ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާކަމަށް ބުއްދި ޤަބޫލުކުރާ ކަމަށާއި އިންސާނާގެ ލޮލަށް ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައި ނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އީމާންކަމަކީ ހިތުގައި އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކޮށް ޤަބޫލުކުރުމެވެ. އޭގެތެރެއިން މާތްﷲއަށް އީމާންވާ މީހާއަށް އެންމެ މުހިންމު ކަމަކަށް ވާނީ އެކަލާނގެ ވޮޑީގެންވާކަމަށް އީމާންވުމެވެ. ﷲމަޢުރިފާކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެއް ކަމަށާއި އޭގެ ނަތީޖާ އަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވީ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުކުރާ މީހުން ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި ކައުނުގައި ހިނގަ ހިނގާ ހުންނަ ކަންތައްތަކަށް ބަލާލިޔަސް އެ ތަކެތި އުފެއްދެވި ފަރާތެއް ވާކަމުގެ ހެކި ފެންނަން އެބަހުރި ކަމުގައި ވަނީ ވިދާޅުވެފައެވެ.

"އަދި މިހުރިހާ ނިޒާމެއް ފުރިހަމައަށް ގުޅި ލާމެހިފައިވުމަކީ، އެކަންކަން ރާވައި ހިންގައި ތަދުބީރުކުރާ ފަރާތެއްނެތި އިއްތިފާޤަކުން ހިނގާކަމެއް ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫނެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އިންސާނުންނާއި މި ޢާލަމު ވުޖޫދުގައި ވުމެވެ. ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއް ކަމަށާއި ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް ޤަބޫލުކުރެވޭ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންދާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން، ވޮޑިގެންވާ ކަމަށް ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އާއި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރެއެވެ.

ނަމަވެސް ލޮލަށް ފެންނަ ކޮންމެ އެއްޗަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓެއެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނުވަތަ އިޙްސާސެއް ވެސް ނުވެއެވެ. ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވެއެވެ. އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެނެއެވެ. އިޙުސާސެއް ވެސް ނުވެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫން ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އިލާހަކުނުވާކަމަށް ބުނާމީހުންދޯ އެންމެފަހުޒަމާނުގައި އާދަޔާހިލާފުބާރުތަކާއިއެކު ދޖލ އައީމަ އޭނާއަށް ފުރަމައަށް އީމާންވާނީ! އެކަހަލަމީހުން ގިނަވުމަކީ ދޖލ ފާޅުވާން އުޅޭތީބާ؟

  2. ލޮޖިކް

    އިންސާނީ ބުއްދީން ކަލަކު ވާކަމަށް ގަބޫލުކުރުމާ ނުކުރުން ދީނޭއް ގަބޫލު ކުރެވުމާ ނުކުރެވުން މީ މުޅިން ތަފާތު ދެކަމެއް ދީންތަކަށް އިންސަަނީ ބުއްދި ހިންގަަލާއިރު އެބުއްދި ގަބޫލުނުކުރެވޭ އެތައްކަމެއް ވާކަމީ ހަގީގަތެއް

  3. ތާކިހާ

    ތިހެންވެއްޖެޔާ މި ކާއިނާތުގަވަނީ ކިތައް ވުޖޫދުތޯ....