ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ރޯދައިގެ ޙިކުމަތަކީ ކޮބައިކަން އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ރޯދަ ފަރުޟުކުރެއްވި އާޔަތުގައި އަންގަވާފައެވެ. އެއިލާހު ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(يَاأَيُّهَاالَّذِينَآمَنُواكُتِبَعَلَيْكُمُالصِّيَامُكَمَاكُتِبَعَلَىالَّذِينَمِنقَبْلِكُمْلَعَلَّكُمْتَتَّقُونَ) سورةالبقرة: 183

މާނައީ: (އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.)

އާދެ މިއާޔަތުގައި ﷲ ރޯދަ ފަރުޟު ކުރެއްވި ކަމުގެ ޙިކުމަތެއްކަމުގައި ނުވަތަ ބޭނުމެއް ކަމުގައި މިއަންގަވަނީ ތަޤުވާވެރިކަން އަޅުގަނޑުމެންނަށް ޙާޞިލުވޭތޯއެވެ. އެއީ މިޢަމަލު ކޮށްގެންނެވެ. އަދި އެހެނިހެން ހެޔޮ ޢަމަލުތައް ކޮށްގެންނެވެ.

ޝަރުޢީގޮތުން ތަޤުވާވެރިކަމަކީ ޢިލްމުވެރިން ބަޔާންކުރައްވަނީ ﷲ ކުރެއްވި ޢަމުރުތައް އަދާކުރުމާއި އަދި ނަހީކުރެއްވި ކަންކަމުން ދުރުވުމެވެ.

ތަޤުވާގެ މާނަ ﷲ އަށް ބިރުވެތިވުން ކަމުގައި ތަރުޖަމާކުރެވެއެވެ. އެޔަށް ވުރެ އެބަހުގެ މާނަ ފުޅާވެ ތަނަވަސްވެއެވެ. މަތީގައި އެވަނީ އިޞްތިލާޙީ މާނަ ބަޔާންކުރެވިފައެވެ. އެހެންކަމުން ތިރީގައިވާ އާޔަތްތަކަށް ތަދުރީބުކޮށް ފުންކޮށް ވިސްނާށެވެ.

 

ތަޤުވާވެރިވުން އަމުރުވެވިފައިވާކަމެއް: ﷲ ސުބުޙާނަހޫވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ) سورة النساء: 1މާނައީ: "އޭ އެންމެހާ މީސްތަކުންނެވެ. އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ.)

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ) سورة آل عمران: 102މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވުން ޙައްޤު ގޮތުގައި އެކަލާނގެއަށް ތަޤުވާވެރިވާށެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުނުވާހުށިކަމެވެ." އެހެނީ މުސްލިމުން ނޫންގޮތެއްގައި މަރުވާ މީހާއަށް ވަނީ ގެއްލުމާއި ހަލާކެވެ. އަދި ގެއްލެނިވި ވެގެންވާ މީސްތަކުންގެ ތެރޭގައި އެމީހަކު ޤިޔާމަތް ދުވަހުވާނެއެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ) سورة الحشر: 18. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ތިޔަބައިމީހުން މާދާމާއަށް ކޮންމެ ނަފުސެއް ތައްޔާރުކުރީ ކޮންކަމެއްތޯ ބަލާހުށިކަމެވެ. އަދި ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ އެންމެ މޮޅަށް ތިޔަބައިމީހުން ކުރާ ކަންތައްތަކުގެ ޚަބަރު ދެނެވޮޑިގެންވާއިލާހެވެ."

ﷲ ޤަބޫލުކުރެއްވުން ލިބުމާއި ގުޅިފައިވާ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ) سورة المائدة: 27. މާނައީ: "ތަޤުވާވެރިވާ މީހުންގެ ކިބައިން މެނުވީ ﷲ ޤަބޫލުނުކުރައްވައެވެ."

 

ރިޒުޤު ތަނަވަސްވެ ކަންކަމުގެ ޙައްލު ލިބުންވާ ސަބަބެއް:

 

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ) سورة الطلاق 2-3މާނައީ: "އަދި ﷲ އަށްތަޤުވާވެރިވެއްޖެ މީހާއަށް (ކަންކަން ޙައްލުވާނެ) މަގުދައްކަވާހުއްޓެވެ. އަދި އެމީހަކު ހީވެސްނުކުރާފަދައަކުން އެމީހަކަށް ރިޒުޤުދެއްވާހުއްޓެވެ."

 

ކުރީގެ މީސްތަކުންނާއި މިޒަމާނުގެ މީސްތަކުންނަށްވާ އަމުރެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّـهَ) سزرو النساء: 131. މާނައީ: "އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ ތެރެއިން ފޮތް ދެއްވުނު މީހުންނަށާއި އަދި ތިޔަބައިމީހުންނަށް ﷲއަށް ތަޤުވާވެރިވުމަށް ތިމަން އިލާހު ވަޞިއްޔަތްކުރެއްވީމެވެ."

 

ޙައްޤާއި ބާޠިލުދެނެގަނެވި ފާފަފުއްސެވޭ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ) سورة الأنفال: 29. މާނައީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވުމުން ތިޔަބައި މީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު ދައްކަވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ނުބައި ޢަމަލުތައް ފިއްލަވާދެއްވާހުށީމެވެ. އަދި ތިޔަބައިމީހުންނަށް ފާފަ ފުއްސަވައިދެއްވާހުއްޓެވެ."

 

ޤުރުއާން ހިދާޔަތް ދައްކަނީ ތަޤުވާވެރިންނަށް:

 

އަދި ވެސްވަޙީކުރައްވާފައިވެއެވެ. (ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ) سورة البقرة: 2.

މާނައީ: "އެއީ (މިފޮތަކީ) އެފޮތާއި މެދު އެއްވެސް ޝައްކެއްނެތް ޤުރުއާނެވެ. އެއީ ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ."

 

ސުވަރުގެ ލިބުންވާ ސަބަބެއް:

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ( تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا) سورة مريم: 63. މާނައީ: "އެއީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތަޤުވާވެރިވީ މީސްތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ) سورة الشعراء: 90. މާނައީ: "އަދި ތަޤުވާވެރިންނަށް (ކުފުރާއި ފާފަތަކުން ދުރުވެ އަދި ﷲއަށް ކިޔަމަންވީ މީސްތަކުންނަށް) ސުވަރުގެ ކައިރި ކުރެވޭހުއްޓެވެ."

ކޮންމެ ތަނެއްގައިވެސް ތަޤުވާވެރިވާންޖެހޭ:

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(اتَّقِ اللَّهِ حَيْثُمَا كُنْتَ) رواه الترمذي(1987) و صححه.

މާނައީ: "ތިބާވީ ކޮންމެ ތަނެއްގައިﷲ އަށްތަޤުވާވެރިވާށެވެ." އަޅުގަނޑުމެން ބައެއް ފަހަރު ބޭރު ޤައުމުތަކަށްގޮސް އަމިއްލަ ޤައުމުގައި ނުކުރާ ޙަރާމްކަންކަމަށް ވަރަށް ފަސޭހައިން އަރައިގަނެއެވެ. މިއީ ތަޤުވާވެރިކަން އެންމެ ފުރިހަމައަށް އަދި ޙައްޤުގޮތުގައި ތަޤުވާނުވެވޭކަމުގެ ޢަލާމާތެކެވެ. އެހެންކަމުން މިކަންކަން ރަނގަޅުކޮށް ތަޤުވާއަކީ ހުރިހާ ތަނެއްގައިވެސް ވާކަމެއްކަމުގައި ހަދަންޖެހެއެވެ. ތަޤުވާއިން މެނުވީ ހުރިހާ ހެޔޮކަމެއްޖަމާނުވެއެވެ. ﷲ ސުބުޙާނާއަށް ޙައްޤުގޮތުގައި ތަޤުވާވެރިވާ އަދި މުސްލިމުންގެ ގޮތުގައި މަރުވާ މީހުންކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.

وصلى الله وسلم على محمد و آله و صحبه.

 

ކިޔުންތެރިންގެ ހިޔާލު