الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.

ޙަލާލު ވެގެންވާ ހެޔޮ ރިޒުޤު ހޯދުމަކީ ވަރަށް މަތިވެރިވެގެންވާ ޢަމަލެކެވެ. އެހެނީ އަޅާ އިޞްލާޙުވުމާއި އޭނާގެ ދަރިފަސްކޮޅު އިޞްލާޙުވުމާއި އަދި އޭނާގެ އާޚިރަތް އިޞްލާޙުވުން އެކަމުގެ މައްޗަށް ވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ) سورة البقرة: 168

މާނައީ: "އޭ މީސްތަކުންނޭވެ. ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ. އަދިި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ. (އެހެނީ) ހަމަކަށަވަރުން އެ ޝައިތާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތް ތެރިޔެކެވެ."

ތަފުސީރު އިބުނު ކަޘީރުގައި ރިވާވެގެންވެއެވެ. އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މިއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ކިޔަވައި ވިދާޅުވެވުނެވެ. ދެން ސަޢުދު ބިން އަބީ ވައްޤާޞް ތެދުވެ ވަޑައިގެންނެވިއެވެ. "އޭ ރަސޫލުﷲއެވެ. ދުޢާ އިޖާބަވާ ބޭކަލެއްކަމުގައިވޭތޯ ތިމަންކަލޭގެފާނަށް ދުޢާކޮށްދެއްވާށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އޭ ސަޢުދެވެ. ތިބާ ކާ ތަކެތި ރަނގަޅު (ޙަލާލު) ތަކެތި ކަމުގައި ހަދާށެވެ. އޭރުން ތިބާ ދުޢާ އިޖާބަވާނެއެވެ. ﷲގެ އަތްޕުޅުގައި މުޙައްމަދުގެ ނަފުސު ވާ ފަރާތް ގަންދެއްވަމެވެ. މީހަކު އޭނާގެ އަރުން ދިރުވާ ޙަރާމް ސުވާގެ ސަބަބުން އެމީހެއްގެ ކިބައިން ސާޅީސް ދުވަސް ޤަބޫލުނުކުރެއްވިއެވެ. އަދި އަޅެއްގެ ގައިގައި ސުޙުތާއި އަދި ރިބާއިން ޖަހާމަހެއްގައި ނަރަކާގެ އަލިފާން އައުލާވެގެންވެއެވެ."

އެއްފަހަރެއްގައި އަބޫ ބަކުރު ރަޟިޔަﷲ ޢަންހުއަށް ނޭނގިގެން ޙަރާމް އެއްޗެއް ފަރިއްކުޅުވުނެވެ. އެކަލޭގެފާނުގެ ކަރުބުޑަށް އަތްލައްވައިގެން އެނެންގެވިއެވެ. ސަބަބަކީ ޙަރާމް އެއްޗަކުން ޖަހާ މަސް ވަނުން އެންމެ އައުލާވެގެންވަނީ ނަރަކަ ކަމުގައިވާތީއެވެ.

އެހެންކަމުން މިކަމުން އެނގިގެން ދަނީ ޙަލާލު ކާބޯތަކެތި ކެއުމަކީ ދުޢާ އިޖާބަވާ ސަބަބެއްކަމެވެ. އަދި ޙަރާމް ތަކެތި ކެއުމުން ދުޢާ އިޖާބަ ނުވާނެކަމެވެ.

އަދި ޞަޙީހް މުސްލިމުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުސްޠާހިރުވެވޮޑިގެންވާ ހުރިހާ ފުރިހަމަކަމެއްލިބިގެންވާ އިލާހެވެ. އެއިލާހު ރަނގަޅުކަންކަން މެނުވީ ޤަބޫލުނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުތަކުންނަށް އެއިލާހު ފޮނުއްވި ރަސޫލުބޭކަލުންނަށް އަމުރުކުރެއްވިފަދައިން އަމުރު ކުރައްވައެވެ. އެއިލާހު ވަޙީކުރައްވައެވެ. "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا. އޭ އެންމެހާ ރަސޫލުންނޭވެ. ފަހެ ރަނގަޅުހެޔޮތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން ހެޔޮޢަމަލުކުރާށެވެ." އަދިވެސް އެއިލާހު ވަޙީކުރައްވައެވެ. "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ތިމަންއިލާހު ދެއްވި ހެޔޮރަނގަޅު(ޙަލާލު)ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ." އެޔަށްފަހު އެކަލޭގެފާނު ދިގުދަތުރެއްކޮށްފައި ކަރުހިއްކައިގެން މަގުގެއްލިފައިވާ މީހާގެ ވާހަކަ ވިދާޅުވެދެއްވިއެވެ. ފަހެ އޭނާގެ ދެއަތް އުޑާދިމާޔަށް އުފުލައި (ބުނެތެވެ): އޭ ރައްބެވެ. އޭރައްބެވެ. ފަހެ އޭނާ ކައިއުޅުނީ ޙަރާމްތަކެއްޗެވެ. އަދި ބޮއޮއުޅުނީ ހަރާމްތަކެއްޗެވެ. އަދި ލައިއުޅުނީ ޙަރާމްތަކެއްޗެވެ. އަދި އޭނާއަށް ކާންދެވިފައިވަނީ ޙަރާމްތަކެއްޗެވެ. ފަހެ އޭނާގެ ދުޢާ އިޖާބަކުރެއްވޭނީ ކިހިނަކުންހެއްޔެވެ؟ "

އެޔަށްފަހު މަތީގައިވާ އާޔަތުގައި ޤަތާދާގެ ކިބައިން ތަފުސީރު އިބުނު ކަޘީރުގައި ޒިކުރު ކުރައްވާފައިވެއެވެ.

ޝައިތާނާގެ ފިޔަވަޅުތަކަކީ ﷲ ޙަރާމްކުރެއްވި ކޮންމެ ކަމެކެވެ. އެހެންކަމުން ޙަލާލު ރަނގަޅު ތަކެތި ކައިބޮއެ އަދި ފާފަތަކުން ދުރުވުމަށް ﷲ ތަޢާލާ ވަނީ މިއާޔަތުގައި އަމުރުކުރައްވާފައެވެ.

އަދި ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި އެބައެއް މުދާ ހޯދަނީ ޙަލާލުތޯ ނުވަތަ ޙަރާމްތޯ ނުބަލާ އެކަންކަން ކުރާނެކަމަށް ޙަދީޘްގައި ޒިކުރުވެފައިވެއެވެ. މިއަދު އަޅުގަނޑުމެން ވަށައިގެންވާ މުޖުތަމަޢަށް ނަޒަރު ހިންގައިފިނަމަ ފެންނަނީ މިމަންޒަރެވެ. އެހެންކަމުން މީ ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ކަމެކެވެ. ފުރަތަމަ ﷲގެ އަމުރުފުޅެވެ. އެޔަށްފަހު އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ކާމިޔާބުވުން އެކަމެއްގެ މައްޗަށް އެކުލެވިގެންވާ ކަމެކެވެ. ދުޢާއަކީ ޙަލާލު ކާބޯތަކެތި ކާ މީސްތަކުންގެ ތެރޭގައި އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ކަންކަން އިޞްލާޙްކުރެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.