الحمد لله رب العالمين. الصلاة والسلام على أشرف الآنبياء والمرسلين. أما بعد:

ކީރިތި ޤުރުއާނުގައި ﷲ ބާވާލައްވާފައިވާ އެންމެ މާތްވެގެންވާ ސޫރަތަކީ ސޫރަތުލް ފާތިޙާއެވެ. އެކަން އެނގިގެންދަނީ އަންނަނިވި ނަބިއްޔާގެ ޙަދީޘްފުޅުންނެވެ. އަބޫ ސަޢީދު ބިން އަލްމުޢައްލާ ރަޟިޔަﷲ ރިވާކުރައްވާފައިވެއެވެ.

(أَلَا أُعَلِّمُكَ أَعْظَمَ سُورَةٍ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنْ الْمَسْجِدِ فَأَخَذَ بِيَدِي فَلَمَّا أَرَدْنَا أَنْ نَخْرُجَ قُلْتُ يَا رَسُولَ اللَّهِ إِنَّكَ قُلْتَ لَأُعَلِّمَنَّكَ أَعْظَمَ سُورَةٍ مِنْ الْقُرْآنِ قَالَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ هِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ)رواه البخاري.

މާނައީ: ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނު މިސްކިތުން ނުކުތުމުގެ ކުރިން ޤުރުއާނުގައިވާ އެންމެ މަތިވެރިވެގެންވާ ސޫރަތް އަންގަވައި ދެއްވަން ހެއްޔެވެ؟" އެޔަށްފަހު ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕެވިއެވެ. ދެން ތިމަންބޭކަލުން ނުކުތުމަށް ބޭނުންވުމުން ނަބިއްޔާއަށް ދެންނެވީމެވެ. " އޭ ﷲގެ ރަސޫލާއެވެ. ކީރިތި ޤުރުއާނުގައިވާ އެންމެ މާތް ސޫރަތް އަންގަވައިދެއްވާނެ ކަމަށް ކަލޭގެފާނު ވިދާޅުވީމެއްނޫންތޯއެވެ؟ ދެން ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. " (އެއީ) الحمد لله رب العالمين އެވެ. އަދި ސަބުޢުލް މަޘާނީއަކީ އެޔެވެ. އަދި ތިމަންކަލޭގެފަނަށް ދެއްވުނު އަލްޤުރުއާނުލް ޢަޡީމްއަކީ އެއީއެވެ."

ވީމާ މިޙަދީޘުން ކީރިތި ޤުރުއާނުގައިވާ އެންމެ މާތް ސޫރަތަކީ ސޫރަތުލް ފާތިޙާކަމާއި އަދި އެސޫރަތަށް ކިޔޭ ނަންތަކުގެ ތެރޭގައި ސަބުޢުލް މަޘާނީ އަދި އަލްޤުރުއާނުލް ޢަޡީމްކަން އެނގިގެން ހިނގައްޖެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ލައްވާފައިވާ އެންމެ މާތް ސޫރަތަކީ މިސޫރަތް ކަމަށްވާ ހިނދު މިސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޚާއްޞަ އާޔަތެއް ލައްވަވާފައެވެ. އެގޮތުން ތަފްސީރު އިބުނު ކަޘީރުގައި މިއާޔަތައި ބެހޭގޮތުން ރިވާވެގެންވެއެވެ.

(وهذاكماقالبعضالسلف : الفاتحةسرالقرآن،وسرهاهذهالكلمة : ( إياكنعبدوإياكنستعين ) [ الفاتحة : 5 ] فالأولتبرؤمنالشرك،والثانيتبرؤمنالحولوالقوة،والتفويضإلىاللهعزوجل)

އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ އެއާޔަތް ބަޔާންކޮށްދެއްވަމުން އެކަލޭގެފާނުގެ ތަފުސީރުގައި އެއާޔަތުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. "އަދި މިއާޔަތް ވަނީ ބައެއް ސަލަފުން ވިދާޅުވެފައިވާ ފަދައިންނެވެ. "ސޫރަތުލް ފާތިހާއަކީ ޤުރުއާނުގެ ސިއްރެވެ. އަދި އެސޫރަތުގެ ސިއްރަކީ މިއާޔަތެވެ. (إياكنعبدوإياكنستعين) މިއާޔަތުގެފުރަތަމަބައިންވަނީޝިރުކުންބަރީއަވުމެވެ. އަދިދެވަނަބައިންހުރިހާއާރަކާއިންބާރަކުންބަރީއަވެގެންވާކަމަށްބަޔާންކޮށް އަދި ﷲއަށް އެކަން ޚާލިޞްކުރުމެވެ." މިއަޘަރު ރިވާވެފައިވަނީ ތަފްސީރު އިބުނު އަބީ ޙާތިމުގައެވެ.

ކީރިތި ޤުރުއާނުގެ އެންމެ މާތް ސޫރަތަކަށް ސޫރަތުލް ފާތިޙާ ވެފައި އަދި ސޫރަތުލް ފާތިޙާގެ އެންމެ މާތް އާޔަތަކަށް މިއާޔަތްވީ ކަމުގެ މުރާދަކީ ﷲ އެއްކައުވަންތަކަމަށް ހެކިވެ އިޤުރާރުވެ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއްނުވާކަމަށް ހެކިވާ އާޔަތަކީ މިއެވެ. މިކަމަކީ އަޅުގަނޑުމެން ކޮންމެ ނަމާދެއްގައި ކިޔަވާ އެކަމެއްގެ މައްޗަށް އިޤުރާރުވާ ކަމެކެވެ. އެކަން ބަޔާންކުރައްވައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(عنابنعباس : إياكنعبديعني : إياكنوحدونخافونرجوياربنالاغيركوإياكنستعينعلىطاعتكوعلىأمورناكلها .)

މާނައީ: "އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. (إياك نعبد) ގެ މުރާދަކީ އަހަރެމެން އެއްކައުވަންތަ ކުރަނީ ﷲއެވެ. އޭ ރައްބަނާއެވެ. އަދި ބިރުވެތިވެ އަދި އުއްމީދުކުރަނީ އިބަ ﷲގެ ޙަޟްރަތަށެވެ. އެނޫން ފަރާތަކަށް (ޝަރީކު) ނުކުރަމެވެ. (وإيان نستعين) އަދި އިބަ ﷲއަށް ކިޔަމަންތެރިވުމަށް އަޅަމެންގެ ވާތްގަށް އެދެނީ އަދި އަހަރެމެންގެ ހުރިހާ ކަމަކަށް އެހީއަށް އެދެނީ އިބަﷲގެ ކިބައިންނެވެ."

އަދި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(وقال قتادة : إياك نعبد وإياك نستعين يأمركم أن تخلصوا له العبادة وأن تستعينوه على أمركم .)

މާނައީ: "އަދި ޤަތާދާ ވިދާޅުވިއެވެ. (إياكنعبدوإياكنستعين) މާނައީ: " އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. " މިއާޔަތުގައި ﷲ އެއަންގަވަނީ ﷲއަށް އަޅުކަން ޚާލިޞުކުރުމަށެވެ. އަދި ތިޔަބައިމީހުންގެ ކަންކަމުގައި ﷲގެ ވާގިހޯދުމަށެވެ."

އެހެންކަމުން މިއާޔަތް މާތްވެގެންވާ ސަބަބަކީ މިއާޔަތުގައި މިވަނީ ޝަހާދަތުގެ ކަލިމަ ނުވަތަ ތައުޙީދުގެ ކަލިމައިގައި އެއްބަސްވާ ކަންތައްތައް ހިމެނޭތީކަން އެނގިގެން ހިނގައްޖެއެވެ. ސަބަބަކީ އެއީ ﷲ އެއްކައުވަންތަކުރުން (ތައުޙީދު) އަދި ޝިރުކުން ބަރީއަވެގެންވާ ކަމަށް މިއާޔަތުގައި އިޤުރާރުވެގެންދާތީއެވެ. އެހެންކަމުން ސަލަފުންގެ ބޭކަލުން ސޫރަތުލް ފާތިޙާގެ ސިއްރަކީ މިއާޔަތްކަމުގައި ވިދާޅުވެފައިވާ ސަބަބަކީ އެއީއެވެ.

އަދި މިއާޔަތުގެ ތަފުސީރުގައި އިމާމު މުޙައްމަދު އަމީން އައްޝިންޤީތީ ރަޙިމަހުﷲ އަޟްވާޢުލް ބަޔާންގައި ވިދާޅުވެފައިވެއެވެ.

"މާތްވެގެންވާ މިއާޔަތުގައި އިޝާރާތް އެކުރަނީ لاإله إلا الله ގެ މާނަ ޙާޞިލުކުރުމަށެވެ. ސަބަބަކީ (ޝަހާދަތުގެ ކަލިމަ) ބިނާވެގެންވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ (ﷲފިޔަވާ އަޅުކަންކުރެވޭ ފަރާތްތައް) ނަފީކުރުމާއި އަދި (ﷲއަށް އެކަނި ޙައްޤުގޮތުގައި އަޅުކަންކުރެވުން) ސާބިތުކުރުމަށެވެ." އަދި ވަރަށް ތަފުޞީލުކޮށް އިމާމު ޝިންޤީތީ ރަޙިމަހުﷲ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ސިޔަރު އަޢުލާމުއް ނުބަލާއި މިފޮތުގައި އިމާމު ޒަހަބީ ރަޙިމަހުﷲ ގެންނަވާފައިވާ ސީރަތެއްގައި ޙަދީޘް ޢިލްމުވެރިޔާ އިމާމު މުޙައްމަދު ބިން އަޙުމަދު އަލްބުޚާރީ އަލްމަލާހިމީ ގެ ސީރަތް ޒިކުރު ކުރައްވާފައިވެއެވެ. އޭގައި އެކަލޭގެފާނު އަވަހަރާވީ މަޣުރިބު ނަމާދުގައި އިމާމުވެ މިއާޔަތް ކިޔަވާ ވިދާޅުވުމަށްފަހުގައި ކަމަށް ޒިކުރުވެފައިވެއެވެ. އަދި އެއީ ﷲގެ ދީލަތިވަންތަކަމުން ލިބުނު ހެޔޮ ނިޢުމަތެއްކަމުގައި ޒިކުރުކުރައްވާފައިވެއެވެ. ސަބަބަކީ ތައުޙީދުގެ ކަލިމައަށް ޤުރުއާނުގައި ބަޔާންކުރައްފައިވާ އާޔަތް ކިޔެވުމަށްފަހުގައެވެ.

ވީމާ ދުޢާއަކީ މިފަދަ އާޔަތްތަކުގެ މާނަ ވިސްނާ ފިކުރުކޮށް އެއާޔަތްތަކަށް ޢަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެ ލެއްވުމެވެ.އަދި އެމާތްކަން ޙާޞިލުވާ ބަޔެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާނި

    އާމީން