الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

ދުޢާ އިޖާބަ ކުރެއްވޭ ބައެއް ވަޤުތުތައް ވާނީ ކުރިން ބަޔާންކުރެވިފައިވެއެވެ. އޭގެ ތެރޭގައި ބަންގިއާއި ޤަމަތާއި ދެމެދު އަދި ސަޖިދައިގައި އަދި ރޭގަނޑުގެ ހާރުދަން ވަޤުތު ހިމެނެއެވެ. ތިރީގައި އެވަނީ އޭގެ އިތުރުން ދުޢާ އިޖާބަ ކުރެއްވޭ ކަމަށް ބަޔާންވެފައިވާ ބައެއް ވަޤުތުތަކެވެ.

ހ. ފަރުޟު ނަމާދުގެ ސަލާމްދިނުމުގެ ކުރިން ކުރާ ދުޢާ.

(قِيلَ يَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّ الدُّعَاءِ أَسْمَعُ قَالَ جَوْفَ اللَّيْلِ الْآخِرِ وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ) رواه الترمذي في سننه و صححه الألباني.

މާނައީ: "ސުވާލުކުރެވުނެވެ.. އޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އިޖާބަވުން އެންމެ ގާތް ދުޢާއަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރޭގަނޑުގެ ފަހުބައިގައި (ކުރާ ދުޢާޔާ) އަދި ފަރުޟު ނަމާދުގެ ފަހުން (ސަލާމްދިނުމުގެ ކުރިން) ކުރާ ދުޢާއެވެ."

ށ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަޤުތު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(فِيهِ سَاعَةٌ لَا يُوَافِقُهَا عَبْدٌ مُسْلِمٌ وَهُوَ قَائِمٌ يُصَلِّي يَسْأَلُ اللَّهَ تَعَالَى شَيْئًا إِلَّا أَعْطَاهُ إِيَّاهُ) رواه البخاري في صحيحه: 893.

މާނައީ: "(ހުކުރު ދުވަހުގައި) ވަޤުތެއްވެއެވެ. މުސްލިމު އަޅާ ޤާއިމުވެ ހުރެ ﷲތަޢާލާއަށް ދުޢާކުރަމުން ދަންނަވައިފިނަމަ، އަދި އެވަޤުތާ ދިމާވެއްޖެނަމަ އެމީހަކަށް އެކަން ނުދެއްވާ ނުދެއެވެ."

ނ. ވާރެ ވެހޭ ހިނދު.

ރ. ބަންގިގޮވާ ހިނދު.

ބ. ހަނގުރާމައިގެ ދެލަޝްކަރު ބައްދަލުވާ ހިނދު.

ދަލީލަކީ އަންނަނިވި ދެޙަދީޘެވެ.

(ثِنْتَانِ لَا تُرَدَّانِ، أَوْ قَلَّمَا تُرَدَّانِ الدُّعَاءُ عِنْدَ النِّدَاءِ، وَعِنْدَ الْبَأْسِ حِينَ يُلْحِمُ بَعْضُهُمْ بَعْضًا) رواه أبو داود في سننه (2540) و صححه الألباني.

މާނައީ: "ދެދުޢާއެއް ރައްދުނުކުރެވޭނެއެވެ. ނުވަތަ ރައްދުކުރެވޭލެއް މަދުވާނެއެވެ. އެއީ ބަންގިގޮވާ ވަޤުތުކުރާ ދުޢާޔާ، އަދި ހަނގުރާމައިގެ ވަޤުތުގައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކުރާއިރު(ބައްދަލުވާހިނދު) ކުރާ ދުޢާއެވެ."

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. (ثِنْتَانِ مَا تَرُدَّانِ: الدُّعَاءُ عِنْدَ النِّدَاءِ وَتَحْتَ المَطَرِ) (صحيح جامع الصغير (3078) حسنه الألباني.)

މާނައީ: "ދެ ދުޢާއެއް ރައްދުނުކުރެވޭނެއެވެ. ބަންގި ގޮވާއިރު ކުރާ ދުޢާޔާ، އަދި ވާރެވެހޭއިރު ކުރާ ދުޢާއެވެ."

ދުޢާއަކީ ގިނަގިނައިން ދުޢާކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އާމީން.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.