އަދިވެސް ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް އެކަލޭގެފާނުގެ ކިބައިން ރިވާވެގެންވެއެވެ.

އެއްދުވަހަކު ތިމަންނާމެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީންދެގެން ތިބީމުއެވެ. ދެންފަހެ އެތަނަށް ހުދުކަން ގަދަ ހެދުމެއްގައވާި ފިރިހެނަކު އަތުވެއްޖެއެވެ. އެބޭކަލެއްގެ ބޮލުގެ އިސްތަށީގެ ކަޅުކަންގަދައެވެ. އަދި ދަތުރުގެ އެއްވެސް އަސަރެއް އެބޭކަލެއްގެ ކިބައިން ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެބޭކަލަކީ ކާކުކަމެއް ނުއެނގެއެވެ. ދެން އެބޭކަލު މާތްނަބިއްޔާ ޞައްލަަﷲ ޢަލައިހި ވަސައްލަމަގެ ކައިރީގައި އިށީންނަވައިފިއެވެ. އަދި އެބޭކަލެއްގެ ކަކޫ މާތްނަބިއްޔާގެ ކަކޫކޮޅުގައި ޖައްސައި ދެއަތްތިލަ އެބޭކަލެއްގެ ފަލަމަސްގަނޑުކޮޅުގެ މަތީގައި ބާއްވަވައިފިއެވެ.

އަދި އެބޭކަލަކު ދަންނަވައިފިއެވެ. "އޭ މުޙައްމަދެވެ(ޞައްލަﷲ ޢަލައިހި ވަސައްލަމަ). އިސްލާމްކްމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ. "

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވައިފިއެވެ. "އިސްލާމްކަމަކީ ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށް ޤަބޫލުކުރުމާއި އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކޮށް ޒަކާތްދީ ރަމަޟާންމަހު ރޯދަހިފައި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ﷲގެ ގެކޮޅަށް ޙައްޖުވުމެވެ."

ދެން އެބޭކަލަކު ދަންނަވައިފިއެވެ. "ކަލޭގެފާނު ތެދުހައްދަވައިފީމުއެވެ." (ދެން ޢުމަރު ރަޟިޔަﷲ ޢަންހު ޙަދީޘްކިޔައިދެއްވަމުން ބަޔާންކުރެއްވިއެވެ.) އެބޭކަލަކު ސުވާލުކުރެއްވެވުމަށްފަހު މާތްނަބިއްޔާ ތެދުހެއްދެވިކަމަށް ވިދާޅުވުމުން އެބޭކަލަކާއި މެދު ތިމަންބޭކަލުން އަންތަރީސްކޮށްފިއެވެ.

އެބޭކަލަކު ދަންނަވައިފިއެވެ. "ފަހެ އީމާންކަމާއި ބެހޭގޮތުން ތިމަންނާއަށް ޚަބަރުދެއްވާށެވެ"
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ﷲއަށް އީމާންވެ މަލާއިކަތްބޭކަލުންނަށާއި ބާވާލެއްވުނު ފޮތްތަކަށާއި އަދި ރަސޫލުބޭކަލުންނަށާއި އަދި އާޚިރަތްދުވަހަށާއި އަދި ޤަދަރުގެ ހެޔޮމިންވަރާއި އޭގެ ނުބައިމިންވަރަށް އީމާންވުމެވެ."

އެބޭކަލަކު ދަންނަވައިފިއެވެ. "ފަހެ ކަލޭގެފާނު ތެދުހައްދަވައިފިއެވެ." އަދި ދެންނެވިއެވެ. "އިޙުސާންތެރިކަމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުދެއްވާށެވެ."

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. "އެއީ ތިބާ ﷲ (ސުބުހާނަހޫ ވަތަޢާލާ) ފެންނަ މީހެއްފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިޔަބައިމީހުންނަށް ނުފެނުނު ކަމުގައިވިޔަސް އެއިލާހު ތިޔަބައިމީހުން ދެކިވޮޑިގަންނަވަތެވެ."

އެބޭކަލަކު ދެންނެވިއެވެ. "ޤިޔާމަތްދުވަހާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރުކުރާށެވެ. (އެބަހީ ޤިޔާމަތްވާނެ ވަޤުތާއި ބެހޭގޮތުންނެވެ)" މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. "އެކަމާއި ބެހޭގޮތުން ސުވާލުކުރެވުނު ފަރާތަށް ސުވާލުކުރި ފަރާތަށްވުރެ ބޮޑަށް އެނގިގެންނުވެއެވެ."

ދެން އެބޭކަލަކު ދަންނަވައިފިއެވެ. "(އެހެންކަމަށްވާނަމަ) ތިމަންކަލޭގެފާނަށް އެކަމުގެ ޢަލާމާތްތަކުން ޙަބަރުދެއްވާށެވެ. މާތްނަބިއްޔާ ހަދީޘްކުރެއްވިއެވެ. އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުމެވެ. ބަކަރިހުއިހައްޕަން ހުސްފަޔާ އޮރިޔާމުން ސަޙަރާތެރޭގައި އުޅުނު ބަދަވީންތައް އުސް އިމާރާތްތައް އަޅަން އެއްބަޔަކު އަނެއްބަޔަކާ ވާދަޖަހާނެތެވެ." ދެން އެޔަށްފަހު އެބޭކަލަކު ވަޑައިގެންފިއެވެ. ދެން ތިމަންބޭކަލުން ދިގުމުއްދަތެއްހޭދަކުރެއްވީމެވެ. (އެއީ ތިންދުވަސްކަމުގައި ބުނެއެވެ. ނުވަތަ އެޔަށްވުރެ ގިނަކަމުގައިވެސް ބުނެއެވެ. އަދި އެޔަށްވުރެ މަދުކަމުގައިވެސް ބުނެއެވެ. ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ)

ދެންއެޔަށްފަހު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އޭ ޢުމަރެވެ. ސުއާލުކުރީ ކާކުކަން ދެނެހުރީމުތޯއެވެ؟"

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެޔަށްފަހު އެއިލާހުގެ ރަސޫލާއެވެ.

ދެން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ފަހެ ހަމަކަށަވަރުން އެބޭކަލަކީ ޖިބުރީލު (އަލައިހިއް ސަލާމެވެ). އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ."

ރިވާކުރެއްވީ މުސްލިމް.

މިޙަދީޘުން ލިބޭ ޢިބުރަތަކީ އިސްލާމްދީނުގެ ދަރަޖަތަކުގެ ތެރޭގައި އިސްލާމްކަމާއި އަދި އީމާންކަމާއި އަދި އިޙުސާން ހިމެނޭކަމެވެ. އެންމެ މަތީ ދަރަޖައަކީ އިޙުސާންއެވެ.

ކިޔުންތެރިންގެ ހިޔާލު