الحمد لله رب العالمين. الصلاة والسلام على نبينا محمد و آله و صحبه. أما بعد:

ރޯދަމަސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. އެގޮތުން އެމަހުގެ ސަވާބު ހޯދުމަށް އަޅުގަނޑުމެން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ހިތާމަޔަކީ ޢާންމުގޮތެއްގައި އަޅުގަނޑުމެން އެމަހުގައި އެތައްބޭކާރުކަންތައްތަކެއް ކުރެވި އެމަހުގެ ހެޔޮކަން ނަގާލެވޭތީއެވެ. އެގޮތުން ކާތަކެތިން އިސްރާފުކުރުމާއި ކުޅިވަރުގައި ހައްދުފަހައެޅުން މިފަދަ ކަންކަން ހިމެނެއެވެ. މިއީ އެއްވެސް ޙާލެއްގައި މިކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. އަދި މިއީ އެކަންކަމުން ދުރުވުން އެންމެ އެކަށީގެންވާ މައްސަރެވެ.

އަދި މިމަހަކީ ބައެއް ފަރާތްތަކުން މާއްދީ ގޮތުން މިމަހުގެ މަތިވެރި ހެޔޮކަން ލިބުނަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރާ މަހެކެވެ. އެކަންކަމުން ދުރުވެވޭނީ އެކަންކަންވެސް އެނގިގެންނެވެ. އެހެންކަމުން އެކަންކަމުން ދުރުވާންވެސް އެބަޖެހެއެވެ. ޙަޤީޤަތުގައި ރޯދަމަހަށް ތައްޔާރުވާން ބޭނުންޖެހިފައި މިވަނީ ރޫޙާނީ ތައްޔާރުވުމެކެވެ. އަޅުކަމުގެ ތައްޔާރުވުމެކެވެ. އެގޮތުން އަންނަނިވި ބައެއްކަންކަން ރޯދަމަހުގެ ސަވާބު ލިޔުމަށްޓަކައި ގަދައަޅައި ކުރެވިދާނެއެވެ.

ހ. ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ.

އެގޮތުން ގިނަގިނައިން ޤުރުއާން ކިޔެވުން. ގިނަގިނައިން ޤުރުއާން ކިޔެވުމަށްޓަކައި ޚާއްޞަ މުޞްޙަފެއް ބޭއްވިދާނެއެވެ. އަބަދުވެސް ރޯދަމަހު ކިޔަވާ މުޞްޙަފަކީ އެއީ ކަމުގައި ހެދުމުން ފަސޭހަވާނެއެވެ. ނުވަތަ ފޯނުން ރަނގަޅު ޤުރުއާން އެޕްލިކޭޝަނެއްވެސް އެޅިދާނެއެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުން ޤުރުއާނުގެ ވަކި މިންވަރެއް ކިޔާލެވިދާނެއެވެ. ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވުނު މަހެވެ. އެހެންކަމުން ޤުރުއާން ކިޔެވުން ގިނަކޮށް އެފޮތުގެ އާޔަތްތަކުގެ މާނަތަކާއި މެދު ވިސްނައި ފިކުރު ކުރުމަށްވެސް މިއީ އެންމެ މޮޅުވެގެންވާ އެއްދުވަސްވަރެވެ. ބައެއް މީހުން ހަމައެކަނި ޤުރުއާން ކިޔެވުން ގިނަކުރެއެވެ. ނަމަވެސް އެފޮތުގައި ބުނާ އެއްޗަކާއި މެދު ވިސްނައި އެފޮތުގެ އާޔަތްތަކަށް ޢަމަލުކުރަން ފަށަންވެސް ޖެހެއެވެ. އެހެނީ އެފޮތުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ އެފޮތަށް ޢަމަލުކޮށްގެން ކަމުގައި ވާތީއެވެ. އެފޮތް ގިނައިން ކިޔެވުމުން ސަވާބު ލިބޭ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް އެފޮތް ހަމައެކަނި އަކުރުތައް ކިޔަވާލާފައި އެފޮތަށް ޢަމަލުނުކުރަންޏާ ޙަޤީޤީ ފައިދާއެއް ޙާޞިލުނުވާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެފޮތުގައި އަންގަވާފައިވާ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބަން ފަށާ މަހަކަށް މިމަސް ހަދަމާތޯއެވެ؟

ށ. ރޯދައިގެ ޙުކުމްތައް ލިޔެވިފައިވާ ފޮތްތަކާއި އަދި އާރޓިކަލްތައް ކިޔާލައި ރޯދަމަހު އަޅުކަން ރަނގަޅު ގޮތުގައި ކުރެވޭނެ ގޮތްތައް ދަސްކުރުން. އެގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ކިޔައި ހެދިދާނެއެވެ. އަދި އުފެދޭ ސުވާލުތައް ޢިލްމުވެރިން ކައިރިން އަހާ ހެދިދާނެއެވެ.

ނ. ރޯދަމަހު ވަރަށް ގިނަމީހުން ހީކުރަނީ ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުންކަމުގައެވެ. ނަމަވެސް އެއީ ނުކައިނުބޮއި ހުރުމާއި އެކު ޝަހުވަތްތަކުން ދުރުވެ ހުރުމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެން ރޯދަހިފަނީ ނުކައި ނުބޮއި ހުރެގެންކަމުގައިވާތީއެވެ. އެހެން ހުރިހާ ޝަހުވަތްތަކުން އަޅުގަނޑުމެން ރޯދައެއް ނުހިފައެވެ. ރޯދައިގެ ޢަރަބި ލަފުޒުގެ (ޞައުމުގެ) މާނައަކީ ދުރުވެހުރުމެވެ. އަޅުގަނޑުމެން ޝަހުވަތްތަކުން ދުރުނުވާނަމަ ރޯދައިގެ މާނަ ގެއްލިގެން ދަނީއެވެ.

އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ) رواه البخاري في صحيحه: 1804.

މާނައީ: "ދޮގުހެދުމާއި(ބުހުތާނާއި އަދި ނުބައި ބާޠިލުބަސްތައް ބުނުމާއި) އަދި ފާޙިޝްކަންކަން ކުރުން ދޫނުކުރާނަމަ، ﷲއަށް އެމީހެއްގެ (ރޯދައިން) ނުކައިނުބޮއެ ހުރުމުގެ އެއްވެސް ޙާޖަތެއްނުވެއެވެ."

ޙަދީޘްގައި އެބުނަނީ ނުކައި ނުބޮއި ހުރުމުން ރޯދަހިފުން ޙާޞިލުނުވާ ކަމެވެ. އެހެނީ ޢަމަލު ޤަބޫލުނުވުން އެކަމުގެ މައްޗަށް ޙާޞިލުވެދާނެ ވާހަކައެވެ. އެއީ ކެއުންބުއިން ދޫކުރުމާއި އެކު ހުރިހާ ބާވަތެއްގެ ފާޙިޝް ޢަމަލެއް ދޫކޮށްފުމަށް ދާންދެނެއެވެ. އެހެންކަމުން ރޯދަ ހިފުމަށް ރައްކާތެރިވާން ޖެހެއެވެ. ރޯދަ ފުރިހަމަ ގޮތުގައި ހިފިޔަނުދޭން މަސައްކަތްކުރާ މީސްތަކުންގެ ކިބައިން ރައްކާތެރިވާން ޖެހެއެވެ. އެހެންކަމުން ފާޙިޝްކަންކަން ދެނެގަތުމަކީ މުހިންމުކަމެކެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީ ފާޙިޝްކަންކަމަކީ ކޮބައިކަން ދެނެގަނެ ކެއިންބުއިމުން ދުރުވާހެން އެކަންކަމުންވެސް ދުރުވެގެންނެވެ.

ރ. ނަމާދަށް ރައްކާތެރިވުން.

ވަރަށް ގިނަމީސްތަކުން ރޯދަމަހުގައި ނަމާދު ނުކޮށް ކެއިން ބުއިމުން ދުރުވެހުރެއެވެ. އެހެނީ ނަމާދުނުކޮށް ކުރާ އެއްވެސް އަޅުކަމެއް ޤަބޫލުވެވިގެންނުވެއެވެ. އެހެންކަމުން ނަމާދަށް ރައްކާތެރިވާން ޖެހެއެވެ. އަދި ބައެއް މީހުން ރޯދަ މަހު ނަމާދުކޮށްފައި އެހެން މަސްތަކުގައި އެކަން ދޫކޮށްލައެވެ. އެހެނީ ނަމާދު ނުކުރުމަކީ ކުރިން ކުރި ޢަމަލުތައް ބާޠިލުވެގެންދާނެކަމެކެވެ. ރޯދަމަހު ކުޅަހައި ހެޔޮކަން ނަގާނުލައްވާށެވެ. ސަލަފުންގެ ބޭކަލުން ވިދާޅުވާގޮތުގައި ހެޔޮ ޢަމަލެއް ﷲގެ ޙަޟްރަތުން ޤަބޫލުވިކަމުގެ ޢަލާމަތްތަކުގެ ތެރޭގައި ހެޔޮކަން މަތީގައި ދެމިހުރުން ހިމެނެއެވެ.

އަދި ވަރަށް ގިނަ ބޭފުޅުންނަށް ނަމާދުގައި ކިޔާތަކެތި ފުރިހަމައަށް ކިޔަން ނޭނގުމަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ރޯދައަށް ތައްޔާރުވުމަށްޓަކައި އަދި އެމަހުގެ ސަވާބު ލިބުމަށްޓަކައި ނަމާދުގައި ކިޔާތަކެތިވެސް ރަނގަޅަށް ދަސްކުރައްވައި ދުޢާތައް ދަސްކޮށް ހަދަންޖެހެއެވެ.

ބ. ބައެއް ފަރާތްތަކުން ރޯދަމަހުގައި އިތުރަށް ކާތަކެތި ޖަމާކޮށް ރޯދަމަހު އިސްރާފުގެ މަހަކަށް ވެފައި އޮންނަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން މިފަހަރަކީ އެކަން ބަދަލުކޮށްލާ މަހަކަށް ހަދަމާތޯއެވެ؟ އިސްރާފުކުރުމަކީ ޙަރާމްކަމެކެވެ. އަދި ﷲ ނުރުއްސަވާ ސިފައެކެވެ. ރޯދަމަހަކީ މިކަމުގައި އާއުސްމިންތަކަކަށް ދަތުރުކުރާ މަހަކަށް ނުހަދައި މިފަދަ ކަންކަމުން ދުރުވަމާތޯއެވެ.

ޅ. އިޢުތިކާފަށް ތިބުން. މިއީ ރޯދަމަހު ފަހުކޮޅުގައި ކުރުން ޝަރުޢުވެފައިވާ އަޅުކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް މިކަން ކުރަންވެސް ނޭނގެއެވެ. އެއީ ކޮންކަމެއްކަންވެސް ނޭނގެއެވެ. އަޅުގަނޑުމެންނަށް އެނގެނީ ރޯދަމަހުގެ މުބާރާތްތަކާއި އެކިއެކި ރޭސްތަކެވެ. އެހެންކަމުން މިފަހަރު ރޯދަމަހު ބަދަލުކޮށްލާ ކަންކަމުގެ ތެރެއަށް މިކަންވެސް ހަމަޖައްސާލުން ކިހިނެއްވާނެތޯއެވެ؟

ވީމާ ދުޢާއަކީ އެންމެ ފުރިހަމަ ގޮތުގައި ރޯދަ ހިފާ މީހުންކަމުގައި ލައްވައި ހެޔޮކަމުގެ މައްސަރު ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. ނަސީބުވެރިންނަކީ ނަސީބުގެ ފުރުސަތުތައް ލިބިގަންނަ ބަޔަކީ ރޯދަމަހުގެ ﷲގެ މަސް އިހުޔާކޮށް އެމަހުގެ ސަވާބު ލިބިގަންނަ މީސްތަކުންނެވެ. ލައިލަތުލްޤަދުރި ވިލޭރޭ ލިބިގަންނަ މީސްތަކުންނެވެ. އެއްވެސް ޙާލެއްގައި ޖުވާކުޅޭ އުސޫލުތަކުގެ މައްޗަށް ބާއްވާ މުބާރާތްތަކުގައި ބައިވެރިވެގެން ލިބޭ އިނާމަކީ ނަސީބެއްނޫނެވެ. އެއީ ބަދުނަސީބެކެވެ. އެފަދަ ފާޙިޝް ހުރިހާ ކަންކަމުން ދުރުވުމަށް ނަޞީޙަތްތެރިވަމެވެ. އެފަދަ ކަންކަމުން ދުރުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިމަހުގައި ދެއްވާށިއެވެ. އާމީން.

وصلى الله وسلم على محمد و آله صحبه أجمعين. آمين.