الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަނީ މުއުމިނުންގެ މައްޗަށް ނަމާދަށް ރައްކާތެރިވުމަށް އަމުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.

(حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّـهِ قَانِتِينَ) سورة البقرة: 238

މާނައީ: "ތިޔަބައިމީހުންނަމާދުތަކާއި،އަދި،މެދުނަމާދުގެމައްޗަށްރައްކާތެރިވާށެވެ.އަދިތިޔަބައިމީހުންاللَّه އަށްކިޔަމަންތެރިވެ،މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެތިބޭށެވެ"

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

މާނައީ: "ﷲ ތަޢާލާ މި އާޔަތުގައި އަމުރުކުރައްވަނީ ނަމާދު އޭގެ ވަޤުތުގައި (ކުރުމަށް) ރައްކާތެރިވުމަށެވެ. އަދި އޭގެ ޙައްދުތަކަށް ރައްކާތެރިވެ އޭގެ ވަޤުތުގައި އަދާކުރުމަށެވެ. ޞަޙީހް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައި ސާބިތުވެފައިވާ ފަދައިން އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. "އެންމެ މޮޅު އިތުރުވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟" ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަޤުތުގައި ކުރުމެވެ." ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. "ދެން ކޮން ޢަމަލެއްތޯއެވެ؟ "ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމެވެ." އެޔަށްފަހު ދެންނެވީމެވެ. "ދެން ކޮން ޢަމަލެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." އެޔަށް ފަހު އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކަންތައްތައް ބަޔާންކޮށްދެއްވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އިތުރަށް ތިމަންކަލޭގެފާނު އެހިނަމަ އެކަލޭގެފާނު އިތުރަށް ބަޔާންކޮށްދެއްވީހެވެ."

އަދިވެސް ތަފުސީރު އިބުނު ކަޘީރުގައި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. (إن أحب الأعمال إلى الله تعجيل الصلاة لأول وقتها)

މާނައީ: "ﷲއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ނަމާދު އޭގެ ކުރީކޮޅުގައި އަދާކުރުން އަވަސްކުރުމެވެ."

އެހެންކަމުން މިއާޔަތުގައި ނަމާދަށް ރައްކާތެރިވުމުގެ މުރާދަކީ ނަމާދުކުރުން ރައްކާތެރިވުމާއި އަދި ނަމާދު އެންމެ މޮޅު އިތުރުވަޤުތުގައި ކުރުމަށް ރައްކާތެރިވުމަށް ﷲ ކުރައްވާފައިވާ އަމުރުފުޅެވެ. ދަލީލު ތަކާއި ނައްޞުތަކުން އެކަމަށް ހެކިލިބެއެވެ.

އަދި މިއާޔަތުގައި ނަމާދަށް ރައްކާތެރިވުމަށް އަމުރު ކުރެއްވުމަށްފަހު ވަކިން ޚާއްޞަކޮށް މެދު ނަމާދަށް ރައްކާތެރިވާން އޮތުމުން އެނަމާދުގެ މުހިންމުކަން އެނގިގެންދެއެވެ. އެނަމާދާއި ބެހޭގޮތުން ތަފުސީރު އިބުނު ކަޘީރުގައި ޢިލްމުވެރިންގެ ޚިލާފުތައް ގެންނަވާފައިވެއެވެ. އެގޮތުން އެއީ ފަތިސްނަމާދު ކަމަށާއި އަދި މެންދުރު ނަމާދުކަމަށާއި އަދި އަޞުރު ނަމާދު ކަމަށާއި މަޣުރިބު ނަމާދުކަމަށާއި އަދި ޢިޝާ ނަމާދު ކަމަށާއި ވިތުރު ނަމާދުކަމަށާއި އަދި ޟުޙާ ނަމާދުކަމަށާއި އަދި ހުކުރު ނަމާދުކަމަށްވެސް ބަޔާންވެފައިވެއެވެ. އަދިވެސް އިތުރު ބަސްފުޅުތައް ވެއެވެ. އެންމެ ވަރުގަދައީ ފަތިސްނަމާދުކަމަށާއި އަދި އަޞްރު ނަމާދުކަމަށް ބުނެވޭ ދެބަހެވެ. އޭގެ ތެރެއިން އެންމެ ގިނަ ޞަހާބީންނާއި އަދި އެންމެ ގިނަ ތާބިއީންނާއި އަދި ގިނަ ޢިލްމުވެރިންގެ ބަހަކީ އެއީ އަޞްރު ނަމާދު ކަމަށެވެ. ސަބަބަކީ ވަރަށް ގިނަ ޙަދީޘުން ޞަރީޙަކޮށް އެކަމަށް ދަލީލު ލިބެން ހުރުމުންނެވެ. އިމާމު އިބުނު ކަޘީރުގެ ބަހަކީ މިއެވެ.

އެގޮތުން ތަފުސީރު އިބުނު ކަޘީރުގައި ގެންނަވާފައިވާ ބައެއް ރިވާޔަތްތައް ތިރީގައި އެވަނީއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޙުޒާބުގެ ހަނގުރާމައިގެ ދުވަހު ޙަދީޘްކުރެއްވިއެވެ.

(شغلونا عن الصلاة الوسطى صلاة العصر) رواه مسلم.

މާނައީ: "އަހަރެމެން މެދު ނަމާދު ކަމުގައިވާ އަޞުރުނަމާދު ކުރުވިޔަ ނުދީ އެބައިމީހުން އަހަރެމެން މަޝްޣޫލުކުރުވައިފިއެވެ."

އަދިވެސް ސުނަނު ތިރްމިޛީގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.

(صلاة الوسطى صلاة العصر) رواه الترمذي.

މާނައީ: "މެދު ނަމާދަކީ ޢަޞުރު ނަމާދެވެ." އަދި އިމާމު ތިރްމިޛީ މިޙަދީޘް ޞައްޙަކުރެއްވިއެވެ.

އެހެންކަމުން އެނަމާދަކީ ޢަޞްރު ނަމާދު ކަން ބަޔާންވެއްޖެއެވެ. އެނަމާދާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެން ނަމާދުތަކާއި މެދު ނުކުރައްވާ ފަދައިން ބަސް ޙަދީޘްކުރައްވާފައިވެއެވެ.

(بكروا بالصلاة في يوم الغيم ، فإنه من ترك صلاة العصر فقد حبط عمله)

މާނައީ: "ވިލާބޯ ދުވަސްތަކުގައި ނަމާދުކުރުން އަވަސްކުރާށެވެ. ފަހެ ހަމަކަށަވަރުން ޢަޞްރު ނަމާދު އަޅައިފިމީހާގެ ޢަމަލުތައް ގެއްލިގެން ހިނގައްޖެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من فاتته صلاة العصر فكأنما وتر أهله وماله)

މާނައީ: "ފަހެ ޢަޞްރު ނަމާދު ގެއްލިއްޖެމީހާއަށް އޭނާގެ އަހުލުންނާއި އަދި މުދާގެއްލުން ފަދައެވެ."

އެހެންކަމުން ނަމާދަށް ރައްކާތެރިވުމަކީ ﷲ އެންމެ ރުއްސަވާ ޢަމަލުގެ ތެރޭން ހިމެނޭ ކަމެއްކަމާއި އަދި މިއާޔަތުގައި އަންގަވާފައިވާ މެދު ނަމާދަކީ އަޞްރު ނަމާދުކަން އެނގިގެން ހިނގައްޖެއެވެ. ދުޢާއަކީ ނަމާދަށް ރައްކާތެރިވާ މުއުމިނުންގެ ތެރެއިން އަޅުގަނޑުމެން ލައްވާ ފާފަ ފުއްސަވާ ރަޙުމަތްލެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު