީދު އެއާޕޯޓް ދީފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި، މުސްތަގިއްލުކަން ގެއްލުވާލައިގެންކަން ދެނެގަނެ އެއަށް އެންމެ އަވަހަށް އިޖާބަ ދިނީ އެއިރުގެ ޕާލިމެންޓަރީ ލީޑަރު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މި ރާއްޖެއިން ޖީއެމްއާރް ބޭރުކުރި މީހުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހިމެނޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"ނަރުދަމައާ އެތަކެއް ފެންހޮޅިއެއް އަޅަން ބަހައްޓާފައި ހުރި ލާރި އެތައް ގޮތަކުން ދިވެހި ރާއްޖޭގެ ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ފޮތި ބިރެއް ނެތި ނަގާ 300 މިލިއަން ޑޮަލަރު ޖީއެމްއާރްގެ އާބިޓްރޭޝަނަށް ދެއްކީ ދިވެހިންގެ މިނިވަންކަމާއި، އިސްތިގުލާލާއި މުސްތަގިއްލިކަމަށްޓަކައިކަން މިއަދު މިއޮތީ ހާމަވެފައި". ނިހާން ވިދާޅުވިއެވެ.