(ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލެވި ތައްޔާރުކުރެވޭ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ.)

އެއްދުވަހަކު ބޭފުޅަކު އަޅުގަނޑާ ސުވާލުކުރިއެވެ. މައިންބަފައިންނާއި ވާހަކަ ނުދައްކާ ދަރިއަކަށް އުޅެވިދާނެ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. އެކޮޅުން ބުންޏެވެ. އެމީހުން ތިމަންގެ ކައިވެނި ރޫޅަން ސިޙުރު ހެދިޔަސް ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ! އޭނާ ޙައިރާންވިއެވެ. ވިދާޅުވިއެވެ. ބަލަ އެވަރުގެ ބޮޑުކަމެއް ކުރީމަވެސް ހަމަ ގުޅުން ބާއްވަން ޖެހޭ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ! އެއީ ކާފަރުން ކަމަށް ވިޔަސް، މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ދަރިންގެ މައްޗަށް ލާޒިމްކަމެކެވެ. މައިންބަފައިން ގޯސްވެއްޖެނަމަ، އެދެމީހުންނަށް އަދަބް ދޭނީކީ ދަރިންނެއް ނޫނެވެ. އަދި ކިއެއްތަ؟ އަދަބް ދެއްވާނީ ﷲ ތަޢާލާއެވެ! އެދެމީހުންގެ މަތިން އެކަލާނގެ ވޮޑިގެންވެއެވެ. ބައްލަވާ ވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ.

ދަންނާށެވެ! ތިމާގެ މައިމީހާއާއި، ބަފައިމީހާއަކީ ތިމާ ދުނިޔެއަށް އައުމަށް މާތް ﷲ ލެއްވެވި ސަބަބެވެ. ތިމާއަށް ކިތަންމެ މަތީ މަޤާމެއް ލިބުނަސް، ނުވަތަ ތިމާ ކިތަންމެ މުއްސަންދިވިޔަސް ތިމާވާނީ ހަމަ އެދެމީހުންގެ ދަރިއަކަށެވެ! ބަނޑުއަޅައިވިހޭ މައިމީހާ ވާނީ ހަމަ މައިމީހާއަށެވެ! ބަފައިމީހާވާނީ ބަފައިމީހާއަށެވެ! އެދެމީހުންގެ މައްޗަކަށް ތިބާއަކަށް ނުދެވޭހުއްޓެވެ!

މައިންބަފައިންގެ އަމުރަށް ބޯލެނބުމީ ވާޖިބެކެވެ. ހުރިހާ ކަމެއްގައެވެ. ﷲ ތަޢާލާ މަނާކުރެއްވި ކަމެއްގައި މެނުވީއެވެ. މިހެންވެ، މައިންބަފައިން ބުނެގެންވިޔަސް މީހަކަށް އަނިޔާވެރިވުމެއް ނެތެވެ. ނުވަތަ އެހެންވެސް ﷲ ތަޢާލާ މަނާކުރެއްވެވި ކަމެއް ކުރުމެއް ނެތެވެ. ތިމާގެ ފަރާތުން އެދެމީހުން، ދީނުގައި މަނާކަމެއް ކުރުމަށް އެދޭނަމަ، އެދެމީހުންނަށް ހެޔޮކޮށްހިތައި، ރިވެތި ގޮތުގައި، މަޑުމޮޅިކަމާއި، ހިތްތިރިކަމާއެކު ނަޞޭޙަތް ދޭށެވެ! ތިބާގެ ވާޖިބު އަދާވީއެވެ!

ނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިޙަޤީޤަތް ހަނދާންނައްތާލެވެއެވެ. އަދި އެދެމީހުން މުސްކުޅިވާ ދުވަހު ހަޅޭއްލަވާ، އެއްޗެތި ކިޔެއެވެ. އެއީ ނުރުހުމުގެ ގޮތުން ޗުއްޕުވެސް ބުނުން މަނާކުރައްވާފައިވީއިރުވެސް ކަންހިނގާގޮތެވެ. އަޖާޢިބެއް ނުވާނެ ހެއްޔެވެ؟ އަދި އެވެސް ނުޙައްޤުންނެވެ. ހިތަށް އަރައެވެ! ލަދުގެ ކަންފުޅެއްވެސް ނެތީބާއެވެ؟

މިހެންވެ ދަރިންނަށް ބުނެލަމެވެ! މައިންބަފައިންނަށް އެއްޗެތި ކިޔޭނޭ އެއްވެސް ޙާލަތެއް ދަރިޔަކަށް ނާންނާނެއެވެ. އަދި އައިސްގެންވެސް ނުވާނެއެވެ. އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ! ވަކިން ޚާއްޞަކޮށް އެދެމީހުންގެ މުސްކުޅި ދުވަހުއެެވެ. އަދި އެދެމީހުން ކިތަންމެ ގޯސްކޮށް ތިބާއާއި މެދު ކަންތައް ކުރިކަމަށް ވިޔަސް ތިބާގެ ފުށުން ހެޔޮކަމެއް މެނުވީ އެދެމީހުންނަށް ނުދައްކާށެވެ! އެންމެންގެ މަތިން ﷲ ވޮޑިގެންވެއެވެ!