މާލެ ސިޓީގެ ގެއަކުން ނެރިފައިހުރި ޑަސްބިންއެއްގައި ބެހެއްޓިފައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި، ވެމްކޯގެ މުވައްޒަފެއްގެ ވާތު އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި، އެއަތުގެ ނާރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިކަން ހިނގާފައި ވަނީ ރޭ 23:00 ގައެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މިމަހުގެ 27 ނިޔަލަށް، މާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު ތިން ހާދިސާއަކާއި ކުރިމަތިލާންޖެހި، އެކި ވަރުގެ ހާނިއްކައާއި އަނިޔާތައް ލިބިފައިވާ ކަަމަށެވެ،

ވެމްކޯގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ކުނި ނެގުމުގެ ބުރަ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ އެކޯޕަރޭޝަންގެ ވެށިފާރަވެރިންނަކީ އެ ކޯޕަރޭޝަން އާއި ހަވާލުކުރެވިފައިވާ އެންމެ ބޮޑު ޒިންމާ ކަމުގައިވާ، ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ފުރިހަމަކުރުމުގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުންދާ ވެމްކޯގެ ފަހުރެއް ކަމަށެވެ.

އަދި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެ ކޯޕަރޭޝަނުން މިދަނީ މަސައްކަތުގައި މަސްއޫލުވެ އުޅޭ ކޮންމެ ފަރާތަކަށް ރައްކާތެރިކަމުގެ އަންގި، މާސްކް އަދި އެހެނިހެން އާލާތް ބަރާބަރަށް ފޯރުކޮށްދެމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް، އެ ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ ކަސްޓަމަރުން، އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ނެރެމުންދާތީ ހިތާމަ ކުރާ ކަމށް އެ ބަޔާނުގައި ވެއެވެ. އަދި މީގެ ސަބަބުން، މިކޯޕަރޭޝަންގެ ވެށިފާރަވެރިންނަށް އެކި ކަހަލަ ހާނިއްކައާއި އަނިޔާ މެދުނުކެނޑި ލިބެމުންދާކަންވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ވެމްކޯއިން ބުނީ، ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ވެސް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރުރީ ހިދުމަތްދިނުމުގައި ވެމްކޯގެ މުއައްޒަފުން ދެމިތިބިއިރު، ގޭބިސީތަކުން ކުނި ނެގުމަށް އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަޑަށް ގިނަ ފަރާތްތަކުން އަމަލުނުކުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިގޮތުން، ބިއްލޫރިއާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ، މިފަދަ ސީރިއަސް ޒަހަމްތަކަށް މިކޯޕަރޭޝަންގެ މުވައްޒަފުން ހުށައެޅުމަށް އޮތް ފުރުސަތެެއް ކަމަށް ފަހާގަކޮށްފައި ވެއެވެ.

އެހެންކަމުން މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުނި ބަންދުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ކަސްޓަމަރުންގެ އަރިހުން އެކޯޕަރޭޝަނުން ވަނީ އިލްތިމާސްލޮށްފައެވެ.