الحمد لله رب العامين، الصلاة و السلام على نبينا محمد و آله و صحبه أجمعين. أما بعد.

ޙަދީޘް

عَبْدَ اللَّهِ بْنَ عُمَرَ رَضي اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا جَاءَ أَحَدُكُمُ الْجُمُعَةَ فَلْيَغْتَسِلْ “

ޙަދީޘްގެތަރުޖަމާ:

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރުނަމާދަށް އަންނަ ކަމުގައި ވާނަމަ ފަހެ ހިނައިގަންނަ ހުށިކަމެވެ."

ޙަދީޘުން ލިބޭ ފައިދާ

ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔުމުގެ ކުރިން ހިނައިގަތުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ އަމުރުކުރައްވާފައިވާ ކަމާއި އެކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ބާރުއަޅުއްވާފައިވާ މިންވަރު މިޙަދީޘް ބަސްފުޅުން އެނގިގެން ދެއެވެ.

ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ހިނައިގަތުމުގެ ޙުކުމް.

ޖުމްހޫރު ޢިލްމުވެރިން އެއީ ސުންނަތެއްކަމަށް ވިދާޅުވާއިރު ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެއީ ވާޖިބެއްކަމުގައެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ފަރުވާކުޑަ ކުރެވެން ހުރި މައްސަލައެއްނޫނެވެ. އިމާމު އައްޞަންޢާނީ ރަހިމަހުﷲ ސުބުލުއްސަލާމްގައި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. "ފަހެ މުއުމިނުންނަށް ރައްކާތެރިވެގެންވަނީ ހުކުރު ދުވަހުގެ ހިނައިގަތުން ދޫނުކުރުމެވެ." ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ (ފަތާވާ ނޫރު ޢަލައް ދަރްބް) ސުވާލުކުރެވުމުން ވިދާޅުވެފައިވެއެވެ. "ހުކުރު ދުވަހު ހިނައިގަތުމަކީ ވާޖިބެކެވެ." އިމާމު ޝައުކާނީ ރަޙިމަހުﷲ ނައެލުލް އައުތާރުގައި ވިދާޅުވެފައިވެއެވެ. "ހުކުރު ދުވަހު ހިނައިގަތުމަކީ ވާޖިބެއްކަމަށް އައިސްފައިވާ ޙަދީޘްތައް ވާޖިބެއްނޫންކަމަށް ދަލީލުކުރާ ޙަދީޘްތަކަށްވުރެ ރާޖިޙުކަން (ވަރުގަދަ) ކަން ބޮޑެވެ."

ހިނައިގަންނާނީ ކޮން ވަޤުތަކު؟

ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ރަނގަޅުކަން ބޮޑުވެގެންވާ (ބުނުމަކީ) ހިނައިގަންނަން ޖެހޭނީ އިރުއެރުމަށްފަހުގައެވެ. އަދި އެންމެ މޮޅު އިތުރުވެގެންވަނީ މިސްކިތަށް ދާންވުމުން ހިނައިގަތުމެވެ.” (ފަތާވާ ނޫރު އަލައްދަރްބް)

ހިނައިގަންނާނީ ކިހިނެތް؟

“(ހިނައިގަންނަކަމަށް) ނިޔަތްގަންނާނީއެވެ. (2) އެޔަށްފަހު ބިސްމި ކިޔާނީއެވެ. (3) އެޔަށްފަހު ދެއަތްތިލަ ތިންފަހަރު ދޮވެލާނީއެވެ. (4) އެޔަށްފަހު އޭނާގެ ލަދުވެތި ގުނަވަން ދޮވެލާނީއެވެ. (5) ދެން އެޔަށްފަހު ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާނީއެވެ. (6) ދެން ބޮލަށް ތިންފަހަރު ފެންއެޅުމަށްފަހު އިސްތަށިތަކުގައި ރަނގަޅަށް ފެންޖެހެންދެން ދޮވެލާނިއެވެ. (7) އެޔަށްފަހު މުޅި ގައި އެއްކޮށް ދޮވެލާނީއެވެ. ފަށާނީ ކަނާތް ފަރާތުންނެވެ. އެޔަށްފަހު ވާތްފަރާތެވެ. ފެން އަޅާއިރު ގަޔާއި އިސްތަށިތަކުގައި ރަނގަޅަށް ފެންޖެހޭނެ ފަދައިން ކަންތައްކުރަން ވާނެއެވެ. މީގެ އަސްލަކީ ޞަޙީޙައިނިގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އައިސްފައިވާ ހަދީޘްބަސްފުޅެކެވެ…(ދެން ޙަދީޘްބަސްފުޅު)” ޝެއިޚު ބިން ބާޒުއާއިމަތީގައިވާ ސުވާލުކުރުމުން ދެއްވާފައިވާ ޖަވާބެކެވެ.

سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ

ކިޔުންތެރިންގެ ހިޔާލު