ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމަށް ޙައްދެއްނުވެއެވެ. އަދި އެކަން ތަޞައްވުރުކުރެއްވުމެއްވެސް ނުވެއެވެ. އަދި ކޮންމެ އެއްޗަކީވެސް އެއިލާހުގެ ރަސްކަމުގެ ދަށުގައި އެއިލާހުގެ މިލްކުވެރިކަމުގައި އެއިލާހުގެ ބެއްލެވުމުގެ ދަށުގައިވާ ތަކެއްޗެކެވެ. އެހުރިހާ ތަކެއްޗެއް އުފައްދަވައި ރިޒުޤުދެއްވައި ތަދުބީރުކުރައްވައި އެއިލާހު ސުބުޙާނަހޫ ވަނީ އެހުރިހާ ތަކެއްޗެއްގެ މައްޗަށް ފުދިވޮޑިގެން ތަނަވަސްވެވޮޑިގެންނެވެ. ފާފަކުރާ މީހެއްގެ ފާފައަކުން އެއިލާހަކަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ. އަދި މީހަކު އެއިލާހަށް ކިޔަމަންވެ ބޯލެނބުމުން އެއިލާހަށް ލިބޭ ފައިދާއެއް ނުވާނެއެވެ. ނަމަވެސް އެބައިމީހުންނަށް ނަހީކުރެއްވި އަދި އަމުރުވެވިގެންވަނީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތަށްޓަކައެވެ.

(عَنْ أَبِي ذَرٍّ الْغِفَارِيِّ رَضِيَ اللهُ عَنْهُ عَنْ النَّبِيِّ صلى الله عليه و سلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، أَنَّهُ قَالَ: "يَا عِبَادِي: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي، وَجَعَلْته بَيْنَكُمْ مُحَرَّمًا؛ فَلَا تَظَالَمُوا. يَا عِبَادِي! كُلُّكُمْ ضَالٌّ إلَّا مَنْ هَدَيْته، فَاسْتَهْدُونِي أَهْدِكُمْ. يَا عِبَادِي! كُلُّكُمْ جَائِعٌ إلَّا مَنْ أَطْعَمْته، فَاسْتَطْعِمُونِي أُطْعِمْكُمْ. يَا عِبَادِي! كُلُّكُمْ عَارٍ إلَّا مَنْ كَسَوْته، فَاسْتَكْسُونِي أَكْسُكُمْ. يَا عِبَادِي! إنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا؛ فَاسْتَغْفِرُونِي أَغْفِرْ لَكُمْ. يَا عِبَادِي! إنَّكُمْ لَنْ تَبْلُغُوا ضُرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْت كُلَّ وَاحِدٍ مَسْأَلَته، مَا نَقَصَ ذَلِكَ مِمَّا عِنْدِي إلَّا كَمَا يَنْقُصُ الْمِخْيَطُ إذَا أُدْخِلَ الْبَحْرَ. يَا عِبَادِي! إنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا؛ فَمَنْ وَجَدَ خَيْرًا فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَن إلَّا نَفْسَهُ) رَوَاهُ مُسْلِمٌ في صحيحه (2577)

އަބޫ ޛައްރު އަލްޣިފާރީ ރަޟިޔަﷲ ޢަންހު ރިވާކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ވެރިރައްބު ތަބާރަކަ ވަތަޢާލާގެ ކިބައިން ރިވާކުރައްވަމުން ޙަދީޘްކުރައްވާފައިވާ ޙަދީޘްބަސްފުޅުގައި ވެއެވެ. " ﷲ ސުބުޙާނަހޫ ވަތަޢާލާ ބަސްވަޙީކުރެއްވިއެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ތިމަންއިލާހުގެ ނަފުސުގެ މައްޗަށް އަނިޔާވެރިވުން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެއީ ހަރާމްކަމެއްކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ އެހެންކަމުން ތިޔަބައިމީހުންގެ ތެރޭގައި އަނިޔާވެރިނުވާހުށިކަމެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ތިޔަބައިމީހުންގެ އެންމެންވަނީ މަގުގެއްލިގެންވާ ހާލުގައެވެ. ތިމަންއިލާހު މަގުދައްކަވައިފި ފަރާތެއްމެނުވީއެވެ. ތިމަންއިލާހުގެ(ހަމައެކަނި) ޙަޟްރަތުން ތެދުމަގު ދެއްކެވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ތެދުމަގުދައްކަވާހުށީމެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ތިޔަބައިމީހުންގެ އެންމެންވަނީ ބަނޑުހައިވެގެންވާ ހާލުގައެވެ. ތިމަންއިލާހު ކާންދެއްވި ފަރާތެއްމެނުވީއެވެ. އަދި ކެއުންދެއްވުމަށް ތިމަންއިލާހުގެ ޙަޟްރަތުން އެދޭހުށިކަމެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ. (ރިޒުޤުދެއްވާހުށީމެވެ.) އޭ ތިމަންއިލާހުގެ އަޅާއެވެ. ތިޔަބައިމީހުންގެ އެންމެންވަނީ އޮރިޔާންހާލުގައެވެ. ތިމަންއިލާހު އޮރިޔާންނިވައިކޮށްދެއްވި ފަރާތެއް މެނުވީއެވެ. ފޭރާންދެއްވުމަށް ތިމަންއިލާހަށް ދަންނަވާށެވެ. އޭރުން ތިޔަބައިމީހުންނަށް ނިވައިވާނޭގޮތް ދެއްވާހުށީމެވެ. އޭ ތިމަންއިލާހުގެ އަޅުތަކުންނެވެ. ތިޔަބައިމީހުން ރެޔާއި ދުވާލު ގޯސްކޮށް ކަންތައްތައް ކުރެވެއެވެ. އަދި ތިމަންއިލާހީ ތިޔަބައިމީހުންގެ ހުރިހާ ފާފަތަކެއް އެއްކޮށް ފުއްސަވައިދެއްވާ އިލާހެވެ. ފަހެ ތިމަންއިލާހަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާހުށީމެވެ.

އޭ ތިމަންއިލާހުގެ އަޅާއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިމަންއިލާހަށް ގެއްލުމެއް ފޯރުކޮށެއްނުދެވޭނެއެވެ. އަދި ގެއްލުމެއް ނުވެސް ދެވޭނެމެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަންއިލާހަށް ފައިދާއެއް ފޯރުކޮށެއްނުދެވޭނެއެވެ. އަދި ފައިދާއެއް ނުވެސް ކޮށްދެވޭނެމެއެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފުރަތަމަ މީހާޔާއި ފަހުމީހާޔާއި ތިޔަބައިމީހުންގެ ތެރެއިންވާ އިންސާނުންނާއި ޖިންނީން އެންމެން ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ޞާލިޙު ތަޤުވާވެރިވާ މީހެއްގެ ހިތުގައި އެއްވިނަމަވެސް ތިމަންއިލާހުގެ ރަސްކަމަށް އެއްވެސް އެއްޗެއް އިތުރުނުވާހުއްޓެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފުރަތަމަ މީހާޔާއި ފަހުމީހާޔާއި ތިޔަބައިމީހުންގެ ތެރެއިންވާ އިންސާނުންނާއި ޖިންނީން އެންމެން ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ނުބައިނުލަފާ ފާޖިރުގެ ހިތުގައި އެއްވިނަމަވެސް، ތިމަންއިލާހުގެ ރަސްކަމުން އެއްވެސް އެއްޗެއް އުނިނުވާހުއްޓެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފުރަތަމަ މީހާޔާއި ފަހުމީހާޔާއި ތިޔަބައިމީހުންގެ ތެރެއިންވާ އިންސާނުންނާއި ޖިންނީން އެންމެން އެކައްޗެއްކިޔައި ތިމަންއިލާހުކުރެން ދަންނަވައިފިނަމަ އެމީހަކު އެދުނު ކަމެއް އެމީހަކަށް ދެއްވާހުށީމެވެ. ފަހެ އޭރުންވެސް ކަނޑަށް ތިނޯހެއް ކޮއްޕާލުމުން އުނިވާފަދައިން މެނުވީ އެއްވެސް އެއްޗެއް ތިމަންއިލާހުގެ ހަޟްރަތުން އުނިވެގެންނުދާނެއެވެ. އޭ ތިމަންއިލާހުގެ އަޅާއެވެ. ތިބާގެ އަމަލުތައް މެނުވީ ތިމަންއިލާހު ޙިސާބުނުކުރައްވަމެވެ. އަދި އެޔަށްފަހު އެމީހަކަށް ޖަޒާދެއްވޭނީ(ބަދަލުދެއްވޭނީ) އެކަމުގެ މައްޗަށެވެ. ފަހެ އެމީހަކަށް އެކަން ހެޔޮގޮތުގައި ފެނިއްޖެމީހާ ފަހެ ﷲއަށް ޙަމްދުކުރާހުށިކަމެވެ. ފަހެ އެނޫންފަދައަކުން ފެނުންމީހާ އޭނާގެ އަމިއްލަ ނަފުސުމެނުވީ އެކަމުގައި ކުށްވެރިވެގެންނުވެއެވެ."

ފައިދާތައް.

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި ބޮޑުކަމާއި އަދި އެއިލާހުގެ ރަސްކަމުގެ ތަނަވަސްކަން.

ށ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޤުދުރަތުގެ މަތިވެރިކަމާއި އަދި އެއިލާހުގެ ބާރުގަދަކަމާއި އެއިލާހު އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ފުދިވޮޑިގެންވާކަން.

ނ. އަދި އެއިލާހުގެ އަޅުތަކުން ބޭނުންތަކަށާއި، ރިޒުޤަށާއި ފާފަ ފުއްސެވުމަށާއި ހިދާޔަތަށް އެއިލާހަށް ބޭނުންޖެހިފައިވާލެއް ބޮޑުކަން.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަބާވާ ޞާލިޙުމީހުން ކަމުގައި ލައްވައި ހިދާޔަތައި ފާފަފުއްސެވުމާއި ހުރިހާ ރަޙުމަތެއް ލިބޭ މީސްތަކުން ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

وصلى الله وسلم على نبينا محمد و آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާން

    ވަރަށް ފުރިހަމަ ލިޔުމެއް.... Alhamdhulilahi