ޢުމަރު ބިން ޢަބްދުލްއަޒީޒް ރަޙިމަހުﷲޢަކީ ތާބިއީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޙަދީޘް ޢިލްމުވެރިޔެކެވެ. އަދި މުސްލިމުންގެ ޚަލީފާއެކެވެ. އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތީ ވިހަލައިގެންނެވެ. ދެން އެކަލޭގެފާނު އަވަހާރަވެވަޑައިގަތުމުގެ ކުރިން އެކަން އެނގިވަޑައިގެން ވިހަލީ ޚާދިމު ގެންނެވިއެވެ. އަދި ވިދާޅުވިއެވެ. ތިބާ އަހަރެންނަށް ވިހަލީ ކީއްވެގެން ހެއްޔެވެ؟

ދެން ޚާދިމު ވަރަށް ބިރުންހުރެ ޖަވާބު ދިނެވެ. އަހަރެންނަށް ބަނީ އުމައްޔާއިން އެއްހާސް ދީނާރު ދިނުމަށްފަހު އަދި މިނިވަންވާނެ ކަމަށް ބުނުމުންނެވެ.

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިއެއްހާސް ދީނާރު މުސްލިމުންގެ ބައިތުލް މާލަށް ލާށެވެ. އަދި ﷲއަށް ޓަކައި ތިބާ ތިވަނީ މިނިވަންކޮށްފައެވެ. ދާށެވެ.

އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އެންމެ ޢަދުލުވެރި ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. ޢުމަރު ބިން ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅުން މޫނު ރިވެތި މީހެއް ބިންމަތި އަދުލުވެރިކަމުން ފުރާލާނެއެވެ. (އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ލިބިވަޑައިގެންފައިވާ ޚަބަރެއް ނުވަތަ ހުވަފެނެކެވެ)

އަދި ބިދާޔާ ވައްނިހާޔާގައި ނާފިޢުގެ ކިބައިން ރިވާވެފައިވެއެވެ. އެއީ ޢުމަރު ބިން ޢަބްދުލް ޢަޒީޒްކަމަށް އުއްމީދުކުރަމެވެ."

އެކަލޭގެފާނުގެ ވެރިކަމުގެ ޢަދުލުވެރިކަން ޢާންމުވެގެންދިޔައެވެ. އަދި ޖަނަވާރުންނަށްވެސް އޯގާވެރިކޮށް ހިތުމަށް އެކަލޭގެފާނު އަމުރު ކުރައްވާފައިވެއެވެ. އެކަލޭގެފާނު އެކަނިވެ ވަޑައިގަންނަވާ ވަޤުތުގައި މުސްލިމުންނަށްޓަކައި ކީރިތި ކުރައްވާ ހައްދަވައެވެ. އަދި ނަރަކައަށް ބިރުން ކީރިތި ކުރައްވަވައެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ މިއުއްމަތް ދުށް އެންމެ ތަޤުވާވެރި ބޭފުޅުންގެ ތެރެއިންނެވެ.

އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ މަދީނާގައި އިލްމު އުގެނިވަޑައިގަތުމަށެވެ. އަދި ޞަޙާބީބޭކަލުންގެ އަރިހުން ޙަދީޘް ޢިލްމު އުގެނިވަޑައިގެން އަދި ސުންނަތަށް ޢަމަލުކުރުމުގައި އެކަލޭގެފާނުވެވަޑައިގެންފައިވަނީ ނަމޫނާއެއްކަމުގައެވެ.

އަދި އެކަލޭގެފާނުގެ ނަމާދާއި ބެހޭގޮތުން އަނަސް ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމާދާއި އެއްގޮތްވެގެންވާ ކަމަށް ވިދާޅުވެފައިވެއެވެ. ސަބަބަކީ ސުންނަތް އެކަލޭގެފާނު އެނގޭލެއް ފުރިހަމަކަމުގެ ސަބަބުންނެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 101 ރަޖަބު 25ގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާ

    މިޒަމާނުގަވެސް މުސްލިމުންގެ ވެރިޔަކަށް ބޭނުންވަނީ މިފަދަ ލާމަސީލު ނަމޫނާ ޝަޙްސިއްޔަތެއް.

    19
    2