އަރަފާތު ދުވަހަކީ ހައްޖު މަހުގެ ނުވަވަނަ ދުވަހެވެ. އެ ދުވަހަކީ އެތަށް ގޮތަކުން ހާއްސަ ދުވަހެކެވެ. އަދި އެއީ ދަރުމައާއި ސަވާބުން ފުރިގެންވާ ދުވަހެކެވެ. މާދަމާ އަކީ މިއަހަރުގެ އަރަފާތު ދުވަހެވެ. ހައްޖުވެރިން ނޫން އެހެން މީހުންނަށްވެސް އަރަފާތު ދުވަހުގެ ހެޔޮކަމުގައި ބައިވެރިވުމުގެ ފުރުސަތު މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ ތަނަވަސް ކުރައްވާފައެވެ.

އެއީ އެދުވަހު ރޯދައަށް ހުރުމާއި އެނޫންވެސް ހެޔޮ އަމަލުތަށް ކޮށްގެންނެވެ. އެދުވަހުގެ ރޯދައަކީ ދެ އަހަރު ދުވަހުގެ ކައްފާރާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ޢަރަފާތު ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ކުރުވުމުން، ޙަދީޘްކުރެއްވިއެވެ.

"يكفر السنة الماضية والسنة القابلة" (رواه مسلم)

މާނައީ: "ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްކަމުގައި އެރޯދަ ވެއެވެ."

ޢަރަފާތު ދުވަހުގެ ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. އެކަން ހާމަވެގެންދަނީ މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ކުރެއްވި ހަމައެކަނި ޙައްޖު ދަތުރުފުޅުގައި، ޢަރަފާތު ދުވަހު އެކަލޭގެފާނު ރޯދަހިއްޕަވާފައި ނުވާ ނުވުމެވެ.

ބައެއް އިލްމުވެރިންގެ ނަޒަރުގައި ކައްފާރާއެއްގެ ގޮތުގައި އަރަފާތު ދުވަހުގެ ރޯދަ ހިމަނުއްވާފައިވަނީ އެ ދުވަހު ރޯދަ ހިފުމުން އިސްވެ ދިޔަ އަހަރާއި ކުރިއަށް އަންނަން އޮތް އަހަރުގެ ކުދި ފާފަތަށް ފުއްސަވާނެތީއެވެ.

އަރަފާތު ދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެކެވެ. މާތް ﷲ ރުއްސުން ލެއްވި އުމަރު ބުނުލް ހައްތާބުގެ އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހަކު ރަހޫދީންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން ކިޔަވާ އުޅޭ އާޔަތްތަކެއް ވެއެވެ. އެއާޔަތްތަށް އަހަރެމެން ޔަހޫދީންގެ މަށްޗައް ބާއްވާލެވުނު ނަމަ، އެ އާޔަތްތަށް ބާއްވައިލެއްވުނު ދުވަހަކީ އީދު ދުވަހެއް ކަމުގައި ހެދީމުހެވެ. އެހިދު އުމަރުގެފާނު ވިދާޅުވިއެވެ، އެއީ ކޮން އާޔަތެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ.

"الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا" (المائدة: 3) މި އާޔަތެވެ.

މާނައީ: "މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ."

ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންމެނަށް އެ އާޔަތް ބާވައިލެއްވުނު ދުވަހާއި ތަން އެނގެއެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އެ އާޔަތް ބާވައިލެއްވުނީ ސަލަމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޢަރަފާތުގެ ބިމުގައި ހުންނަވަނިކޮށެވެ.

އަރަފާތު އެދުވަހުގެ މާތް ކަމަށްޓަކައި ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އެދުވަސް ގަންދެއްވައި ހުވާކުރައްވާފައެވެ. އެހެނީ މަތިވެރިވެގެންވާ އެއްޗަކުން މެނުވީ މަތިވެރިވެގެންވާ އިލާހު ގައްދެއްވައި ހުވާ ވަޙީނުކުރައްވާނެތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

"وَشَاهِدٍ وَمَشْهُودٍ" (البروج: 3)

މާނައީ: "އަދި ހެކި ދޭފަރާތާއި ހެކިދެވޭ ފަރާތް ގަންދެއްވަމެވެ."

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "اليوم الموعود : يوم القيامة، واليوم المشهود : يوم عرفة، والشاهد: يوم الجمعة.." (رواه الترمذي وحسنه الألباني)

މާނައީ: " اليوم الموعود އަކީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود އަކީ ޢަރަފާތު ދުވަހެވެ. އަދި الشاهد އަކީ ހުކުރު ދުވަހެވެ."

اليوم المشهود ގެ މާނައަކީ ހެކިވެވިގެންވާ ދުވަހެވެ. ޢަރަފާތު ދުވަހަށް މިނަން ދެވުނީ އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންނަށް އެކަލާނގެ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެން އެކަމަށް އެމަލާއިކަތުން ހެކިކުރައްވާ ދުވަހަށް ވާތީއެވެ.

އަރަފާތު ދުވަހަކީ ފާފަ ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ.

ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟"

މާނައީ: "ޢަރަފާތުދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"

އަދިވެސް އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބައްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

. "إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول: انظروا إلى عبادي، أتوني شعثا غبراً" رواه أحمد وصححه الألباني".

މާނައީ: "ޢަރަފާތު ދުވަހުގެ ހަވީރުގެ ވަގުތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަން ރަސްކަލާނގެ ޙަޟުރަތަށް އައިސްފައި އެވަނީ ބޯހޭވި ހިރަފުސްވެފައިވާ ޙާލުގައެވެ."

އަޅެމެން ޢަރަފާތު ދުވަހުގެ ހެޔޮކަމާއި ދަރުމަ ލިބޭ މީހުންގެ ތެރެއިން ލައްވާށި. އާމީން.