ރާއްޖެއަށް ވާރޭ ނުވެހި، ހޫނުގަދަވެފައިވާ މި ދަނޑިވަޅުގައި އެންމެ އައުލާވެގެންވަނީ އިސްތިޣުފާރުކުރުން ގިނަކުރުން ކަމަށް، މިއަދުގެ އިސްތިސްޤާ ނަމާދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

“އިސްތިޣުފާރު ކުރުމުގެ ސަބަބުން މާތް ﷲ އެކަލާނގެ ދެއްވާ ބަރަކާތްތެރި ރިޒްޤު އިތުރުކޮށްދެއްވައެވެ. ވާރޭ ވެއްސަވައިދެއްވައެވެ. އަނބިދަރިންގެ ކަންކަން ހެޔޮކޮށްދެއްވައެވެ. ގަސްގަހާ އެއްޗެހި ފަޅުއްވާ އެތަކެތިން ގޮވާމާއި މޭވާތައް ނެރުއްވައެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.

އިސްތިސްގާ ނަމާދަކީ ފެން ލިބުން ދަތިވެ، ވާރޭ ވެހުން ދަތިވާނަމަ، މާތް ﷲގެ އެ ނިއުމަތަށް އެދި ކުރާ ނަމާދެކެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައިއެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މީހުން މިއަދުގެ ނަމާދުގައި ބައިވެރިވިއެވެ.

މިއަދު މެންދުރު ނަމާދަށްފަހު މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް އިސްތިސްގާ ނަމާދު ކޮށްފައިވާ އިރު، މަލޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިސްތިސްގާ ނަމާދެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު