ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ ވަރަށްވެސް މަތިވެރި ނިއުމަތެކެވެ. ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ އަގުހުރި ނިއުމަތަކަށް ވީހިނދު އެ ނިއުމަތް ލިބުމުން މަހުރޫމްވެފައިވާ ނުވަތަ ދަރިން ލިބުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާ އެތަށް ބައެއް އެބައުޅެއެވެ. ދަރިން ނުލިބުމަކީ ފަހަރުގައި ސިއްހީ މައްސަލައަކަށްވެސް ވެދާނެއެވެ. ނަމަވެސް ތިމަންނާއަށް ދަރިން ނުލިބޭނެއޭ ކިޔާ އުންމީދު ކަނޑާލުމަކީ މޮޔަ ކަމެކެވެ،

އެހެނީ އަޅުގަނޑުމެން އިންސާނުންނަށް ހުރިހާ ކަމެއްވެސް މިންވަރު ކުރައްވަނީ ކުޅަދުންވަންތަ މާތްﷲ ކަމަށްވާތީއެވެ. އެހެންކަމުން އަޅުގަނޑުމެން ކަމަކަށް ވާތްގަށް އެދެންވާނީވެސް އެއިލާހުގެ ކިބައިންނެވެ.

ދަރިން ނުލިބޭނަމަވެސް އެެންމެ މޮޅު އިތުރުވެގެންވަނީ ދަރިން ދެއްވުން އެދި މާތްﷲ ދުޢާ ދެންނެވުމެވެ. އެގޮތުން ދަރިން ނުލިބޭ ނަމަ ކުރުން މޮޅު އިތުރުވެގެންވާ ބައެއް ދުޢާތަށް ތިރީގައި އެވަނީއެވެ.

" اللهم ارزقني ذرية طيبة "

މާނައީ : " އޭ ﷲ އެވެ. މިއަޅާއަށް ރަގަޅު ދަރިފަސްކޮޅެއް ރިޒްޤު ކުރައްވާފާންދޭ"

ނުވަތަ "اللهم هب لي ذرية صالحة"

މާނައީ " އޭ ﷲ އެވެ. މިއަޅާއަށް ޞާލިޙް ދަރިފަސްކޮޅެއް ދެއްވާފާންދޭ!"

"رب لا تذرني فرداً وأنت خير الوارثين" (سورة الأنبياء : 89)

މާނައީ : "، އޭ މިއަޅާގެ ވެރިރައްބުވަންތަ އިލާހެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ." (ކީރިތި ޤުރުއާނުގައިވާ ވާރިދުވެފައިވާ ޒަކަރިޔާ عليه السلام ކުރެއްވި ދުޢާ)

ޖަވާބު ދެއްވީ : ފަޟީލަތުއްޝައިޚް ޢަބްދުﷲ ރަޝީދު