ގައުމީ ޕޭމަންޓު ސިސްޓަމަށް ޓެކްނިކަލް ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ކޮންސަލްޓަންޓަކު ހޯދުމާ ބެހޭ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވިދާޅުވެފައި ވަނީ "މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޮޕްމަންޓު ޕްރޮޖެކްޓް"ގެ ދަށުންް ތައްޔާރުކުރަމުން އަންނަ ޕޭމަންޓް ސިސްޓަމަށް ކޮންސަލްޓަންޓެއް ބޭނުންވާ ކަމަށެވެ.

އެހެން ކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.

މިހާރު ކުރިއަށް ގެންދަނީ އޮންލައިން ސިިސްޓަމް ޓެސްޓިންގެ މަސައްކަތެވެ. ޕޭމަންޓު ސިސްޓަމު ގާއިމްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މި ޕްރޮޖެކްޓްގެ ދެވަނަ މަރުހަލާގެ ދަށުން ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ވެސް ރިއަލް ޓައިމްކޮށް ހިންގުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޝެނަލް ޕޭމަންޓް ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ފައިސާ، ސީދާ ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވަގުތުން ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިންޓަނޭޝަނަލް ކާޑު އެސޯސިއޭޝަންތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެމްއެމްއޭއިން ނިންމާފައިވެއެވެ.