ރިޒްޤަކީ ވިސްނުން ތޫނުވެގެން ނުވަތަ ތިމާގެ ބާރުވެރިކަމުން ލިބިގަނެވޭ އެއްޗެއް ނޫނެވެ. ﷲ ގެ ރިޒްޤު، އެކަލާނގެ މަޚްލޫޤުންގެ މެދުގައި ބައްސަވަނީ އެކަލާނގެ ދެނެވޮޑިގެންވާ ޙިކްމަތެއްގެ މަތިންނެވެ.

އެގޮތުން ކުރީގައި އެއްވެސް ކާނާއެއް ނުލިބޭ ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް މައްކާއަކީ މިއަދު އެތައް މިލިއަން ބައެއްގެ ލޯބި އެރަށަކަށް ދީފައިވާ، ރިޒްޤު ތަނަވަސް ރަށަކަށް ވުމީ އެކަމުގެ މިސާލެކެވެ.

މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފުމަށްފަހު ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، އެމީހުންގެ ރިޒްޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ މީހުންނެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ދައްކަވާފައި ވަނީ މި ނަމޫނާއެވެ.

އެގޮތުން އިބްރާހީމް އަލައިހިއްސަލާމް، އެކަލޭގެފާނުގެ އާއިލާ ހަނަފަސް ވާދީއަކަށް ދޫކޮށްލައްވައި، ގެފުޅު ކައިރީގައި ވަޒަންވެރި ކުރެއްވި ހިނދު، ﷲ އަށް ޝުކުރުވެރިވުމަށްޓަކައި އެބިމަށް މޭވާތަކުން ރިޒްޤު ދެއްވުމަށް ދުޢާކުރެއްވިއެވެ.

މާތް ﷲ އިބްރާހީމްގެފާނުގެ ދުޢާ އިޖާބަކުރައްވާފައިވާގޮތް ނިކަން ބައްލަވާށެވެ. މިއަދު މައްކާއަކީ، މީސްތަކުންގެ އެތައް މިލިއަން ބައެއްގެ ލޯބި އެރަށަކަށް ދީފައިވާ ރިޒްޤު ތަނަވަސް ރަށެއް ނޫންތޯއެވެ. އެއީ އެރަށަށް ލެއްވި ބަރަކާތުގެ ސަބަބުންނެވެ. ފެހިކަމެއް ނެތް ހަނަފަސް ރަށުން މިއަދު ނުލިބޭ މޭވާއެއް ނެތެވެ. އެހެންކަމުން ކޮންމެ އެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ.

ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ފަޤީރުންނަށާއި މުހުތާދުވެރިންނަށް ހޭދަކޮށް، ދަތި ހާލު ޖެހިފައިވާ މީހާއަށް ލުއިފަސޭހަކޮށްދިނުން ހިމެނެއެވެ. އަދި އެގޮތަށް ޢަމަލުކުރާ މީހާއަށް މާތްﷲ ލުއި ފަސޭހަކޮށްދެއްވާނެ އެވެ. އެމީހެއްގެ ކަންބޮޑުވުންތައް އެކަލާނގެ ފިއްލަވައިދެއްވާނެ އެވެ.

ތެދުވެރިކަމާއި އެކު ރިޒްޤު ހޯދަން އެދޭ މިހާ އެކަމަށްޓަކައި ހިތްމަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހެއްގެ ކިބައިން ކަންނެތްކަން ފޮހެލަން ޖެހޭނެއެވެ. ދުވަހަކުވެސް އުޑަކުން ރަނާއި ރިއްސެއް ނުވެއްސަވާނެތެވެ. އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތްކުރާ މީހަކީ، ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދައެވެ. ރިޒްޤު ހޯދުމަށްޓަކައި ޙައްޤު ގޮތުގައި މަސައްކަތް ކުރާ މީހާއަށް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ އޭނާގެ އުއްމީދުތަކާ ހަމައަށް ވާސިލްކޮށްދެއްވާނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    މީނާ ގެ އާރޓިކަލް އަހަނަށް ފެންނަނީ ވަރަށް މަދުން. ޙީވަނީ ދީނީ ކޮންޓެންޓް ލިޔާ ކުއްޖެއްހެން.
    ޢެކަމަކު.............މީއީ ވަރަށް މޮޅަށް ލިޔާ ކުއްޖެއް. ނުހުންނަ ކުށްވެސް.

    ޢައިލައިކް
    (: އުމްމްމްވަ