އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އައްޔޫބު ޢަލައިހިއް ސަލާމް އޮރިޔާމުން ފެންވަރަން ހުންނަވަނިކޮށް، ރަނުންވާ ގޮތްފުޅަނގި (މަސްކާށިދޫނި) ތަކެއް ވެއްޓިއްޖެއެވެ. ދެން އައްޔޫބު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ހެދުން ނަގައިގެން ހެދުމަށް އޭއްޗެހި ޖަމާކުރަން ފެއްޓެވިއެވެ. ދެން ﷲ ތަބާރަކަ ވަތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. "އޭ އައްޔޫބެވެ. ތިޔަ ފެންނަ ތަކެތީގެ ކިބައިން (އެޔާނުލާވެސް) ކަލޭގެފާނު މުއްސަނދިނުކޮށްދެއްވަން ހެއްޔެވެ؟ ދެން އައްޔޫބު ޢަލައިހިއްސަލާމް ދެންނެވިއެވެ. "ނޫނެކެވެ. އިބަ އިލާހުގެ ޢިއްޒަތް ގަންދެއްވަމެވެ. ނަމަވެސް އިބަ އިލާހުގެ ބަރަކާތުން މިއަޅާއަށް ފުދިގެނެއް ދުވަހަކުވެސް ނުވެއެވެ." އެބަހީ އަބަދުވެސް މިއަޅާ ވަނީ އިބަ އިލާހުގެ ބަރަކާތަށް ޙާޖާ ޖެހިފައެވެ.

މިވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. ހެދުން ނުލާ އެކަނިހުރެ ނުވަތަ އަންހެނުންނާއި އެކު ފެންވެރުން ހުއްދަކަން.

ށ. ފުދިގެންވާ ޝުކުރު ކުރާ މީހާގެ މާތްކަން.

ނ. ލިބޭ މިންވަރަށް ފުދިގެންވުމުގެ މާތްކަން.

ރ. ﷲގެ ފަރާތުން ލިބޭ ރިޒުޤަށް ބަރަކާތް ކިޔުން ހުއްދަކަން.

ބ. ﷲގެ ރަހުމަތުގެ ތަނަވަސްކަން.

ޅ. ޙަލާލު މުދާ ހޯދުމުގެ މާތްކަން. އެލިބޭ މުދަލަކީ ޙަލާލެއް ޙަރާމެއް ނުބަލާ ހޯދާނަމަ މުދަލާއި އަދި އަހުލުންގެ ކިބައިން ބަރަކާތް ކެނޑި ﷲގެ ރުއްސެވުން ގޮސް އެމީހެއްގެ ފަހު މަންޒިލަކީ ނަރަކަ ކަމުގައި ވެގެންހިނގައިދާނެ ފަދަ ކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ގޮތުގައި ޙަރާމްގޮތުގައި ހޯދާ އެއްޗަކުން ޖަހާ މަހެއް އެންމެ އައުލާވެގެންވަނީ ނަރަކައެވެ.

ކ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދަ ޢިބުރަތްތެރި ވާހަކަތައް މިއުއްމަތަށް ބަޔާންކޮށްދެއްވާފައިވަނީ މިވާހަކަތަކުން ލިބޭ ޢިބުރަތްތަކާއި މެދު ވިސްނާ ޝުކުރުވެރިވެ ރިވެތި ޢަޚުލާޤާއި ހެޔޮކަން ދަސްކުރުމަށެވެ. ދުޢާއަކީ ﷲ ސުބޫޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މިކަންކަމުން ޢިބުރަތް ލިބިގަންނަ ބައެއްކަމުގައި ލެއްވުމެވެ.

މަޞްދަރު: މުސްނަދު އަހުމަދު އަދި ޞަޙީޙް އިބްނު ޙިއްބާން އަދި ސުނަނު ތިރްމިޛީ.

ކިޔުންތެރިންގެ ހިޔާލު