"(އީމާންކަމުގެ ރުކުންތަކުގެ ތެރެއިން) ހަތަރުވަނައީ: ރަސޫލުބޭކަލުންނަށް އީމާންވުން.

ރަސޫލު ބޭކަލުންނަކީ ކޮންބައެއް؟ އެބައިމީހުންނަކީ ﷲ ހޮއްވަވާ އިޚުތިޔާރުކުރައްވާފައިވާ ބޭކަލުންތަކެކެވެ. އެއީ ﷲގެ ފަރާތުން މީސްތަކުންނަށް ﷲގެ ޝަރުޢު ފޯރުކޮށްދިނުމާއި އަދި އެބޭކަލުން ﷲތަޢާލާއަށް އަދާކުރަންޖެހޭ ކަންކަމާއި އަދިވެސް އެބޭކަލުންނަށް ވަޙީކުރައްވާ އަންގަވާފައިވާ އެނޫންކަންކަން ފޯރުކޮށްދީ އެއިލާހުގެ ފަރާތުން ފޯރުކޮށްދޭ ފަރާތްތަކެއްކަމުގައި ވެވަޑައިގަންނަވާ ބޭކަލުންތަކެކެވެ. އެންމެ ފުރަތަމަ ރަސޫލަކީ ނޫޙު ޢަލައިހިއްސަލާމެވެ. އަދި އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ) سورة الأحزاب: 40.

މާނައީ: " ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) اللَّه ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ."

އަދި ރަސޫލުބޭކަލުންނަކީވެސް އިންސާނުން މަޚުލޫޤުންތަކެކެވެ. އެބޭކަލުންނަށް އިލާހުވަންތަކަމާއި ރައްބުވަންތަކަން ފަދަ ޙާއްޞަ ޞިފަތަކުގެ ތެރޭން އެއްވެސް ކަމެއް ލިބިގެނެއްނުވެއެވެ. އެހެންކަމުން އެބައިމީހުންނާއި ބޮޑުކަމެއް ޖެހުމުން ދަންނަވާ ދުޢާކޮށް ނަޛުރު ބުނެ އަދި ޤުރުބާންކޮށް އަދިވެސް އަޅުކަންތަކުގެ ތެރޭން އެނޫންކަންކަން ކޮށްހެދުން ހުއްދަވެގެންނުވެއެވެ. އަދި ރަސޫލުބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް އެއްވެސް ބާވަތެއްގެ އަޅުކަމެއްކޮށްއުޅުން ހުއްދަވެގެންނުވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّـهُ، وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ، إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ) سورة الأعراف: 188.

މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފުސަށް މަންފާއެއް ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނަށް ނުޖެހުނީހެވެ. ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ."

ރަސޫލު ބޭކަލުންނަށް އީމާންވުމުގައި ހަތަރުކަމެއް ހިމެނެއެވެ.

ހ. އެބައިމީހުންގެ ރިސާލަތަކީ ﷲގެ ޙަޟްރަތުންވާ ޙައްޤެވެ. އެބައިމީހުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ރިސާލަތަށް ކުފުރުވާ މީހާ ހުރިހާ ބޭކަލުންގެ ރިސާލަތަށް ކާފަރުވެއްޖެއެވެ. ނަޞާރާއިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޮގުކޮށް ތަބާނުވުމުން އެބައިމީހުން ޢީސާ ޢަލައިހިއްސަލާމްވެސް ދޮގުކޮށްފިއެވެ. އަދި އެކަލޭގެފާނަށް ތަބާވާ ބައެއްކަމުގައިވެސް ނުވެއެވެ. ސަބަބަކީ އެބައިމީހުންނަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަބަރުދެއްވާފައިވުމެވެ.

ށ. ރަސޫލު ބޭކަލުންގެ ތެރެއިން ނަންފުޅު އެނގޭ ބޭކަލުންނަށް އީމާންވުން. މިސާލަކަށް މުޙައްމަދު އަދި އިބުރާހީމް އަދި ޢީސާ އަދި މޫސާ އަދި ނޫޙު އަދިވެސް ޤުރުއާނުގައި (ނުވަތަ ޙަދީޘުން ސާބިތުވާ) ނަންގަނެވިގެންވާ ބޭކަލުންނަށް އީމާންވުމެވެ. އެބޭކަލުންގެ ތެރެއިން ނަން ނޭނގޭ ބޭކަލުންނަށް އީމާންވުން ވަނީ އިޖުމާލީކޮށެވެ.

ނ. އެބައިމީހުންނާއި ގުޅޭގޮތުން އައިސްފައިވާ ޞައްޙަ ހުރިހާ ކަމެއް ތެދުކޮށް ޤަބޫލުކުރުން

ރ. އެބައިމީހުންގެ ތެރެއިން އަހަރެމެންގެ މައްޗަށް ފޮނުއްވިފައިވާ ރަސޫލާގެ ޝަރީޢަތަށް ޢަމަލުކުރުން. އެބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނަކީ ރަސޫލުކަން ޚަތިމުކުރައްވާފައިވާ ކަލޭގެފާނެވެ.

ރަސޫލުބޭކަލުންނަށް އީމާންވުމުގެ ފައިދާ

ހ. ﷲ ތަޢާލާ އެއިލާހުގެ ޚަލްޤުތަކުންނަށް ރަޙުމަތާއި އަޅާލެއްވުން ހުރި މިންވަރު އެނގުން. ސަބަބަކީ އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް އަދި އެއިލާހުގެ މަގުދެއްކެވުމަށް އެއިލާހުވަނީ ވަނީ ރަސޫލުން ފޮނުއްވާފައެވެ. އަދި އެބައިމީހުންނަށް ﷲއަށް އަޅުކަންކުރާނޭ ގޮތްވަނީ ބަޔާންކޮށްދެއްވާފައެވެ.

ށ. މިނިޢުމަތުގެ މައްޗަށް ﷲއަށް ޝުކުރުވެރިވުން.

ނ. ރަސޫލުބޭކަލުން ޢަލައިހިމިއް ޞަލާތް ވައްސަލާމް ގެ މައްޗަށް ލޯބިކުރުން. އަދި އެބޭކަލުން މަތިވެރިކޮށް އަދި ޙައްޤުގޮތުގައި ޘަނާ ރައްދުކުރުން.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓައްޕު

    ތިބާގެ ދަރިއަށް ވީހާވެސް ތުއްތުއިރު ރަސޫލުﷲގެފާނު ދެކެ ލޯބިވާން ދަސްކޮށްދޭށެވެ އިންސާނުންދެކެ ލޯބިވާން ބުނެދޭށެވެ އަމިއްލަ ދުޝްމަންގައިގާވެސް ރަހުމާ ލޯތްބާއެކު ފިރުމާލަން ފަރިތަކުރުވާށެވެ ތިބާއެދޭފަދަ ފުރިހަމަ ޒުވާނެއް އީޖާދު ކުރެވޭތޯ ﷲގެ ރަހުމަތާއެކީ ބަލާށެވެ ކާމިޔާބާ ނާކާމިބު މިނާ މިންގަނޑަކީ ފައިސާއެއް ނޫނެވެ ލޯތްބާ އިހްސާންތެރިކަމެވެ މިކަން ހާސިލް ކުރުމަށްޓަކައި ނަބިއްޔާ އާ އެކަލޭގެފާނުގެ އާއިލާދެކެ ލޯބިވާން ދަސްކޮށްދޭށެވެ އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރައްވާ ނަސްރުއްﷲ ސާރ އަށް ހިތުގެ އަޑިން ޝުކުރިއްޔާ އަޅުގަނޑުގެ ދަރިއަށް ދުވަސްކޮޅަކު ކިޔަވައި ދެއްވީތީ ﷲ ތިބާއަށް ހެޔޮ ދަރުމަ ދެއްވާށި