الحمد لله رب العاليمن. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ރިބާ ނުވަތަ އިންޓަރެސްޓަކީ ކޮންއެއްޗެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެއެވެ. މިކަމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ އަދި އެކަންކުރާ މީސްތަކުންނަށް ލަޢުނަތްލެއްވިގެންވާ ކަމެކެވެ. އަދި މުޖުތަމަޢެއް އެކަމުގެ ސަބަބުން ފަސާދަކުރާ ކަމެކެވެ. އެއީ މީސްތަކުންގެ މުދާ ޙައްޤުނޫން ގޮތުގައި ކެއުން އެކަމުގައި ހިމެނޭތީއެވެ. އިސްލާމްދީނަކީ ޢަދުލުވެރިކަމުގެ ދީންކަމުން މުއްސަނދީންނާއި ފަޤީރުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ދީނެކެވެ. މިކަން ހިމެނެނީ މިބާބުގެ ދަށުންނެވެ. އެހެންކަމުން އެކަމުގެ ނުބައިކަމާއިބެހޭގޮތުން އައިސްފައިވާ ނައްޞުތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހ. އެކަމަކީ ﷲ އާއި އެއިލާހުގެ ރަސޫލާގެ ފަރާތުން ހަނގުރާމަ އިޢުލާންކުރެވިފައިވާ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ، فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ) سورة البقرة: 278-279

މާނައީ: "އޭއީމާންވެއްޖެމީސްތަކުންނޭވެ.اللَّه އަށްތިޔަބައިމީހުންތަޤުވާވެރިވާށެވެ.އަދި،ތިޔަބައިމީހުންމުއުމިނުންކަމުގައިވާނަމަ،ރިބާގެތެރެއިންބާކީ (ލިބޭން) ހުރިއެއްޗެއްތިޔަބައިމީހުންދޫކޮށްލާށެވެ. ފަހެ،ތިޔަބައިމީހުން (ނަށްއަމުރުވެވިގެންވާގޮތަށް) ޢަމަލުނުކޮށްފިނަމަ،اللَّه އާއި،އެކަލާނގެރަސޫލާގެޙަޟްރަތުންހަނގުރާމައެއްއަތުވެދާނެކަމަށްތިޔަބައިމީހުންޔަޤީންކޮށްދެނެގަންނަހުށިކަމެވެ."

ﷲއާއި އެއިލާހުގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ލިބިގެންވަނީ ފަހެ ކާކަށް ހެއްޔެވެ؟ އެހެނީ އެކުށުގެ ބޮޑުކަމާއި ނުބައިކަން މިކަމުން އެނގިގެންދެއެވެ. އެހެނީ އިސްލާމްދީނުގައި އެއްވެސް ފާފައަކަށް މިހާވަރުގަދަކޮށް ބަސްއައިސްފައިނުވެއެވެ.

ށ. ރިބާ ހިމެނެނީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައެވެ. ޞަޙީޙް ބުޚާރީ އަދި މުސްލިމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑު ހަތްފާފައިން ދުރުވުމަށް އެންގެވުމަށްފަހު ރިބާގެ ވާހަކަ ޒިކުރުކުރެއްވިއެވެ.

ނ. ރިބާގެ ފާފަ ޒިނޭކުރުމަށްވުރެ ބޮޑުވެގެންވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(درهم ربا يأكله الرجل وهو يعلم أشد من ستة وثلاثين زنية) رواه أحمد والطبراني في الكبير.

މާނައީ: އެމީހަކަށް އެނގޭހާލު މީހަކު ކާ ރިބާގެ ދިރުހަމެއް ތިރީސް ހަފަހަރު ޒިނޭކުރުމަށްވުރެ ބޮޑުވެގެންވެއެވެ." އަދިވެސް އިތުރު ޙަދީޘްތައް މިމާނައިގައި އައިސްފައިވެއެވެ. އަދި އަމިއްލަ މަންމަޔާ ޒިނޭކުރުމަށްވުރެ ބޮޑު ފާފައެއް ކަމަށް އޮންނަ ޙަދީޘަކީ ޢިލަލުގެ ޢިލްމުވެރިން ޟަޢީފުކުރައްވާ ޙަދީޘެކެވެ. އެއީ އިމާމު ބައިޙަޤީ އަދި ބޮޑެތި ހުރިހާ ޢިލަލުގެ ޢިލްމުވެރިން ޟަޢީފުކުރައްވާ ޙަދީޘެކެވެ. ޢިލަލަކީ ބޭރުފުށުން ޞައްޙަކަމަށް ފެނިފައި، ނުފެންނަ ސަބަބެއްގެ ސަބަބުން ޟަޢީފުވާ ޙަދީޘެވެ.

ރ. ރިބާއަކީ ﷲގެ ލަޢުނަތް ލިބިގެންވާ ކަމެކެވެ. ލަޢުނަތަކީ ﷲގެ ރަޙުމަތުން ބޭރުކުރެވުމެވެ. ﷲގެ ރަޙުމަތުން ބޭރުވެއްޖެނަމަ ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟

(عن جابر بن عبد الله رضي الله عنهما قال: لعن رسول الله صلى الله عليه وسلم آكل الربا، ومؤكله، وكاتبه، وشاهديه، وقال: «هم سواء) رواه مسلم.

މާނައީ: "ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރިބާ ކާ މީހާގެ މައްޗަށާއި އަދި ރިބާދޭ މީހާގެ މައްޗަށާއި އަދި އެލިޔާމީހާގެ މައްޗަށާއި އަދި އެކަމަށް ހެކިވާ މީހުންގެ މައްޗަށް ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "އެހުރިހާ އެންމެން (ފާފައިގައި) ހަމަހަމައެވެ."

އެހެންކަމުން ރިބާގެ މުޢާމަލާތްކުރާ ތަނެއްގައި ނުސީދާ ކަމެއްކުރަންވެސް ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ އެފާފައިގެ ބޮޑުކަމުގެ ސަބަބުންނެވެ.

ބ. އަދި ޤިޔާމަތް ކައިރިވުމުން އެކަމަށް ކިޔާ ނަންތައްނޫން ނަން ކިޔައިގެން ހުއްދަކުރާނެ ކަމަށް ޙަދީޘްގައި އައިސްފައިވެއެވެ. އޭގެ އަސްލުނޫން ނަންތަކެވެ. ކޮންމެސް ފީއެއް ނުވަތަ އެވަނި ފައިދާއެއް ނަމުގައިވެސް ރިބާ ނަގާފާނެއެވެ. އެޔާއެކުގައިވެސް އެކަމުގެ ނުބައިކަން ކުޑަވެގެން ނުދެއެވެ. އަދި އެކަން ކުރާ ފަރާތްތަކުން ﷲ އަށް ތަޤުވާވެރިވެ މީހުންގެ މުދަލާއި މެދު އަމާނާތްތެރިވާން ޖެހެއެވެ. އަދި ސަރުކާރުން ކަމުގައިވިޔަސް އަދި އެނޫން އޮފީސްތަކުން ނުވަތަ ކުންފުނިތަކުން ކުރިކަމެއްކަމުގައިވިޔަސް މެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށްވަނީ މިފަދަ ނުބައިކަންކަމުގެ ތަފުސީލު ހޯދައި އެނުބައިކަންކަމުން ދުރުވެ އަޅުގަނޑުމެންގެ ރިޒުޤަކީ ނުވަތަ ލިބޭ ލާރިއަކީ ޙަލާލު ލާރިކަމުގައި ހެދުމެވެ. ޙަލާލު ލާރިހޯދުމަކީ އަޅުގަނޑުމެންގެ ދުޢާ އިޖާބަވެ ދަރިފަސްކޮޅު އިސްލާޙުވެ މުޖުތަމަޢު ރަނގަޅުވެގެން ދާނެ ސަބަބެކެވެ. އަދި ﷲގެ ރުއްސެވުން ލިބިގެންދާނެ ކަމެއްވެސް މެއެވެ. ވީމާ މިކަންކަމުން ސަލާމަތްވެ އަޅުގަނޑުމެންގެ ނަފުސު އިޞްލާޙުކުރާ ބައެއްކަމުގައި ލައްވައި ފާފަފުއްސަވާށިއެވެ.

ووصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Husainspeed

    ދެން ޖޯކު ނުލިޔުއްވާ .. ފަހުރުވެރި ދިވެހިން ބެންކް އޮފް މޯލްޑިވްސް

    7
    3