الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. أما بعد:

އެއްވެސް އުޒުރެއްނެތި ރޯދަ ހިފުން ދޫކޮށްލި ޒުވާނެއް ދެން ހަދާނީ ކިހިނެއްތޯ ސުވާލުކުރުމުން ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ވަޤުތީ ގޮތުން އެއަޅުކަމުގެ ވަޤުތު ފާއިތުވަންދެން ޢުޒުރެއްނެތި ދޫކޮށްލާމީހާޔާ މެދުގައި ޢިލްމުގެ އަހުލުވެރިން ވަނީ މިމައްސަލާގައި ޚިލާފުވެވަޑައިގެންފައެވެ. އެބައިމީހުންގެ ތެރޭގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެމީހެއްގެ މައްޗަށް ވަނީ ޤަޟާކުރުމެވެ. އަދި އެބައިމީހުންގެ ތެރޭން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އޭނާގެ މައްޗަށް ޤަޟާކުރުން ވާޖިބުވެގެންނުވެއެވެ.

އޭގެ މިސާލަކީ: މީހަކު ނަމާދު ޢުޒުރެއް ނެތި ވަޤުތު ފާއިތުވަންދެން ދޫކޮށްލީއެވެ. ނުވަތަ އޭނާ ރަމަޟާން މަސްދަންދެން ޢުޒުރެއްނެތި ރޯދަ ދޫކޮށްލީއެވެ. ފަހެ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ޤަޟާކުރުމެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދަތުރުވެރިންނާއި އަދި ބަލިމީހުންގެ މައްޗަށް ރޯދަމަހު ޤަޟާކުރުން ވާޖިބުކުރައްވާފައެވެ. ޢުޒުރުވެރިންނަށް ޤަޟާކުރުން ވާޖިބުކުރައްވާފައިވާނަމަ އެނޫންމީހުންނަށް ޤަޟާކުރުން އައުލާވެގެންވެއެވެ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ޙަދީޘްކުރެއްވި ކަމަށް ސާބިތުވެގެންވެއެވެ. (من نسي صلاة فليصلها إذا ذكرها) މާނައީ: "މީހަކު ނަމާދެއް ކުރަން ހަނދާން ނެތިއްޖެނަމަ ފަހެ ހަނދާންވުމުން އެނަމާދެއް ކުރާށެވެ." އަދި ނަމާދުކުރުން ވަޤުތު ފާއިތުވީކަމުގައިވިޔަސް ހަނދާން ނެތޭ މީހާގެ މައްޗަށް ވާޖިބެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވިއެވެ. އަދި ވަޤުތު ފާއިދުވަންދެން ނިދޭ މީހާގެ މައްޗަށް ނަމާދުކުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވާޖިބުކުރެއްވިއެވެ.

އަދި އެމައްސަލާގައި ދެވަނަ ބަހަކީ ވަޤުތު ކަނޑައެޅިފައިވާ އަޅުކަމެއް އުޒުރެއްނެތި އޭގެ ވަޤުތުދަންދެން ދޫކޮށްލައިފިނަމަ އެމީހެއްގެ މައްޗަށް ޤަޟާކުރުން ވާޖިބުވެގެން ނުވެއެވެ. ސަބަބަކީ އަޅުކަމަކީ ވަޤުތު ކަނޑައެޅިފައިވާ އެއްޗަކަށް ވެފައި އެއަޅުކަމެއް އަދާކުރަން ޖެހޭނީ ކަނޑައެޅިފައިވާ ވަޤުތުގައި ކަމުގައިވާތީއެވެ. އަދި އެވަޤުތުން އިސްވެ ނުވަތަ ލަސްވެގެން ނުކުމެއްޖެކަމުގައިވާނަމަ އެކަން ޤަބޫލުނުކުރެއްވޭ ހުއްޓެވެ. އެއީ މިސާލަކަށް މީހަކު ނަމާދު ވަޤުތު ނުވަންނަނިސް ފަރުޟު ނަމާދުކޮށްފިނަމަ އޭނާގެ ކިބައިން އެކަން ޤަބޫލުނުކުރެވޭ ހުއްޓެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ރޯދަ ހިފައިފިނަމަ އެމީހެއްގެ ކިބައިން އެކަން ޤަބޫލުނުކުރެވޭ ހުއްޓެވެ. ސަބަބަކީ އެއީ ފަރުޟެއްކަމުގައިވާތިއެވެ. ހަމައެފަދައިން ނަމާދުވެސް އޭގެ ވަޤުތުން ޢުޒުރެއްނެތި ލަސްކޮށްފިނަމަ ޤަބޫލުނުކުރެވޭ ހުއްޓެވެ. އަދި އެފަދައިން ރަމަޟާންމަހުގެ ރޯދަވެސް ޢުޒުރެއްނެތި ލަސްކޮށްފިނަމަ އެމީހެއްގެ ކިބައިން ޤަބޫލުނުކުރެވޭ ހުއްޓެވެ.

އަދި ރަނގަޅުވެގެންވާ ރާޖިޙުބަހަކީ މިއެވެ. އަދި ސަބަބަކީ އެކަމަކީ މީހަކު އަޅުކަމެއް އޭގެ ވަޤުތުން ބޭރުގައި ކޮށްފިނަމަ، އެމީހަކު އެކުރީ ﷲއާއި ރަސޫލާ ކަނޑައަޅުއްވާފައިވާ ކަމެއްނޫނެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ސާބިތުވެގެންވެއެވެ. (من عمل عملا ليس عليه أمرنا فهو رد) މާނައީ: ތިމަންކަލޭގެފާނު ބަޔާންނުކޮށްދެއްވާ ކަމެއް މިދީނުގައި ކޮށްފިކަމުގައިވާނަމަ އެކަމެއްވަނީ ރައްދުކުރެއްވިގެން ބާތިލުކުރެއްވިގެންނެވެ." އެކަމެއް ރައްދުކުރެއްވިގެންވާ ކަމެއް، އެކަމެއް ޤަޟާކުރުމުގެ ތަކުލީފަކީ އެކަމުގައި އެއްވެސް ފައިދާއެއްވާ ކަމެއްނޫނެވެ.

އަދި އެހެންކަމުން ސުވާލުކުރިމީހާއަށް ބުނަމެވެ. ތިބާ ޢުޒުރެއްނެތި ދެއަހަރު ނަމާދާއި ރޯދަ ދޫކޮށްލާފައިވުމުން ފަހެތިބާގެ މައްޗަށްވަނީ ﷲއަށް ތެދުވެރި ފުރިހަމަ ތައުބާއަކުން ތައުބާވުމެވެ. އަދި ހެޔޮޢަމަލުކުރުން ގިނަކުރުމެވެ. އަދި އިސްވެދިޔަ ބައި ޤަޟާކުރުމެއް ނުވެއެވެ. ސަބަބަކީ ޤަޟާކުރިކަމުގައިވިޔަސް އެކަމުން ތިބާއަށް ފައިދާއެއްނުކުރާނެއެވެ. ނަމަވެސް ކުރިންވީކަމަށް ތައުބާވުން ވާޖިބުވެގެންވެއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވެފައިވާ ފަދައިންނެވެ."

މަޞްދަރު: ފަތާވާ ނޫރުން އަލައްދަރްބި.

ޖަވާބު ދެއްވީ: މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ.

ވީމާ އިޞްލާހުވެ ތައުބާވެ އަލުން ފަށާ މަހަކަށް މިރޯދަމަސް ހަދަމާތޯއެވެ؟ ދުޢާއަކީ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާ އަޅުގަނޑުމެންގެ ތައުބާ ޤަބޫލުކުރެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު