ނަންފުޅު: އެކަލޭގެފާނަކީ އަލްއިމާމު އަލްޢައްލާމާ އަލްޙާފިޡު މުޙައްމަދު ބިން ޙިއްބާން ބިން އަޙުމަދު އައްތަމީމީ އައްދާރަމީ އަލްބުސްތީއެވެ. ނިސްބަތްވެވަޑައިގަންނަވާ ރަށަކީ ބުސްތުއެވެ. މަޝްހޫރު ވެ ވަޑައިގެންފައިވަނީ އިބުނު ޙިއްބާނުގެ ނަމުންނެވެ.

ކުންޔާ: އަބޫ ޙާޠިމް

އުފަންވެވަޑައިގަތުމާއި ޢިލްމީދަތުރުފުޅުތައް:

އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 270އިގެ އަހަރުތަކުގައެވެ. އެއީ އިމާމު ނަސާއީ އިމާމު އިބުނު ޚުޒައިމާ އިމާމު އަބޫ ޔަޢުލާ އަލްމައުޞިލީ އިމާމު އިބުނު އަބީ ޙާތިމް (ރަޙިމަހުމުﷲ ޖަމީޢަން) ފަދަ އިމާމު ބޭކަލުން އުޅުއްވި ދުވަސްވަރެވެ.

އެކަލޭގެފާނު އިލްމު ޙާޞިލުކުރައްވަން ފެއްޓެވި ސީދާ ދުވަސްވަރެއް އަދި ޢިލްމު ޙާޞިލުކުރެއްވިގޮތުގެ ތަފުސީލު ތަރުޖަމާތައް ލިޔެވިފައިވާ ފޮތްތަކުގައި ބަޔާންވެފައި ނެތްކަމުގައި ވިޔަސް އެކަލޭގެފާނު އެތައް ރަށްތަކަކަށް ދަތުރުކުރައްވާ އިލްމު ޙާޞިލުކުރެއްވިއެވެ. އެގޮތުން ބަޣުދާދު މިސްރު ޠަބަރިއްޔާ ނަސާ މައުސަލް ނައިސާޕޫރު ދިމިޝްޤު އަސްޤަލާން އަދި ބައިތުލްމަޤްދިސް ފަދަ އެތައް ރަށެއް ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނުގެ ބައެއް ޝެއިޚުން:

އެކަލޭގެފާނު ޞަޙީހްގެ ނަމުން މަޝްހޫރުވެފައިވާ "އައްތަޤާސީމު ވަލް އަންވާޢު" މި ފޮތުގައި ލިޔުއްވާފައިވެއެވެ. "އިސްބީޖާބުން(ރަށެއް) ފެށިގެން އިސްކަންދަރިއްޔާއާ ހިސާބަށް ތިމަންކަލޭގެފާނު ދެހާހަށްވުރެ ގިނަ ޢިލްމުވެރިންގެ ކިބައިން ލިޔެވިފައިވާނެއެވެ."

އެކަލޭގެފާނުގެ ބައެއް ޝެއިޚުންގެ ތެރޭގައި އިމާމު ނަސާއީ، އިމާމު އިބުނު ޚުޒައިމާ، އިމާމު އަބޫ ޔައުލާ އަލްމައުޞިލީ، މުޙައްމަދު ބިން ހަސަން ބިން ޤުތައިބާ އަލްއަސްޤަލާނީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނުގެ ބައެއް ދަރިވަރުން

އެކަލޭގެފާނުގެ ޝެއިޚުންގެ އަދަދު ގިނަފަދައިން އެކަލޭގެފާނުގެ ދަރިވަރުންގެ ޢަދަދުވެސް ވަކިމަދެއްނޫނެވެ. އެގޮތުން އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ޙާކިމް އިމާމު އައްދާރުޤުޠުނީ އިމާމު އިބުނު މަންދާ ފަދަ ބޮޑެތި ޙަދީޘް ޢިލްމުގެ އިމާމުންތައް ފާހަގަކޮށްލެވެއެވެ.

އެކަލޭގެފާނު ޢިލްމީ އާޘާރުތައް.

އެކަލޭގެފާނުގެ ޢިލްމީ އާޘާރުތައް ނުހަނު ގިނަގުނަ ވެގެންވެއެވެ. ވަރަށް ގިނަފޮތްތައް ތަޞްނީފުކުރައްވާފައިވެއެވެ. ޔާޤޫތުލް ޙުމަވީ "މުޢުޖަމުލް ބުލްދާނު" ކިޔާ ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. "އެހެން އެއްވެސް މީހަކަށް ކުޅަދާނަ ނުވާ މިންވަރަށް ޙަދީޘް ޢިލްމުގެ ފަންނުގައި ލިޔުއްވާފައިވެއެވެ." އެގޮތުން އެކަލޭގެފާނު ލިޔުއްވާ ޖަމާކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި ޞަޙީހް އިބުނު ޙިއްބާނުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފޮތާއި ކިތާބުއް ޘިޤާތާއި "މަޖްރޫޙީން މިނަލް މުޙައްދިޘީން" މިފޮތާއި އަދި "މަޝާހީރު ޢުލަމާއިލް އަމްޞާރި" ފަދަ ފޮތްތައް ހިމެނެއެވެ. ބަޔާންމިކުރެވުނީ ޙަދީޘްގެ ފަންނުގައި ވަރަށް މުހިންމު ބޮޑެތި މަރުޖިޢުތަކެއްކަމުގައި ވެފައިވާ ފޮތްތަކެކެވެ.

އަދިވެސް އެތައް ފޮތްތަކެއް އިމާމު އިބުނު ޙައްބާން ރަޙިމަހުﷲ ލިޔުއްވާފައިވެއެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ދީނީ ޢިލްމުވެރިއެއްގެ ގޮތުގައި އެކަންޏެއްނޫނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ދުނިޔަވީ އެތައް އިލްމެއްގައިވެސް އެދުވަސްވަރު އަރާހުންނެވި ބޭކަލެއްކަމުގައެވެ. އެގޮތުން ނުޖޫމީ ޢިލްމާއި ބޭސްވެރިކަމާއި ޢަރަބި ބަހުގައިވެސް އެކަލޭގެފާނަކީ ވަރަށް ފުންނާބު އުސްބޭކަލެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ޙަދީޘްފޮތް އައްތަޤާސީމު ވަލް އަންވާޢު( ޞަޙީޙް އިބުނު ޙައްބާން) ޖަމާކުރައްވާފައިވަނީ އޭގެކުރިން ބަޔަކު ނުދެކޭފަދަ ވަރަށް އާދަޔާ ޚިލާފު ތަރުތީބަކަށެވެ. ފަހުން އެފޮތްވަނީ ފިޤުހުގެ ބާބުތަކަށް ތަރުތީބުކުރެވިފައެވެ.

ޢިލްމުވެރިންގެ ޘަނާގެ ބަސްފުޅުތައް

އިމާމު ޙާކިމު ރަޙިމަހުﷲ ވިދާޅުވިއެވެ. "އިބުނު ޙިއްބާން ހިމެނިވަޑައިގަންނަވަނީ ފިޤުހާއި ބަހާއި ޙަދީޘާއި ވަޢުޡުދެއްވުމުގައި ވަރަށް ފުންނާބު އުސް އިލްމުވެރިބޭކަލެއްކަމުގައެވެ. އަދި ވަރަށް ބުއްދި ތަނަވަސް ވިސްނުން ތޫނު ބޭކަލެއްކަމުގައެވެ."

އަބޫ ސަޢުދުލް އިދުރީސީ ރަޙިމަހުﷲ ވިދާޅުވިއެވެ. " އިމާމު އިބުނު ޙިއްބާނު ސަމަރުގަންދުގެ ޤާޟީކަން ދުވަސްތަކެއްވަންދެން ކުރެއްވިއެވެ. އިސްލާމްދީނުގެ ފިޤުހުވެރިންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. އަދި ޙަދީޘްތަކާއި އަޘަރުތައް ހިތުދަސް ހާފިޡެއްމެއެވެ. ބޭސްވެރިކަމާއި ނުޖޫމީ ޢިލްމާއި އަދިވެސް އެތައް ފަންނެއްގައި ކުރިއަރާހުރި ޢިލްމުވެރިއެކެވެ."

އިމާމު ޛަހަބީ ރަޙިމަހުﷲ ސިޔަރުގައި ގެންނަވާފައިވެއެވެ. "އަލްއިމާމު އައްލާމާ، އަލްޙާފިޡު އަލްމުޖައްވިދު، އަދި ޚުރާސާނުގެ ޝެއިޚެވެ.(ޢިލްމުވެރިޔާއެވެ.)."

އަދި އެކަލޭގެފާނާއި ބެހޭގޮތުން ފަރާތްތަކުން ދައްކާފައިހުރި ބައެއް "ވިޔާނުދާ" ވާހަކަތަކަށް އިމާމު ޛަހަބީ އެކަލޭގެފާނުގެ ސިޔަރުގައި ރައްދުދެއްވާ އެވާހަކަތަކުގެ ޙަޤީޤަތްބަޔާންކޮށްދެއްވާފައިވެއެވެ.

އަވަހާރަވެވަޑައިގަތުން

އިމާމު ޢައްލާމާ ޙާފިޡު އިބުނު ޙިއްބާނު ރަޙިމަހުﷲ އަވަހާރަވެވަޑައިގަތީ ހިޖުރީ ސަނަތުން 354 ވަނަ އަހަރު ސަޖިސްތާނުގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅު އުޅެނީ އަށްޑިހައިގެ އަހަރުތަކުގައެވެ. ﷲސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ސުވަރުގޭގެ ފިރުދައުސު މިންވަރުކުރައްވާ ހެޔޮރަޙުމަތްލައްވާށިއެވެ.

وصلى الله وسلم على نبينا محمد وآله صحبه أجمعين. آمين.

މަރުޖިޢުތައް:

އައްސިޔަރު – އިމާމު ޛަހަބީ ރަޙިމަހުﷲ. އަލްބަޔާން ވައްތަފުޞީލު – ޢައްލާމާ އަނީސް ޠާހިރު ހަފިޒަހުﷲ.