الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

އާދެ މުސްލިމުންގެ ހަތިޔާރަކީ ދުޢާކުރުމެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާކުރުމަކީ ﷲ ރުއްސަވާ ވޮޑިގެންވާ ސިފައެކެވެ. އަދި ހަމައެޔާއެކު ރޯދަމަހަކީ އަޅުގަނޑުމެން އެމަހެއްގައި ގިނަގިނައިން އަޅުކަންކޮށް ދުޢާކުރާ މައްސަރެކެވެ. އެހެންކަމުން އަޅުގަނޑުމެން ކުރާ ދުޢާ އަށްވާ ގޮތަކީ ކޮބައިތޯ އަޅުގަނޑުމެންނަށް އެނގެން އެބަޖެހެއެވެ. އެހެނީ ދުޢާކޮށްގެން ދުޢާ އިޖާބަ ނުވެގެން ބައެއް މީހުން ﷲއަށް އަޅުކަން ކުރުން ހުއްޓާލާފައިވެސް އެބަހުއްޓެވެ. އެހެންކަމުން އަޅުގަނޑުމެން ދުޢާކުރުމުން މެދުވެރިވާ ގޮތްތައް އެނގުން ވަރަށްވެސް މުހިންމެއެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްމަގެ ޙަދީޘް ބަސްފުޅުގެ އަލީގައި އަޅުގަނޑުމެންނަށް ދުޢާކުރުމުން މެދުވެރިވާ ގޮތްތައް ވަނީ ޚަބަރު ދެއްވާފައެވެ. އެގޮތުން އަންނަނިވި ގޮތްތައް މެދުވެރިވާނެކަމުގައި އެންމެ ބަސްފުޅު ތެދު ޞާޙިބާ ވަނީ ޚަބަރުދެއްވާފައެވެ.

ހ. ދުޢާ އިޖާބަކުރެއްވުން.

ށ. ނުވަތަ އާޚިރަތް ދުވަހުން އެފަދަ ކަމެއް(ނުވަތަ އެޔަށްވުރެ ރަނގަޅުކަމެއް ނުވަތަ އެކަމަށް ޘަވާބު ދެއްވުމަށް) ލަސްކުރެއްވުން.

ނ. އެދުޢާކުރިކަމާ އެއްވަރު ނުބައިކަންތައްތަކުގެ ތެރެއިން ކަމެއް އޭނާގެ ކިބައިން ފިއްލަވައި ދެއްވުން.

ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ وَإِمَّا أَنْ يَصْرِفَ عَنْهُ مِنْ السُّوءِ مِثْلَهَا) رواه أحمد في مسنده 11133 و صححه الترمذي والحاكم والألباني.

މާނައީ: "ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުން ނޫން ކަމަކަށް ދުޢާކޮށްފިނަމަ، އެދުޢާގެ މައްޗަށް ތިންކަމަކުން ކުރެކަމެއް އެމީހަކަށް ނުދެއްވާ ނުވެއެވެ. އެއީ އެމީހަކަށް އޭނާގެ ދުޢާ އިޖާބަކޮށްދެއްވުމެވެ. ނުވަތަ އާޚިރަތް ދުވަހުން އެފަދަ ކަމެއް(ނުވަތަ އެޔަށްވުރެ ރަނގަޅުކަމެއް ނުވަތަ އެކަމަށް ޘަވާބު ދެއްވުމަށް) ލަސްކުރެއްވުމެވެ. ނުވަތަ އެދުޢާކުރިކަމާ އެއްވަރު ނުބައިކަންތައްތަކުގެ ތެރެއިން ކަމެއް އޭނާގެ ކިބައިން ފިއްލަވައި ދެއްވުމެވެ."

ވީމާ އަޅުގަނޑުމެން ދުޢާކުރުމަށްފަހު ދުޢާ އަދި އިޖާބަ ނުވެގެން ލަސްވެގެން އުޅޭކަށް ނުޖެހެއެވެ. އަދި ﷲއާއި މެދު އުއްމީދުކަނޑާލާކަށްވެސް ނުޖެހެއެވެ. ތިބާއަށް އެންމެ މޮޅު ގޮތަކީ ކޮބައިކަން އެއިލާހު ތަޢާލާ މޮޅަށް ދެނެވޮޑިގަންނަވައެވެ. އެހެންކަމުން ދުޢާކުރުމުގައި އުއްމީދުކަނޑާނުލާ ކުރިޔަށް ވަޑައިގަންނަވާށެވެ. އަދި އަބާއްޖަވެރިންގެ މަގު ނުހިފާށެވެ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.