الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين وبعد:

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އަދި އިސްލާމްދީނުގެ އެންމެ މުހިންމު އެއްއަޅުކަމެވެ. ރޯދަމަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު އަޅުގަނޑުމެންގެ ތެރެއިން ހުރިހާ މީހުންނަކީ ވެސް ރޯދަހިފާމީހުންނެވެ. ނަމަވެސް ވަރަށް ގިނަފަހަރު ނަމާދަށް ފަރުވާތެރިނުވެވޭތަން އާދެއެވެ. އެހެންކަމުން ނަމާދުނުކޮށް ރޯދަހިފުމަކީ ކޮންކަހަލަ ޢަމަލެއްކަން އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ. އެހެނީ ނަމާދުނުކޮށް އަޅުގަނޑުމެން ކުރާ އެއްވެސް ޢަމަލަކީ ޞައްޙަވެގެންވާނެ ޢަމަލެއްނޫނެވެ. އެފަދައިން ރޯދައަކީވެސް އަޅުގަނޑުމެން ނަމާދުނުކޮށް ހިފާ ރޯދައެއްނަމަ ޞައްޙަ ރޯދައަކަށް ނުވާނެއެވެ.

އައްޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ނަމާދުނުކޮށް ހިފާ ރޯދައެއް ޞައްޙަވެގެންނުވެއެވެ."

އަދި ނަމާދު ދޫކޮށްލުމަކީ ކާފަރުންނާއި މުސްލިމުން ދެމެދުގައިވާ ފަރަގެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް އިރުޝާދު ދެއްވަވަމުން ޙަދީޘްކުރައްވާފައިވަނީ ކާފަރުންނާއި މުސްލިމުންނާއި ދެމެދުގައިވާ ފަރަޤުކުރާ ކަމަކީ ނަމާދުކުރުންކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށް ވާކަމަކީވެސް އެއީއެވެ.

މިރޯދަމަހަކި އެކަމަށް އަޅުގަނޑުމެން ފަށައިގަންނަ މައްސަރުކަމުގައި ހަދަމާތޯއެވެ. އެހެނީ ރޯދަމަހަކީ ހެޔޮކަންކަމުގެ މައްސަރެވެ. މިމަހުގައި އެހެންމައްސަރުތަކަށްވުރެ އިތުރަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހެޔޮކަންތައްތައް ކުރުމާއިގެން އަވަސްވެ އިތުރުކުރައްވައެވެ. ގިނައިން ނަމާދުކުރައްވައި ގިނައިން ޞަދަޤާތްކުރައްވައި ގިނައިން ރޭއަޅުކަންކުރައްވާ ހައްދަވައެވެ.

އެހެންކަމުން މިމައްސަރު ނިމިގެންދާންވާނީ އަޅުގަނޑުމެންގެ ހަޔާތަށްވެސް މިފަދަ ހެޔޮބަދަލުތަކެއް ގެނުވައިގެންނެވެ. އެހެންނޫންނަނަމަ މިމަތިވެރިވެގެންޥާ މައްސަރުގެ ހެޔޮކަން ގެއްލިގެން ދާ ބަޔެއްކަމުގައި އަޅުގަނޑުމެން ވެގެން ހިނގައިދާނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުން މިމަހުގެ ހެޔޮކަން ނުލިބި ދާމީހާ ގެއްލެނިވެގެންވާ މީހެއްކަމުގައި ޚަބަރުދެއްވާފައިވެއެވެ. އެބަހުގެ މުރާދަކީ މިމަހުގެ ހެޔޮކަން ނުލިބުމުގެ ސަބަބުންނާއި މިމަހުގެ ބޯނަސްތައް ނުލިބުމުގެ ސަބަބުން އަބާއްޖަވެރިންކަމުގައި ވެގެންދާވާހަކައެވެ.

އެހެންކަމުން މިމަހުގައި މިކަމަށް އަޅުގަނޑުމެން ފޫގަޅައި ގަދައަޅައި މަސައްކަތްކުރާ ޞާލިޙު ހެޔޮލަފާ ބައެއްކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ. އަދި މިމަހުގައި ހަމައެކަނި ބަނޑުހައި ހޫނުކަން ތަހައްމަލުކޮށްލުމުގެ ބަދަލުގައި ރޯދައިގެ ރޫހާނީ މަތިވެރިކަމާއި އަޅުކަމުގެ ފޮނިމީރުކަން ލިބިގެންދާނީ އެމަހުގައި ގިނަގިނައިން އަޅުކަންކޮށްގެންނެވެ. އެހެނީ އެކަން އަޅުގަނޑުމެންގެ ނަމޫނާ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އުއްމަތަށް ދައްކަވާފައެވެ. ވީމާ މިނަމޫނާ ލިބިގަނެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ ބައެއް ކަމުގައި އަޅުގަނޑުމެން އެންމެން ލައްވާ ހެޔޮރަޙުމަތްލައްވާށިއެވެ. އާމީން.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.