ޙައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާމީހާ އުމުރުން އެއްފަހަރު ޙައްޖުވުމަކީ ވާޖިބެކެވެ. މިއަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރަން އެތައް ބަޔަކު ނިއަތް ގަނެގެން އެބަތިއްބެވެ. ނަމަވެސް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ހައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

ތާރީޚަށް ބަލާއިރު އެކިފަހަރު ތަކުގެ މަތިން އެކި ސަބަބުތަކާއި ހުރެ 40 ފަހަރަކު ޙައްޖުގެ އަޅުކަންވަނީ މެދުކެނޑިފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން މެދުކެނޑިއްޖެ ކަމުގައިވާނަމަ މިކަންވެގެންދާނީ މިސިލްސިލާއަށް އިތުރުވެގެންދާ ބޮޅަކަށެވެ. މިލިޔުމުގައި މިބަލާލަނީ ޙައްޖުގެ އަޅުކަން މެދުކެނޑިގެންދިޔަ ބައެއް އަހަރުތަކަށާއި ޙައްޖުގެ އަޅުކަން މުދެކެނޑެން ދިމާވި ސަބަބުތަކަށެވެ.

865މ- އަރަފާތު ފަރުބަދައިގައި ހިނގާދިޔަ ޤަތުލްއާއްމު

އަރަފާތުގައި ހުންނަ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ (صلى الله عليه وسلم) ހައްޖަތުލްވަދާއުގައި ޚުތުބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތުބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަލު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ.

މީލާދިން 865 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ބަޤުދާދުގައި ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާއިދެމެދު އަރަފާތު ފަރުބަދައިގައި ހިނގާދިޔަ ޤަތުލްއާއްމުގައި ގިނަ އަދަދެއްގެ ޙައްޖުވެރިން ޤަތުލްވުމާއި ގުޅިގެން އެއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަނުކޮށް ވަނީ މެދުކަނޑާލާފައެވެ.

930މ- ޤަރްމަތީ ހަނގުރާމަވެރިންގެ ހަމަލާ

ޤަރްމާތީންނަކީ ޝިއައީންގެ ފިރުޤާއެއް ކަމުގައިވާ އިސްމާއިލީންނަށް ނިސްބަތްވާބައެކެވެ. ހިޖުރައިން 278 ވަނަ އަހަރު ކޫފާގެ ރައްޔިތެއް ކަމުގައިވާ ހަމްދާން، ނުވަތަ ޤަރްމާތާ އުފަންކުރި މިފިރުޤާގެ މީހުން ޤަބޫލުކުރާ ގޮތުގައި މުޙައްމަދު ބިން އަލްހަނަފިއާ ބިން އަލީ ބިން އަބީ ޠާލިބްއަކީ ރަސޫލެކެވެ. އަދި ޤުރުއާނުގެ ބައެއް އާޔަތްތައް މުޙައްމަދު ބިން އަލްހަނަފިއާއަށް ބާވަލެއްވިއެވެ. އަދި ނަމާދު ކުރުމުގައި ޤިބްލައަކީ މަސްޖިދުލް އަޤްޞާކަމާއި ނަމާދުކުރަންޖެހޭނީ ދުވާލަކު ދެފަހަރުކަމަށް މިމީހުން ޤަބޫލުކުރެއެވެ. އެމީހުންގެ ގަބޫލުކުރުންތަކުގެ ސަބަބުން އެހެން މުސްލިމުންނާއި، އެމީހުންނާއި ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތައް އައީ އުފެދެމުންނެވެ.

ބަހްރެއިންގައި ހުންނަ މިފިރުޤާގެ ކޮމާންޑަރު އަބޫ ޠާހިރު އަލްޖަނަބީ ހިޖުރައިން 318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ލަޝްކަރާއެކު މައްކާއަށް ދިޔައެވެ. އެލަޝްކަރު ޙައްޖު މަހުގެ 9 ވަނަ ދުވަހު މައްކާއަށް އަރައި ޙައްޖުވެރިން ޤަތުލުކޮށް މުޅި މައްކާ ލޫޓުވަން ފެށިއެވެ. އަބޫ ޠާހިރު ލަޝްކަރުން 30000 ޙައްޖުވެރިން ޤަތުލުކޮށް 11 ދުވަސްވަންދެން މައްކާ ލޫޓުވާފައިވާކަމަށް ލިޔުންތަކުގައި ވެއެވެ. ކައުބާގެ ސަރަޙައްދުގައި ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމްވަޅަށް އަޅަމުން ގެންދިޔަ ކަމަށް ތާރީޚް ފޮތްތަކުގައި ލިޔެވިފައިވެއެވެ.

އަބޫ ޠާހިރުގެ ލަޝްކަރުން މައްކާ ދޫކޮށްފައި ދަމުން ދިޔައީ ހަޖަރުލް އަސްވަދު ވަގަށް ނަގައިގެންނެވެ. ހަޖަރުލް އަސްވަދު އަނބުރާ މައްކާއަށް ގެނެސްފައިވަނީ އެއިގެ 22 އަހަރު ފަހުންނެވެ.

983މ- އައްބާސީންއާއި ފާޠިމީންގެ ސިޔާސީ ކޯޅުން

ގާތްގަނޑަކަށް 6 ގަރުނަށް ދެމިގެންދިޔަ ޢައްބާސީ ދައުލަތުން ކުރި ބާރުގަދަ ވެރިކަން ޒަމާންތަކާއި އެކު ބަލިކަށިވަމުން ގޮސް އެދައުލަތައް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި ސިޔާސީ ކޯޅުންތައް ހިމެނެއެވެ. އައްބާސީ ދައުލަތުގެ ތެރެއިން ވަކިން ކުދިކުދި ދައުލަތްތައް އުފެދިގެން ދިއުމުން އައްބާސީ ދައުލަތައް އެކަން ބޮޑު ގޮންޖެހުމަކަށް ވިއެވެ. މިގޮތައް އުފެދުނު އެއް ދައުލަތަކީ ފާޠިމީ ނުވަތަ ޢުބައިދީ ދައުލަތެވެ.

އެގޮތުން އިރާޤާއި ސޫރިޔާގައި އޮތް އައްބާސީ ދައުލަތާއި މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ ވެރިންގެ މެދުގައި ބައެއް ސަރަހައްދުތަކުގެ ސަރަހައްދީ ރޮނގާއި ގުޅޭގޮތުން އުފެދުނު ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން މީލާދީން 983 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާނުކުރެވި ޙައްޖުގެ އަޅުކަން މެދުކެނޑިފައި އަށް އަހަރު އޮތެވެ. އަށް އަހަރު ވަންދެން ޙައްޖުގެ އަޅުކަން މެދުކެނޑިފައި އޮތުމަށްފަހު ދެބައިމީހުންގެ މެދުގައި އެއްބަސްވުމަކަށް އާދެވި މުސްލިމުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އަލުން ލިބިގެން ދިޔައެވެ.

1831މ- ކޮލެރާގެ ބަލިމަޑުކަން

އިންޑިއާގެ ޖައިސޫރުގައި ފެތުރެން ފެށި ކޮލެރާގެ ބަލިމަޑުކަން މިލާދީން 1831 ވަނަ އަހަރު މައްކާއަށް ފޯރިއެވެ. އެއަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާގައި ތިބި ހަތަރުބައިކުޅަ ތިންބައި މީހުންވަނީ ކޮލެރާ ޖެހިގެން މަރުވެފައި ކަމަށް ބުނެއެވެ. އެހެންކަމުން އެއަހަރު ވެސް ހައްޖުގެ އަޅުކަން ކުރިއަކަށް ނުގެންދެވުނެވެ.

1837-1858 މ- ސިލްސިލާކޮށް ފެތުރުނު ބަލިމަޑުކަން

ސިލްސިލާކޮށް ފެތުރުނު ބަލިމަޑުކަންތަކުގެ ސަބަބުން މިވިއަހަރު ދުވަހުގެ ތެރެއިން ތިން ފަހަރެއްގެ މަތިން ހައްޖުގެ އަޅުކަން މެދުކަނޑާލާފައިވާއިރު ހަތްއަހަރަކުވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެހެން ސަރަހައްދުތަކުން މީހުން މައްކާއަށް ޖަމާވުން ހުއްޓުވާފައެވެ. އެގޮތުން މީލާދީން 1837 ވަނަ އަހަރު މައްކާގައި ފެތުރެންފެށި ބަލިމަޑުކަމާއި ގުޅިގެން 1840 ވަނަ އަހަރާއި ހަމައަށް ޙައްޖުގެ އަޅުކަން މެދުކަނޑާލާފައިވާއިރު 1846 ވަނަ އަހަރު މައްކާއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑު ކަމުގައި 15000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން 1858 ވަނަ އަހަރު ކޮލެރާ ފެތުރެން ފެށުމާއެކު އެއަހަރުގެ ހައްޖުގެ އަޅުކަމަށް މިޞްރުން އައި ހައްޖާޖީންވަނީ ރަތްކަނޑުގެ އައްސޭރީގައި ކަރަންޓީނުވެގެން ތިބެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން މިހާރު މައްކާ އޮތީ ފުރަބަންދު ކޮށްފައެވެ. ހާލަތު ބަދަލުވަމުންދާ ގޮތައް ބަލާއިރު މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ކުރިން ކަންތައްތައް ހަމައަކަށް އެޅި، ހައްޖު މޫސުން އަންނަން ވާއިރު އާއްމު ހާލަތަކަށް ރުޖޫޢަ ވުން އެއީ އަހަރެމެން އެންމެންގެ ވެސް ދުޢާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާށި

    އަދިވެސް ބޮޑާކަން ދޫކޮށްލާކަށް ނުވޭތަ؟

    26
    5
    • ނާށި

      ކަލޭ އެންމެ ފުރަތަމަ

      5
      10
      • ސުލްހަވެރިޔާ

        ފަ އިޓް ނުކުރަ އްވާ!

        13
    • ތުމްސޭ

      ބޮޑާ މީހުން ފެންނާނެ ހުރޭ ނިކަން..

      3
      1
  2. މީ

    އިންޝާﷲ

  3. ކަށި

    އަދިވެސް ނޭނގޭދޯ ރާކަނިމަސް ކެވިފަ ކަމެއް ތިޔަ ތިބީއަކީ؟