އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށްވެސް އެ މަހުގެ ފަހުދިހައަކީ ރަނުގެ ފުރުސަތެއް ކަމަށާއި، ފަހުދިހާގައި ހެޔޮއަމަލުތައް ގިނަ ކުރުމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ރަމަޟަން މަހުގެ ފަހުދިހައިގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި ﷲ ތައާލާ އެ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖު ކުރައްވާނެ ކަމަށް ރިވާވެގެންވާކަމަށެވެ. އަދި އެއީ މުޅި މައްސަރުން ކޮންމެ ރެއެއްގައި ކަމަށާއި، އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި ރޭތަކުގައި އެއް ބަޔަކު އަނެއް ބަޔަކު ސުވަރުގެ ލިބިގަތުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްގައި ހިމެނޭ ލައިލަތުލްގަދްރި ވިލޭރޭއަކީ ބަރަކާތުން ފުރިގެންވާ ރެއެއް ކަމަށާއި، އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ ﷲ ތައަލާ މާތްކުރެއްވި ކަމަށެވެ.

"އެއްހާސް މައްސަަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް މީހަކު 83 އަހަރު، ކޮންމެ ދުވަހަކު ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައިވިޔަސް، އެއް މުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ." ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ ފަހުދިހާގައި ހެޔޮއަމަލު ގިނަކޮށް ލައިލަތުގް ގަދްރިވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ އެ މީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށެވެ. އަދި އެރޭ ﷲގެ ހަޒްރަތުން ސަވާބާއި ދަރުމައަށް އެދިގެން އަޅުކަންކޮށްފި މީހާއަށް އޭނާ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެކަމަށް ކީރިތި ރަސޫލާ ވަނީ އަންގަވާފައެވެ.

އިތުރަށް ޚުތުބާގައި ވަނީ ދުޢާ ކުރުމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ދުޢާ ކުރުމަކީ މުއުމިނުންގެ ހަތިޔާރެއް ކަމާއި، ހުރިހާ ނުބައިކަމަކުން ރައްކާތެރި ކުރާ އައްޑަނަ ކަމަށެވެ. އެހެންކަމުން މި ހަތިޔާރު ބޭނުން ހިފައިގެން އަމިއްލަ ނަފްސަށާއި އާއިލާއަށްޓަކައި ހެޔޮ ދުއާކުރުމަށް ޚުތުބާގައިވެއެވެ.