الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ހުރިހާ ޢާލާމްތައް ހައްދަވާ އިންސާނާ އިމްތިޙާންކުރުމުގެ ގޯތީގައި ލެއްވެވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެއިލާހު ބޭނުންވެ ވޮޑިގަންނަވަނީ އިންސާނުންގެ ތެރެއިން ﷲ އެއްކައުވަންތަކޮށް އާޚިރަތުގެ ގޯތި ކާމިޔާބު ކުރާ ބަޔަކީ ކޮންބައެއްކަމުގައި ބެއްލެވުމެވެ. އެކަން އަޅުގަނޑުމެންނަށް ޙާޞިލުކުރެވޭނީ ﷲ ނުރުއްސަވާ ޢަމަލުތަކުން ދުރުވެ އަދި އެއިލާހު ރުއްސަވާ ޢަމަލުތައް ކުރެވިގެންނެވެ. އެގޮތުން ތިރީގައި މިވަނީ އިމާމު އިބުނު ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲ އެކަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ދިހަކަމެކެވެ.

އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ބަޔާންކުރައްވައެވެ. "ތިބާ ﷲ ގެ ލޯބި ބޭނުން ވާނަމަ ނުވަތަ އެލޯބި ލިބުމަށް އަވަހަށް އެދޭނަމަ މިބަޔާންކުރެވޭ ދިހަ ކަންތައް ކުރުމުގެ މަތީގައި ދެމިހުންނާށެވެ.

01 ކީރިތި ޤުރުއާން ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ޙުޝޫޢަތްތެރިކަމާއެކު މާނަ ދެނެގަތުމާއެކުގައި ކިޔެވުމެވެ.

02 ވާޖިބު އަޅުކަންތައް ތައް އަދާކުރުމަށްފަހު ވީހާވެސް ގިނައިން ސުންނަތް އަޅުކަންތައް ކުރުން. އޭރުން ﷲ ތަބާރަކަ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން އެންމެ މަތިވެރި ދަރަޖައިގައި ލިބުމަށް މަގުފަހިވާނެއެވެ.

03 ކޮންމެ ވަޤުތެއްގައިވެސް ﷲ ގެ މަތިން ހަނދާންކޮށް ޒިކުރުކުރުން. އެއީ ހިތުންނާއި އަމަލުންނެވެ. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބި ލިބުން ބިނާވެގެންވަނީ މިކަމުގެ މައްޗަށެވެ.

04 ތިބާ އެދޭ ކަންތައްތަކަށްވުރެ ﷲ ތަބާރަކަ ވަތަޢާލާ ލޯބިވޮޑިގެންވާ ކަންކަމަށް އިސްކުރާށެވެ.

ނޯޓު: އެއީ ތިބާ އެ ނުބައި އަމަލެއް ކުރަން ހިތްއެދޭ ވަގުތުގައި އެކަމެއްގެ މައްޗަށް ﷲ ލޯބިވެ ވޮޑިގެންވާ ކަން އިސްކުރުމެވެ.

05 ﷲ ތަބާރަކަ ވަތައާލާގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުތައް ހިތްމައްޗަށް ގެނައުން

06 އެއިލާހުގެ ފަރާތުން ލިބިފައިވާ ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ފެންނަން ނެތް ނިޢުމަތްތަކުގެ މަތިން ހަނދާންކުރުން.

07 ތިބާ އަޅުކަންކުރާއިރު ހިތްތިރިކުރާ ފަދައިން އަބަދުވެސް ހިތްތިރިކޮށް މަޑުމޮޅިވުން

08 ރޭގަނޑުގެ ތިންބައިކޮށްފައި ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ނުޒޫލްވެވެވޮޑިގަންނަވާއިރު އަޅުކަންމަތީގައި ދެމިހުރުން. އެއީ އެގަޑީގައި ނަމާދުކޮށް، ދުޢާކޮށް އަދި އެއިލާހުގެ ބަސްފުޅު ކިޔެވުމެވެ. އަދި ކިޔަމަންތެރިކަމާ އިޚުލާސްތެރިކަމާއެކު ހެޔޮހިތުން އެއިލާހުގެ ހަޟްރަތުގައި ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވުމެވެ.

09 ﷲ ތަބާރަކަ ވަތަޢާލާގެ ލޯބިލިބިގެންވާ ނުވަތަ ރުއްސަވާވޮޑިގެންވާ ޞާލިޙު މީހުންނާއި އެކުގައި އުޅުން. އެއީ ހެޔޮލަފާ ޞާލިޙު މީހުންނާއި އެކު މަޖިލިސްކުރުމާއި އެފަދަ މީހުން ރަޙުމަތްތެރިން ކަމުގައި ހިޔާރުކުރުމެވެ.

10 ﷲ ތަބާރަކަ ވަތަޢާލާއާއި ތިމާގެ ހިތް ދުރުކުރާ ކަންކަމުން ދުރުވެ ހުރުން.

ނޯޓު: މިސާލަކަށް މިޔުޒިކު އަޑުއެހުންފަދަ، ނުވަތަ ފާހިޝް ތަކެތި އަޑުއަހާ ބެލުމުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމެވެ.

ސަމާލުކަމަށް: ނޯޓުގެ ގޮތުގައި ގެނެސްފައި އެވަނީ އިތުރު ތަފުސީލީ އަމިއްލަ ބަޔާނެކެވެ. ވީމާ އަޅުގަނޑު އެންމެން ނަކީވެސް އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ގެ މި ނަޞީޙަތުގެ ބަސްކޮޅުން ފައިދާ ލިބިގަންނަ ބަޔެއްކަމުގައި ލައްވައި ދެ ދުނިޔޭގައި ކާމިޔާބު ލިބޭ ބައެއްކަމުގައި ލެއްވުމަކީ އަޅުގަނޑުގެ ދުޢާ އެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރައްވާށިއެވެ. އާމީން

އިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ކޮންބޭފުޅެއް؟

އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދި ނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި އިބުނު ތައިމިއްޔާ އަވަހާރަވަންދެން 16 އަހަރު ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު