الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ކީރިތި ޤުރުއާނަކީ ރޯދަމަހުގައި އެއިލާހު ބާވާލެއްވި ﷲގެ ކަލާމްފުޅެވެ. އެހެންކަމުން އެމަހަކީ އެފޮތް ކިޔަވައި އެފޮތާއި މެދު ތަދައްބުރުކޮށް ހަދަން ޖެހޭ މައްސަރެވެ. އޭރުން އެމަހުގެ މާތްކަން އަޅުގަނޑުމެންނަށް ޙާޞިލުވެގެން ދާނެއެވެ. އެގޮތުން މިފަހަރު މިހުށައަޅާލެވެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި އެންމެ ފުރަތަމަ ކުރެއްވި ނަހީއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖفَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ) سورة البقرة: 22

މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒުޤު އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ."

މިއާޔަތުގައިވާ ނަހީއަކީ (فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ)

މާނައީ: "ފަހެ (އެކަލާނގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲއަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ." މިނަހީއަކީ ނުވަތަ މަނާކުރައްވާފައިވާ ކަމަކީ ކީރިތި ޤުރުއާނުގައި މަނާކުރައްވާ އެންމެ ފުރަތަމަ ނަހީއެވެ. އެހެނީ އެންމެ ފުރަތަމަ ކުރެއްވި އަމުރުފުޅަކީ ﷲއެއްކައުވަންތަކޮށް ތައުޙީދުކުރުމުގެ އަމުރުފުޅެވެ. އަދި އެންމެ ފުރަތަމަ ނަހީއަކީ އޭގެ އިދިކޮޅު ކަމުގައިވާ ޝިރުކު ކުރުމުގެ ނަހީއެވެ. އެހެންކަމުން އެކަމުގެ ބޮޑުކަމާއި އަދި މުހިންމު ކަން އެނގިގެން ދެއެވެ.

ތަފުސީރު އިބުނު ކަޘީރުގައި އިބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވާ ޙަދީޘް މި އާޔަތުގެ ތަފުސީރުގައި ޒިކުރުވެފައިވެއެވެ. އެއީ ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެކެވެ.

عن ابن مسعود ، قال : قلت : يا رسول الله ، أي الذنب أعظم ؟ قال : أن تجعل لله ندا ، وهو خلقك

މާނައީ: "އިބުނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ.: ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ: އެންމެ ބޮޑުވެގެންވާ ފާފައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ ﷲ ތިބާ ހެއްދެވި ހިނދު އެއިލާހާ ޝަރީކެއް ނެގުމެވެ."

އަދި މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހުގެ ޙަދީޘްގައި ރިވާވެގެންވެއެވެ.

( أتدري ما حق الله على عباده ؟ أن يعبدوه لا يشركوا به شيئا)

މާނައި: "އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ އެއިލާހަށް އަޅުކަންކުރުމެވެ. (އެއްކަވަންތަކުރުމެވެ.) އަދި އަދި އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ."

މިއާޔަތުގެ ކުރިން އޮތް އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (يا أيها الناس اعبدوا ربكم) މާނައީ: "އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރިރައްބަސް އަޅުކަން ކުރާށެވެ. (އެބަހީ އެއްކައުވަންތަކުރާށެވެ."

މިއާޔަތުގެ ތަފުސީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ﷲ އެއްކައުވަންތަ ކުރުން ކަމުގައެވެ. އެހެންކަމުން މިއާޔަތުގައި މިވަނީ އޭގެ އިދިކޮޅުކަމުގައިވާ ޝިރުކު ބަޔާންކޮށްދެއްވާފައެވެ. އެހެނީ ޢިލްމުވެރިން ބަޔާންކުރައްވަނީ ކަމެއް ޙާޞިލުވާނީ އޭގެ އިދިކޮޅު ސިފައިން ބަރީއަވެގެންނެވެ. ﷲ އެއްކައުވަންތަ ކުރުން ނުވަތަ ތައުޙީދު ޙާޞިލުވާނީ ޝިރުކުކުރުމުން ބަރީޢަވެގެންނެވެ. އެއީ އެންމެ ބޮޑުވެގެންވާ ފާފައެވެ. އެންމެ މާތް އަޅުކަމަކީ ﷲ އެއްކައުވަންތަކުރުންކަމަށްވާ ފަދައިންނެވެ. ހުރިހާ ނަބީ ބޭކަލުންވެސް އެބޭކަލުންގެ ޤައުމަށް އެންމެ ފުރަތަމަ ގޮވާލައްވާ ކަމަކީ ﷲ އެއްކައުވަންތަ ކޮށް ތައުޙީދަށެވެ. އަދި ދުރުވުމަށް އެންމެ ފުރަތަމަ ގޮވާލައްވަނީ ޝަރީކުރުމާއެވެ. އެހެނީ އަޅުކަން ކުރުން ހަމައެކަނި ޙައްޤުވެގެންވާ އިލާހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެއިލާހު ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށްފިނަމަ އެކަމެއްވެގެންދާނީ ޝިރުކަށެވެ.

މިއާޔަތުގައި ﷲއަށް ޝަރީކުން ނުވާކަމަށް ބަޔާންކުރެއްވީ ﷲ އުފެއްދެވި ޚަލްޤުތަކުގެ ވާހަކަ ބަޔާންކުރުމަށްފަހުއެވެ. މިޒަމާނުގެ މުލްޙިދުން ނުވަތަ އެތީސްޓުންނަކީ މިބާބުގައި އެންމެ ބޮޑަށް ޝިރުކުކުރާ މީސްތަކުންނެވެ. އެއީ އެތަކެތި ހެއްދެވި ފަރާތަކީ ﷲކަމަށް އެބައިމީހުން އިންކާރުކުރުމެވެ. އެބައިމީހުންގެ ބަހަނާއަކީ ސައިންސުން އެކަން ފެންނަން ނެތްކަމަށް ބުނެއެވެ. ނަމަވެސް އިންސާނާގެ ބުއްދީގެ އެންމެ އަސާސަކީ ހައްދަވާނެ ފަރާތެއްނެތި އެއްޗެއް ވުޖޫދު ނުވުމެވެ. ނަމަވެސް އެބައިމީހުންގެ ބުއްދިއަށް އެހެއްދެވުމަށް މެދުވެރިވި ބައެއް ސަބަބުތައް ސައިންސުގެ ޒަރީޢާއިން އެނގުން ކަމަށް ބުނެ ހެއްދެވި ފަރާތަށް އިންކާރުކުރެއެވެ. އެއީ ސައިންސުގެ ޢިލްމަކީ ހެއްދެވި ފަރާތް ވާކަންވެސް ނުވަތަ ނުވާކަންވެސް އެޢިލްމުން ބުނެދެވޭ ޢިލްމަކަށް ނުވާހިނދުގައެވެ. އެހެންކަމުން މިކަންކަމާއި ވިސްނާއި ފިކުރުކޮށް ހަދަންޖެހެއެވެ. ﷲ އެއްކައުވަންތަ ކުރަން ޖެހެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.

(أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ) سورة الواقعة: 59

މާނައީ: " އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟ "

ވީމާ ކައުނާ ޚަލްޤުތަކާއި މެދު ފުރިހަމައަށް ވިސްނާ އެއިލާހުގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކޮށް އެއިލާހަށް ޝިރުކުކުރާ ބައެއްކަމުގައި ވުމުން ސަލާމަތްކޮށްދެއްވުން އެދި ﷲއަށް ދުޢާކުރަމެވެ.

والله أعلم وصلى الله على محمد وآله وصحبه أجمعين. آمين.