الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަހުލުވެރިންނަކީ ކޮންބައެއްކަން އެކަލޭގެފާނުގެ ޙަދީޘްގައި ހާމަކޮށްދެއްވާފައެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުން ކަމުގައި ވާނީ ވަރަށް ޚާއްޞަ ބައެކެވެ. އެހެނީ ވަރަށް ޚާއްޞަ ޢަމަލެއްގެ ސަބަބުންނެވެ. އެހެންކަމުން އެބަޔަކީ ކޮންބައެއްކަން ދެނެގަނެ އެޢަމަލުކޮށްގެން ﷲ ގެ އަހުލުވެރިންގެ ތެރެއިން ވާބައެއްކަމުގައި ވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ لِلَّهِ أَهْلِينَ مِنْ النَّاسِ ) قَالُوا : يَارَسُولَ اللَّهِ،مَنْهُمْ؟ قَالَ :هُمْ أَهْلُ الْقُرْآنِ، أَهْلُ اللَّهِ وَخَاصَّتُهُ) رواه ابن ماجه وصححه الألباني.

މާނައީ: "މީސްތަކުންގެ ތެރެއިން ﷲއަށް އެއިލާހުގެ އަހުލުވެރިންތަކެއްވެއެވެ." ޞަޙާބީ ބޭކަލުން ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ: އެއީ ކޮންބައެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: "އެބައިމީހުންނަކީ ޤުރުއާނުގެ އަހުލުވެރިންނެވެ. އެއީ ﷲގެ އަހުލުވެރިންނެވެ. އަދި އެއިލާހުގެ ޚާއްޞަފަރާތްތަކެވެ."

އިމާމު މުނާވީ ރަހިމަހުﷲ މިޙަދިޘްގެ ޝަރަހާގައި ވިދާޅުވެފައިވެއެވެ.

"އެއީ ޤުރުއާން ހިތުދަސްކޮށްފައިވާ އެޔަށް ޢަމަލުކުރާ މީސްތަކުންނެވެ. އެބައިމީހުންނަކީ ﷲގެ ވަލީވެރިންނެވެ. އަދި ﷲއަށް ޚާއްޞަވެގެންވާ މީސްތަކުންނެވެ. އެފަދައިން ބަޔާންކުރައްވާފައިވަނި އެބައިމީހުން މަތިވެރިކުރުމަށްޓަކައެވެ. އެއީ ﷲގެ ގެކޮޅު ކިޔޭފަދައިންނެވެ."

އަދި ޝެއިޚު ޢަބްދުލްޢަޒީޒް އައްތަރީފީ ޙަފިޡަހަﷲ ވަނީ އެބޭފުޅާގެ ތަފްސީރުގައި އެބައިމީހުންގެ ތަފްޞީލު އަންނަނިވި ފަދައިން ބަޔާންކޮށްދެއްވާފައެވެ.

" (ފުރަތަމަ ބަޔަކީ) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުގައިވާ "ޤުރުއާނުގެ އަހުލުވެރިންނަކީ ﷲގެ އަހުލުންނެވެ އަދި އެއިލާހުގެ ޚާއްޞަވެގެންވާ މީސްތަކުންނެވެ" އައިސްފައިވާ މިބަސް އެންމެބޮޑަށް ޙައްޤުވެގެންވަނީ މީހުންނަކީ ﷲގެ ފަރާތުން އައިސްފައިވާ ޙުކުމްތައް އެފޮތުން އެންމެ ބޮޑަށް އެނގޭ މީހުންނެވެ. އަދި އެފޮތުގެ މާނައާ މެދު އެންމެ ގިނައިން ވިސްނާ ތަދައްބުރު ކުރާ މީސްތަކުންނެވެ. އެފޮތް ރީތި އަޑަކުން ކިޔަވާ މީހާ އެމާތްވެގެންވާ ސިފައަށް އިސްވެގެންވާ ކަމަށް ނުވަތަ އެމީހުންނަކީ އެމީހުން އެކަނި ކަމަށް ބުނެވޭ ބަހަކީ ގޯސްބަހެކެވެ.

(ޤުރުއާނުގެ އަހުލުވެރިން) އަދި (ﷲގެ އަހުލުވެރިން އަދި ﷲއަށް ޚާއްޞަވެގެންވާ މީސްތަކުން) މި ނަމަށް އެންމެ ޙައްޤު ވެގެންވާ މީސްތަކުންނަކީ ޤުރުއާންގެ ޙައްދުތަކާ އަދި އެކިޔަވާ ގޮތްތައް އެނގި އެކަން އަދާކުރާ މިހާއެވެ. އެޔަށްފަހު ޤުރުއާންގެ ޙައްދުތައް އެނގި އެއަދާ ކުރާ މީހާއެވެ. (އެބަހީ ޤުރުއާންގެ ޙުކުމްތަކާ ކަންކަން އެނގި އެކަމަށް ޢަމަލް ކުރާ މީހާއެވެ) އަދި އެޔަށްފަހު ޤުރުއާން ކިޔަވާ ގޮތްތައ އެނގި އެއަދާ ކުރާ މީހާއެވެ. (އެބަހީ ރީއްޗަށް ކިޔަވާ މީހާއެވެ.)"

ޝެއިޚުގެ ބަސްކޮޅު ނިމުނީ. މަޞްދަރު: އައްތަފްސީރު ވަލްބަޔާން.

އަދި ގިނަގިނައިން ޤުރުއާން ކިޔަވާ މީސްތަކުން ވަނި މިތިވެރި ދަރަޖައަށް ވަދެގެންނެވެ.

ޝެއިޚު ޖިބްރީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
( الذين يقرؤون القرآن طوال عامهم ، هم أهل القرآن ، الذين هم أهل الله وخاصته )

މާނައީ: "އަހަރުތެރޭގައި އަބަދުވެސް ޤުރުއާން ކިޔަވާ މީސްތަކުންނަކީ ޤުރުއާނުނުގެ އަހުލުވެރިންނެވެ. އެބައިމީހުންނަކީ ﷲގެ އަހުލުވެރިންނެވެ. އަދި އެއިލާހުގެ ޚާއްޞުންނެވެ."

އަދި އެކިޔަވާ ހިތުދަސްކޮށް ހަދާ މީހާ އެޔަށް ޢަމަލު ނުކުރުމުގެ ސަބަބުން އޭގެ އަހުލުވެރިން ތެރެއިން ބޭރުވެގެން ދާނެއެވެ. ސަބަބަކި އެފޮތުގެ ހިދާޔަތް ދޫކޮށްލުމުގެ ސަބަބުންނެވެ. ވީމާ ރަމަޟާން މަހަކީ މިފޮތް ކިޔަވާ ހިތުދަސްކޮށް އަދި އެޔަށް ތަދައްބުރުކޮށް އެޔަށް ޢަމަލުކޮށް ﷲގެ ޚާއްޞަވެގެންވާ މީސްތަކުންގެ ތެރެއިން އަޅުގަނޑުމެން ވާ މަހެއްކަމުގައިވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިކަމަށް އެންމެ މުނާސަބު ވެގެންވާ މަހަކީ ރަޟާންމަހެވެ. ސަބަބަކީ އެއީ މިފޮތް ބާވާލެއްވުނު މައްސަރެވެ. ދުޢާއަކީ އަޅުގަނޑުމެންނަށް އެކަމުގެ މައްޗަށް ތައުފީޤު ދެއްވައި އެކަން ކުރުމަށް ފަސޭހަކޮށްދެއްވުމެވެ.

والله أعلم وصلى الله وسلم على محمد و آله وصحبه أجمعين. آمين.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢައިސިސް މީހުން ދެނެގަންނާނެ ފަސޭހަ ގޮތެއް، ރަސޫލާ(ސައްލައްލާހު އަލައިހި ވަސައްލަމް) އަށް ސަލަވާތް ކިޔެވުމަށް ވަރަށް ދެކޮޅު ހަދާނެ. ގުރުއާން ގެނެސްދެއްވި ނަބިއްޔާއަށް ހިތުގަ ލޯބި އޮންނަންވާނެ

    15
    5
  2. ޑ

    ޢީރަތްތެރިކަން އަލުން ދަސްކުރަން ވެއްޖެ. މުޖުތަމައު ހަލާކު ވަމުން ދާ ބޮޑު އެއް ސަބަބަކީ ޢީރަތްތެރިކަން ފިލާ ގޮސްފައި ވުމުން.
    .
    ޢީރަތްތެރިކަން ނުހުންނަ ފިރިހެނުންނަށް ކިޔާނަމަކީ ދައްޔޫސްއެވެ. ދައްޔޫސުންނަށް ސުވަރުގެ ހަރާމްވެގެންވެއެވެ.

    މިކަމަށް އާރޓިކަލްއެއް ގެނެސް ދެއްވުން ވަރަށް މުހިންމު ކަމަށް ދެކެމެވެ.