އެކަލޭގެފާނާއި ދީނުގެ މައްސަލައަކާއި ބެހޭގޮތުން މީހަކު ސުވާލުކުރިއެވެ. އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "ތިމަންނައަކަށް ނޭންގެއެވެ." އެމީހާ ބުންޏެވެ. އެއީ ވަރަށްލުއި ކުޑަކުޑަ މައްސަލައެކެވެ. ދެން އިމާމު މާލިކު ރަޙިމަހުﷲ ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ. " ޢިލްމުގައި ލުއިއެއްޗެއް ނުހުރެއެވެ. ޢިލްމުގައި ކޮންމެއެއްޗަކީވެސް ބަރު (ބޮޑު) އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު އަޑުނާހަމުހެއްޔެވެ؟ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން ތިމަންއިލާހު ބުރަވެގެންވާ ބަސްފުޅު ކަލޭގެފާނުގެ މައްޗަށް ބާވައިލައްވަމެވެ."

ދެން ޝެއިޚު ޞާލިޙު އާލުއްޝައިޚު ލިޔުއްވާފައިވެއެވެ. ފަހެ ޢިލްމު އެ ޙާޞިލުކުރާ މީޙާއަށް އެއީ ބުރަވެގެންވާ ބަރުދަން ހުރިއެއްޗެއްކަން ދަންނާނެއެވެ. ނަމަވެސް ބައެއް (ޢިލްމީ)މައްސަލަތައް ހަމައެކަނި ކިޔަވާމީހުންނަށް އެވަނީ ފަސޭހަކަމަކަށެވެ. އެ ދެނެގަނެވޭނެއެވެ. އަދި ވާނުވާއޮޅުން ފިލާނެއެވެ. ނަމަވެސް އެބައިމީހުން އެމައްސަލަތައް ބަލައިލާނީ އަވަސްއަވަހަށް މަތިމަތިންނެވެ. ފަހެ އެބައިމީހުންނަށް އެކަމުގެ ސަބަބުން އެތައްކަމެއް (ޢިލްމުން) ރޯނުފިލައިނުވަތަ ގެއްލިފައި އޮވެއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ. (1)

ނޯޓު: މިޒަމާނުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކުގެ ވާހަކަދެއްކެން ނެތެވެ. ދީނުގެ ޢިލްމަކީ އަޅުގަނޑުމެން ހިތުހުރިހައި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފޭސްބުކާއި ޓުވިޓާޔާއި ލިންކޭޑިންއާއި މިހެންގޮސް ސޯސަލް ނެޓްވޯރކު ތަކުގައިވެސް ފަތުވާ ލިޔާމީހުން ލިޔަނީއެވެ. ފަތުވާދޭމީޙުން ދެނީއެވެ. ފަތުވާހަދާ މީހުން ހަދަނީއެވެ. ފަތުވާކުރަހާ މީހުން ކުރަހަނީއެވެ. ދީނަށް މަލާމާތްކޮށް ދީނުގެ ޙުކުމްތަކަށް ހިތުހުރިހާ ގޮތަކަށް ފާޑުކިޔައި ﷲގެ ޝަރީޢަތުގެ ޙުރުމަތް ކަނޑައި ޢިލްމުވެރިންގެ ޙުރުމަތްކަނޑައި އަދި ވަޟަޢީގާނޫނުތައް މޮޅުކުރެވެމުންދަނީއެވެ. މިދީނުގެ ބޮޑެތި އިމާމުން ކަންކުރެއްވި ގޮތް އެޔޮތީ ފެންނާށެވެ. والله المستعان. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަލާތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވައި ﷲ ރުއްސަވާ ތެދުމަގަށް ހިދާޔަތު ދައްކަވައި އެންމެހާ ނިކަމެތިވަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މަދަދުދެއްވުމެވެ. އަދި އިބަﷲ އަދުއްވުންގެ މަތިންނާއި ތިރިންނާއި ހުރިހާ ފަޅިޔަކުންއ އެބައިމީހުންނަށް ދަތިކުރައްވައި ނިކަމެތިކަންދެއްވުމެވެ. . أسال الله السلامة و العافية من كل بلاء و الكرب و من عذاب القبر و من الجهال المضللين. أمين

________________________

މަސްދަރު: ޝަރްޙު ޢަރްބަޢީނަ ނަޥަޥިއްޔާ، އައްޝެއިޚު ޞާލިޙު ބިން ޢަބްދުލްޢަޒީޒް އާލުއްޝައިޚު. ދާރުލްޢާޞިމާ، ސަފުހާ: 9
ނޯޓު: އިމާމު މާލިކު ރަޙިމަހުﷲ އަކީ ކޮންބޭފުޅެއް؟