الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކެވެ. އެއަޅުކަމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من صام رمضان ثم أتبعه ستاً من شوال كان كصيام الدهر) رواه مسلم.

މާނައީ: "ރަމަޟާން މަހު ރޯދަހިފުމަށްފަހު، އެޔަށްފަހު ޝައްވާލު މަހުން ހަރޯދަ ހިފައިފިނަމަ އެމީހަކު މުޅި އަހަރު ރޯދަހިފި ފަދައެވެ."

މިޙަދީޘްގެ ޝަރަހާގައި އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަހަރެއްގެ ރޯދަފައިން ވަނީ ސަބަބަކީ ހެޔޮކަން ވަނީ ދިހަގުނައިންނެވެ. ރަމަޟާން އަކީ ދިހަ މަހުގެ ސަވާބެވެ. އަދި ހަދުވަހަށް ދެމަހުގެ ސަވާބެވެ."

އަދި އިމާމު އިބުނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ބުނެވެއެވެ. ޝައްވާލު މަހުގެ ރޯދައިގެ ސަވާބު މާތްކަމުގެ ގޮތުން ރޯދަމަހާއި އެއްވަރުވެގެންވެއެވެ. އޭރަށް އަހަރެއްގައި ފަރުޟު ރޯދަހިފިފަދައިން އެމީހަކަށް (ސަވާބު) ވެއެވެ."

އެހެންކަމުން ޝައްވާލު މަހުގެ ހަރޯދައިގެ މާތްކަން އެނގިގެން ހިނގައްޖެއެވެ.

އެޔާއެކު ދެން އުފެދޭ ސުވާލަކީ ރަމަޟާންމަހުގެ ރޯދައިން ގެއްލުނު ނުވަތަ ނުހިފިވާ ރޯދަތައް ހިފުމުގެ ކުރިން ޝައްވާލު މަހުގެ ހަރޯދަ ހިފިދާނެ ހެއްޔެވެ؟

ހަރޯދަ ހިފުމުގެ ކުރިން ރަމަޟާން މަހުގެ ރޯދަ ހިފުން އެންމެ މޮޅު އިތުރުވެގެންވާ ކަމަށް ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. އެކަމާއި މެދުގައި އެއްވެސް ޝައްކެއްނެތެވެ. ސަބަބަކީ ސުންނަތް ރޯދައިގެ ކުރިއަށް ފަރުޟު ރޯދައިސްވާނެއެވެ. ނަމަވެސް ޞަހާބީންގެ ޢަމަލުފުޅުން މިސާލަކަށް ޢާއިޝާ ރަޟިޔަﷲ ޢަންހާ ރަމަޟާންމަހުގެ ޤަޟާ ރޯދަ ޝައުބާން މަހު ހިއްޕަވާ ކަމަށް ސާބިތުވެގެންވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ގެއްލުނު ރޯދަތައް ހިފުމުގެ ކުރިން ފަރުޟު ރޯދަތައް ހިފުން ލަސްކުރުން އެއީ މައްސަލައެއްނޫނެވެ. ސަބަބަކީ އުޒުރެއްގެ ސަބަބުން ގެއްލޭ ރޯދަ ހިފުމަށް ﷲ ވަނީ މުއްދަތު ދެއްވާ ބޭނުން ދުވަސްތަކެއްގައި ހިފުމަށް އަންގަވާފައެވެ. އެއީ އުޒުރެއްނެތްނަމަ ދެން އަންނަން އޮތް ރޯދައިގެ ކުރިންނެވެ.

އެޔަށްފަހު މިމައްސަލާގައި ދެބަހެއްގެ މައްޗަށް ޚިލާފު އުފެދިފައިވެއެވެ. އެއީ ރަމަޟާންމަހުގެ ގެއްލުނު ރޯދައަށްވުރެ ކުރިން ޝައްވާލުމަހުގެ ރޯދަނުހިފޭނެކަމަށާއި ހިފޭނެކަމަށް އުފެދިފައިވާ ބަހެކެވެ.

ހ. އެންމެ ފުރަތަމަ ބަހަކީ ހިފޭނެކަމަށްވާ ބަހެވެ. އަދި ވަރުގަދަވެގެންވާ ގިނަ ޢިލްމުވެރިންނާއި އަދި ސަލަފުންގެ ފަތުވާތައް ހުރީ ހިފޭނެކަމަށެވެ. އޭގެ ތެރޭގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ދަރިވަރު ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ފަތުވާ ދެއްވާފައިވަނީ ހިފޭނެކަމަށެވެ. އަދި ހަތަރު މަޒުހަބާއި އަދި ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ފަތުވާ ދެއްވަނީ މިފަދައިންނެވެ.

ށ. ދެވަނަ ބަހަކީ ނުހިފޭނެކަމަށް ބުނާ ބަހެކެވެ. މިބަހުގެ އަސްލަކީ ޙަންބަލީ މަޒުހަބުގެ އިމާމު އަޙުމަދުގެ އަރިހުން ހިފޭނެކަމަށް އައިސްފައިވާ ބަހަށްފަހު އަދި ނުހިފޭނެކަމަށް އައިސްފައިވާ ބަހެކެވެ. މިބަހަކީ ޙަންބަލީ މަޒުހަބުގެ ބަހެވެ. ނަމަވެސް މިބަސް ބިނާކޮށްފައިވަނީ މުސްނަދު އަޙުމަދުގައި ސަނަދުގައި އިބުނު ލަހީޢާ ހިމެނޭ ޙަދީޘެއްކަމަށްވާ ފަރުޟު ރޯދައިގެ ކުރިން ސުންނަތް ރޯދަ ނުހިފޭނެކަމަށް އައިސްފައިވާ ޟަޢީފު ޙަދީޘެއްގެ މައްޗަށެވެ.

 

އިންކާރު ކުރައްވާ ބޭފުޅުން ގެންނަ ދެވަނަ ވަޖުހު:

ދެން ފަހުގެ ޢިލްމުވެރިން އެ ވަޖުހު ދޫކޮށް ޙަންބަލީ މަޒުހަބުގެ އެބަހުގެ މައްޗަށް ފަތުވާ ދެއްވާފައިވަނީ މަތީގައިވާ ޝައްވާލު މަހުގެ ހަރޯދައިގެ ޙަދީޘްގެ ބަހުގެ ޡާހިރު މާނައަށް ބުރަވެއެވެ. އެއީ ޙަދީޘްގައި ރޯދަ ހިފާފައި އަދި ޝައްވާލު ހަ ރޯދަ ހިފުމުން އެސަވާބު ލިބޭނީ ތަރުތީބުގެ މައްޗަށް ބުރަވެގެން ކަމަށް ބަޔާންކޮށެވެ. ނަމަވެސް މުސްލިމުގެ ޙަދީޘް ފިޔަވައި އެހެން ޙަދީޘްތައް އަހަރުގެ ސަވާބު ލިބޭ ގޮތަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައިވެއެވެ. ޙަދީޘްގެ ޡާހިރު މާނައަށް ތަފުސީލެއް ލިބޭ އެހެން ޙަދީޘެއްވާނަމަ ޡާހިރު މާނައަށްވުރެ ތަފުސީލު އިސްވާނެއެވެ.

އެގޮތުން އަންނަނިވި ޙަދީޘްތައް އަހަރުގެ ސަވާބު ލިބޭ ވަޖުހަކީ ހެޔޮކަމަށް ދިހަގުނަ ލިބޭ ވަޖުހު ކަމުގައި ބަޔާންކޮށްދެއްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(صيام شهر رمضان بعشرة أشهر، وصيام ستة أيام من شوَّال بشهرين؛ فذلك صيام سنة) رواه النسائي وصححه الألباني.

މާނައީ: "ރަމަޟާންމަހުގެ ރޯދަ ދިހަމަހެވެ. އަދި ޝައްވާލު މަހުގެ ހަދުވަހުގެ ރޯދަ ދެމަހެވެ. އެއީ އަހަރެއްގެ ރޯދައިގެ (ސަވާބެ)ވެ"

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَن صام ستة أيام بعد الفطر كان تمام السنة؛ ﴿ مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ﴾ [الأنعام: 160]))؛ رواه ابن ماجه.

މާނައީ: "ރޯދަމަސް ނިމުމަށްފަހު ހަ ދުވަހު ރޯދަހިފައިފި މީހާއަށް އެމީހަކަށް އަހަރެއް ފުރިހަމައަށް ރޯދަހިފިފަދައެވެ. (ﷲ ވަޙީކުރައްވާފައިވެއެވެ. (މާނައީ) "އަދި ހެޔޮކަމަކައިގެން އަންނަ މީހާއަށް އޭގެ ދިހަގުނަވެއެވެ." ސޫރަތުލް އަންޢާމުގެ 160 ވަނަ އާޔަތް.

ދިހަ ގުނައަކީ ކޮންމެ ހެޔޮ ޢަމަލަކަށްވާ ޢާންމު ހެޔޮކަމެކެވެ. އެހެންކަމުން އެންމެ މަތީގައިވާ ޙަދީޘްގެ ތަރުތީބަށް ބުރަވެ އެހެޔޮކަން ނުލިބޭނެ ކަމަށް ބުނާ މީހުންގެ ބަހަކީ ރަނގަޅު ބަހެއްނޫނެވެ.

އިންކާރުކުރާ މީހުންގެ ތިންވަނަ ވަޖުހު.

ޞަޙީހް މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރަމަޟާންމަހުގެ ރޯދަތައް ޤަޟާކުރައްވަނީ ޝައުބާންމަހު އޮންނަ ރިވާޔަތަށް ބަލާފއި ބައެއް ފަރާތްތަކުން ޒިކުރުކުރައްވަނީ ޢާއިޝާ ރަޟިޔަﷲ ޢަންހާ ސުންނަތް އެއްވެސް ރޯދައެއް ނުހިއްޕަވާ ކަމަށެވެ. މިއީވެސް ފަހުގެ ބައެއް ޢިލްމުވެރިން ގެންނަ ނައްޞާ އަދި ބުއްދިޔާ ފުށުއަރާ ބަހެކެވެ. ސަބަބަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާ ސުންނަތް ރޯދަހިއްޕަވާ ކަމަށް ސުނަނުތިރްމިޛީ އަދިވެސް ވަރަށް ގިނަ ޙަދީޘް ފޮތްތަކުގައި ރިވާވެފައިވެއެވެ. މިޙަދީޘް އޭގެ ޒާތުގައި ޞައްހަ ނުވިޔަސް ފަތުޙުލް ބާރީގައި ޢާއިޝާގެ ކިބައިން އެކަން ޞައްޙަކަމަށް އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

އަދި ސުންނަތް ރޯދަހިފުން ފަރުޟު ރޯދައިގެ ކުރިން ހުއްދަނުވާނެކަމަށާއި އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ސުންނަތް ރޯދަ ނުހިއްޕަވާ ކަމަށް ބުނާބަހަށް ރައްދު ދެއްވާ ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ޢުމްދާގެ ޝަރަހާގައި ވިދާޅުވެފައިވެއެވެ. "ސަބަބަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާ ރަމަޟާން މަހުގެ ރޯދަ ޤަޟާކުރައްވަނީ ޝައުބާންމަހުގައި ކަމުގައި ޚަބަރުދެއްވާފައިވެއެވެ. އަދި އެކަމަނާ އެއްވެސް ދުވަހެއްގައި ސުންނަތް ރޯދަ ނުހިފުން ދުރުވެގެންވެއެވެ. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު ދެން ނުވީއްލާނޭ ބުނާ މިންވަރަށް ރޯދަހިއްޕަވައެވެ. އަދި ދެން ނުހިފާނޭ ބުނެވޭ މިންވަރަށް އެކަލޭގެފާނު ރޯދަނުހިއްޕަވާވެސް ހުންނަވައެވެ. އަދި ހޯމަދުވަހާއި އަދި ބުރާސްފަތީގައި ރޯދަހިފުން އެކަލޭގެފާނު ގިނަކުރައްވައެވެ. އަދި ކޮންމެ މަހެއްގައި ތިންދުވަހު ރޯދަވެސް އެކަލޭގެފާނު ގިނަގިނައިން ހިއްޕަވައެވެ. އަދި ސަބަބަކީ ޤަޟާކުރުމަކީ ވަޤުތު ކަނޑައެޅިފައިވާ ކަމެކެވެ. އަދި ސުންނަތް އަދާކުރުން އޭގެ ވަޤުތު ނުނިމެނީސް އަދާކުރުން ހުއްދައެވެ. އެއީ އޭގެ ކުރީކޮޅުގައި ކުރުން ހުއްދަފަދައިންނެވެ. އެއީ ނަމާދާއި ޚިލާފަށެވެ. ނަމާދު ވީހާވެސް އަވަހަށް ޤަޟާކުރަން ޖެހޭނެއެވެ. އަދި ޙައްޖުވެސް އެފަދައިންނެވެ." ޢުމްދާގެ ޝަރަހަ: 1/358

ޚުލާޞާ:

ހ. ފަރުޟު ރޯދަ ހިފުމުގެ ކުރިން ސުންނަތް ރޯދަހިފުން ހުއްދަވާނެއެވެ.

ށ. ރަމަޟާން ޤަޟާ ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ ހަރޯދަ ހިފުން ހުއްދަވާނެއެވެ.

ނ. އަދި ޝައްވާލު މަހު ހަރޯދައިގެ ސަވާބުވެސް ޙާޞިލުވާނެއެވެ. ސަބަބަކީ ކޮންމެ ހެޔޮކަމަކަށް ދިހަ ހެޔޮކަން ފަދައިން ވުމަކީ ޢާންމު މާތްކަމެކެވެ. އެއީ ކޮންމެ ހެޔޮ ޢަމަލަކަށްވާ ކަމެކެވެ. އަދި ޙާޞިލުނުވާނެކަމަށް ބުނާ ބަހަކީ ރަނގަޅު ބަހެއްނޫނެވެ.

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 1111

    އެހެންކަމުން ތިބާއަށް ދައުވާ ތިކުރެވެނީ ފަހުގެ ޢިމުވެރިން (ޝޭޚް އަލް އިސްލާމް، އަލް އަލްބާނީ، އިބްން ބާޒް، އަލް ފައުޒާން) ފަދަ ޢިލްމުވެރީންނަށްވުރެ ނުވަތަ މި އެއްނެހާ ޢިލްމު ވެރީންނަށްވުރެ ތިބާގެ ވިސްނުން ތަނަވަސް ކަމުގައި ތޯއެވެ؟ ހަމަ ޔަޤީނުންވެސް މި އެންމެހާ އިލމުވެރީންގެ ބަސްފުޅަކީ ޤަޟާ ކުރަން ފަރުޟު ރޯދަތައް ހުއްޓާ ޝައްޥާލަ މަހުގެ 6 ރޯދަ ހިފާނަމަ ޙަދީޘްގައި ކަނޑައެޅިގެންއެވާ އަޖުރު ފުރިހަމަ ނުވާނެކަމުގައެވެ. ނުވަތަ ފަރުޟު ރޯދައިގެ މައްޗަށް ސުންނަތް ރޯދަ އިސް ނުކުރެވޭނޭ ކަމުގައެވެ.
    ތިބާގެ ޢިލްމު މި އެންމެހާ ފަރާތްތަކުގެ މައްޗަށް ތަނަވަސްވެގެން ވަނީތޯއެވެ؟ ނުވަތަ މި ޢިލްމުވެރިނގެ އިލްމުވެރިކަން ނޮފޯރާވަރަށް ތިބާގެ ޢިލްމުވެރިކަން ފޯރީތޯއެވެ.؟ لا حول ولا قوة الا بالله

    4
    4
  2. 1111

    އެއްވެސްް ޢިލްމުވެރިޔަކު ނުބުނޭ ފަރްޟް ރޯދައިގެ ކުރިން ސުންނަތް ރޯދައެއް ނުހިފޭނެއޭ. އެއީ މަނާކަމެކޭ ނުވަތަ ޙަރާމް ކަމެކޭ ނުވަތަ ހުއްދަނޫން ކަމެކޭ. އެހެންނަމަތާ މިކަން މިއީ ހުއްދަ ކަމެއްކަމަށް ޕްރޫޕް ކޮށްދޭން ޖެހޭނީ.
    އެންމެންވެސް ބުނަނީ މޮޅުއިތުރު ގޮތަކީ ފަރްޟު ރޯދަތައް ޤަޟާ ކުރުމަށްފަހު ސުންނަތް ރޯދަ ހިފުމޭ.
    މިތަނުގައި ހައްލު ކުރަންޖެހިފައި މިވަނީ ޝައްޥާލަ މަހިގެ 6 ރޯދަައިގެ "އަޖުރު ހާސިލްވާންއޮތް ގޮތަކާމެދު". (ﷲ އިރާދަކުރައވައިފިއްޔާ އެއިރާދަ ކުރެއވި މިންވަރަކަށް އެއިރާދަ ކުރެއްވި މީހަކަށް އެކަމުގެ އަޖުރު ދެއްވާނެ. މިއީ ވަކި ކަމެއް. އެއްވެސް މީހަކަށް އެނގޭ ކަމެއްނޫން.) ފަހުގެ ޢިލްމުވެރިންގެ ފަތުވާ އަކީ، ހަދީޘަށް ބުރަވެ "ޝައްޥަލަމަހުގެ 6 ރޯދާގައި ކަނޑައެލިފައި އެވާ އަޖުރު ފުރިހަމައަށް ހާސިލް ކުރެވޭނީ ހަދީޘްގައި އެބުނާ ގޮތަށް ޢަމަލް ކޮށްގެން"ނޭ! އެއީ ފަރްޟު ރޯދަތައް ޤަޟާ ކުރުމަށްފަހު އެ 6 ރޯދަ ހިފުމުންނޭ.
    މާނައަކީ މިނޫންގޮތަކަށް ރޯދަ ނުހިފޭނެއެކޭ ނޫން. މާނައަކީ މިނަުންގޮތަކަށް ރޯދަ ހިގައިގެން "އެ އަޖުރު ހާސިލް ނުވެދަނެ"އޭ.

    7
    2
  3. އަޙުމަދު

    ރައްކާތެރި ގޮތަކީ ގަޟާ ރޯދަ އިސްކުރުން. ސައްހަ ހަދީސް ތަކުން ވަރަށް ބޮޑަށް އެގޮތަށް ބުރަވެފައި ވަނިކޮށް އެގިހުރެ ގަޟާ ރޯދަ ސައްވާލް 6 ރޯދައިގެ ފަހުން ހިފަން ފަސްކުރުން ރަގަޅެއް ނޫން. ނަމަވެސް އެންމެ ރަގަޅު ގޮތް ނޭނގި ހިފިމީހާ އަށް ފުރިހަމަ އަޖުރު ލިބޭނެ އިރާދަފުޅުން.
    އައިޝާ ގެ ފާނު ގަޟާ ރޯދަ ސައުބާން މަހު ހިފީ. އެއީ ރަސޫލާ ސއވ ގެ މަކާނަތަށް ޓަކައި. އެކަން ހަދީތް ގައިވެސް ބަޔާންކޮށްފައިވޭ. ރަސޫލާ ސއވ އަށް ހިދުމަތް ކުރުމަކީ އުއްމަތަށް ހިދުމަތްކުރުން ކަމަށްވާތީ އެކަމަނާ އެކަމުގައި ދެމިހުންނެވުމުން.

    1
    1